ސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ދަނީ ރައްޓެހިންގެ ޖީބުތައް ފުރަމުން ކަމަށާއި ސަރުކާރުގެ އެންމެ މުހިންމު ވައުދާ ޚިލާފު ވެއްޖެ ކަމަށް ކުރީގެ ނާއިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުންދާ މައްސަލާގައި ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. ޖަމީލް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ވައުދު ކަމަށްވާ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" އާ ޚިލާފުވެއްޖެ ކަމަށެވެ. ޖަމީލް ވިދާޅުވީ ބަދަލުގެ ނަމުގައި ސަރުކާރުން ދަނީ ރައްޓެހިންގެ ޖީބު ފުރަމުން ކަމަށެވެ.

ހުކުމަކާ ނުލައި މޭޒުދަށުން ނިންމާ ނިންމުމަށްވުރެ ބޮޑު ވައްކަމެއް އޮންނާނެތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މުޅިންވެސް ބަދަލު ލިބެނީ ރައްޓެހިންނަށާއި ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށްތޯ ވެސް ސުވާލު އުފައްދަވާފައި ވެއެވެ.

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމަށް ކޯޓުން ހުކުމްކޮށްގެންނާއި އަދި ކޯޓު މަރުހަލާއިން ބޭރުން ވާހަކަދައްކައިގެން އެއްބަސްވެގެން ބަދަލުގެ ގޮތުގައި މިހާތަަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރެވުނު ސުވާލުތަކުގެ ތެރެއިން ދެއްވި ޖަވާބުން އެނގޭ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް (ނޫމަޑި) އަށެވެ. އެއްބަސްވުން އުވާލި މައްސަލާގައި އެކުންފުންޏަށް 848 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ބަދަލުގެ ގޮތުގައި މިހާތަަނަށް ދިން ފައިސާގެ ތެރޭގައި ދެން ހިމެނެނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރަން މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާއެކު ވި އެއްބަސްވުން އުވާލި މައްސަލާގައި އެކުންފުންޏަށް 280 މިލިއަން ރުފިޔާއާއި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިޔުއެލްޓީ) އަށް ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން ހެދި އެއްބަސްވުމާ ޚިލާފުވެގެން އެކުންފުންޏަށް 130 މިލިއަން ރުފިޔާއާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާއެވެ. މީގެ އިތުރަށް ކުޑަކުއްޖަކަށް ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން އެކުއްޖާ އިވުމުން މަހުރޫމްވި މައްސަލާގައި ބަދަލުގެ ގޮތުގައި ދޭންޖެހުނު ހަތް މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.

ބަދަލު ދިނުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރަމުންދާ މައްސަލާގައި ސަރުކާރުން ބުނެފައިވަނީ މި ޚަރަދުތައް ކުރަން ޖެހެނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ޚިލާފަށް އެއްބަސްވުންތައް އުވާލާފައި ހުރުމުން ބަދަލުދިނުން ނޫން ގޮތެއް ނެތިގެން ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ދައުލަތުން މާލީ ބޮޑެތި ބަދަލުތަކެއް ދެމުންދާ ގޮތް ބަލަން ފަށާފައިވާ ކަމަށް ބުނެފައެވެ.