އެމްޑީޕީގެ ދާއިރާތަކުގެ ބައި އިލެކްޝަން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެމްޑީޕީގެ ބައި އިލެކްޝަން މިއަދު ބާއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅީ އުތުރު ދާއިރާއާއި، މައްޗަންގޮޅީ ދެކުނު ދާއިރާ އަދި ކ.ގުރައިދޫ ދާއިރާއަށެވެ. މި ދާއިރާތަކުން ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށް ވޯޓުލުން ކުރިއަށްގެންދިޔައީ މާލޭގައި އެމްޑީޕީ ހަރުގޭގައާއި އަދި ރަށްރަށުގައި ވެސް އެމްޑީޕީ ހަރުގޭގައެވެ.

އެމްޑީޕީން ބުނީ ކުރިން ހަމަޖައްސާފައި އޮތީ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ވިއްސާރަވުމުން މިރޭ އިރުއޮއްސި 7:00 އާ ހަމައަށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ ބައި އިލެކްޝަން މިއަދު ބާއްވާފައިވާއިރު، އެޕާޓީގެ ލީޑަރޝިޕްގެ އިންތިޚާބަށް ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ރައީސްގެ މަގާމާއި ނާއިބުރައީސްގެ މަގާމު ހުސްވެފައިވާތީ އެ ދެމަގާމަށް މީހުން ހޮވުމަށް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އިންތިޚާބު ބާއްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. މި ދެމާގަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ 12:00 އަށް ހަމަވާނެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނާއިބުރައީސްގެ މަގާމަށް ހުޅުވާލުމާއެކު ބައެއް ބޭފުޅުން ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި މިހާރު ވެސް ކެމްޕޭން ފައްޓަވާފައެވެ. މިގޮތުން ޕާޓީގެ ރައީސްކަމުގެ މަގާމަށް އިތުރު ދައުރަަކަށް ކުރިމަތިލައްވާނެކަން ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. އަދި ނާއިބުރައީސްގެ މަގާމަށް އެމްޑީޕީގެ ކުރީގެ ނާއިބުރައީސް މުހައްމަދު ޝިފާޒާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.