ބަންގާޅުގައި މިހާރު ކުރިޔަށްދާ 16 އަހަރުން ދަށުގެ ޔުއެފާ އެސިސްޓް ޑިވެލޮޕްމެންޓް ޓޯނަމަންޓް 2019 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ކެމްބޯޑިއާއާ އެއްވަރުކޮށްފި އެވެ.

މިއަދު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ޑާކާގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ކެމްބޯޑިއާއިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ސަ އުސޯސް މި ގޯލް ކާމިޔާބުކުރީ ވަރަށް ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. އެކަމަކު 25 ވަނަ މިނެޓުގައި ރާއްޖޭގެ މުހައްމަަދު ޚަނާން އާދަމް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޚަނާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާއިރު، ފެރޯ އައިލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކެމްބޯޑިއާއިން އަލުން ލީޑު ނެގި ނަމަވެސް، އޭގެ 8 މިނެޓު ފަހުން ރާއްޖެއިން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރާއިފް ފަޒީލެވެ.

މުބާރާތުގެ ދެވަނަ މެޗުން ރާއްޖެ ޕޮއިންޓެއް ހޯދިއިރު، ފުރަތަމަ މެޗުން ފެރޯ އައިލޭންޑްސް އަތުން ރާއްޖެ ބަލިވީ 10-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ފެރޯ އައިލޭންޑްސް އާއި ކެމްބޯޑިއާ އަދި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުހިފާ، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސިފަހުން، ޒުވާން ޓީމުން ވަނީ ދެ މުބާރާތެއްގައި ކުޅެފައެވެ.

އެގޮތުން އޯގަސްޓް މަހު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރިއިރު، މިދިޔަ މަހު ޒުވާން ޓީމު ވަނީ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައިވެސް ވާދަކޮށްފައެވެ.

އަދި ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސުމުގެ ކުރިން އައްޑޫ ސިޓީގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައިވެސް މި ޓީމު ވަނީ ވާދަކޮށްފައެވެ.