ސިޔާސީ ދާއިރާގައި ދުޅަހެޔޮ ވާދަވެރިކަމެއް ނެތްނަމަ ރާއްޖެ އަނެއްކާވެސް ފަހަތަށް ގޮސް އޮބައިލުން ވަރަށްގާތް ކަމަށް ޖުމްހޫރީ ޕާރޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ މެމްބަރު ޤާސިމް އިބްރަހީމް ވިދާޅުވެއްޖެއެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީ" ގެ ނަމުގައި ވީޓީވީން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ޕާރޓީތައް އުފެދި ދުޅަހެޔޮ ސިޔާސީ ވާދަވެރިކަމެއް ނެތުމަކީ ރާއްޖެއަށް ލިބިފައިވާ ކުރިއެރުން މިހާރު ހުރި ހިސާބުގައި ހުއްޓި އިޤުތިސޯދީ އަދި އިޖުތިމާޢީ ގޮތުންވެސް އެތައް ޒަމާނެއް ފަހަތަށް ހިނގައިދާނެ ކަމެއް ކަމަށެވެ.

ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކަކީ އަދި ދަރުމައަށް ކުރާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް މަތިވެރި މަގުސަދެއްގައި ކަމަށެވެ. އަދި އެއީ ސިޔާސީ ދާއިރާއަށް ނިކުންނަ ފަރާތްތަކާއި މަޤާމްތަކަށް އާދެވޭ ބޭފުޅުންވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ޤައުމު އެމީހަކަށް ކޮށްދޭނެ ކަމަކަށް ނުބަލައި ގައުމަށްޓަކައި އެމީހަކަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައިގެން ޚިދުމަތަށް ނިކުންނަން ޖެހޭ ކަމަށެވެ.

މިހާރު ޖުމްހޫރީ ޕާރޓީން ލިބިގެން މިދާ ފުރުޞަތުތަކަކީ އެހެން އެއްވެސް ސިޔާސީ ޕާރޓީއަކުން ނުލިބޭނެ ފުރުޞަތުތަކެއް. އަދި މިއީ ޕާރޓީގެ އެތެރެއިންނާއި ބޭރުންވެސް ލިބިގެންދާނެ ފުރުޞަތުތަކެއް. ސިޔާސީ، އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން މަސައްކަތްކުރުމަށް ބަލައިލާއިރު އަޅުގަނޑުމެނަށް އެބަ އެނގޭ ކޮންކަހަލަ މުހިންމު ދައުރެއްކަން ސިޔާސީ ޕާރޓީތަކުން މި އަދާކޮށްދެނީ. ސިޔާސީ ޕާރޓީތައް އުފެދުމުން ރާއްޖެއަށް ލިބުނު ކުރިއެރުން އަޅުގަނޑުމެނަށް އެބަ އެނގިގެންދޭ."
ޤާސިމް އިބްރާހިމް

ރައްޔިތުންގެ މިނިވަންކަމާއި ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހަނިވެ ތަރައްގީގެ ރޮނގުން ކުރިއަށް ދިއުމަށް ފެހި ޤާނޫނީ އަސާސީ ވުޖޫދުވުމުގެ ކުރިން އޮތް ހުރަސްތަކާއި ފިތްތުންތަކަށް އިޝާރާތް ކުރައްވައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ އެކަންކަން ރައްޔިތުންނަށް ލިބިނުދޭކަމުގައިވާނަމަ ދުޅަހެޔޮ ސިޔާސީ ވާދަވެރިކަމެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެފަަދަ ވާދަވެރިކަމެއް ނެތްނަމަ ފެނިގެންދާނީ ކުރިން މި ރާއްޖެ ދުށްފަދަ އަނދިރި ދުވަސްތަކެއް ކަމަށެވެ.

އާދެ! އެހެންވީމާ ސިޔާސީގޮތުން އެކި މަޤާމްތަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންވެސް އެބަޖެހޭ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދޭން. ރައްޔިތުންނާ ހަމައަށް ދާން. ރައްޔިތުންނަށް ވަޢުދުތަކެއްވެގެން ގަދައަޅައި މަސައްކަތްކުރަން. އަޅުގަނޑުމެނަށް ވަށަވަށައިގެން އެބަފެނޭ ގަދައަޅައި މަސއްކަތްކުރާތަން. ކޮންމެ ސަރުކާރަކުންވެސް. ބައްލަވައިލައްވާ! މިދިޔަ ސަރުކާރަށާ އޭގެ ކުރީ ސަރުކާރަށާ އޭގެ ކުރީން އައިސްހުރި ސަރުކާރުތަކަށް. އަޅުގަނޑުމެނަށް ފެންނާނެ ހެޔޮ ބަދަލުތައް."
ގާސިމް އިބްރާހިމް

ޤާސިމް އިތުރަށް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމްތަކަށް ފައްތައިގެން ޕާރޓީތައް އުފައްދަން މަސައްކަތްކުރުމުން ވަރަށްގިނަ ފާޑުކިއުންތައް ކުރިމަތިވި ކަމަށެވެ. އަދި ގިނަގުނަ ގޮންޖެހުންތަކަކަށްފަހު ޕާރޓީތައް ވުޖޫދުވެގެން އައުމަކީ ރަނގަޅުފާލެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ފާޑުކިއުންތަކާއެކުވެސް މިރާއްޖޭގައި ދުޅަހެޔޮ ސިޔާސީ ވާދަވެރިކަމެއް ނެތްނަމަ ވަރަށްބޮޑު ނިކަމެތިކަމެއް ރައްޔިތުންނަށް ލިބި، ރާއްޖެ އަނެއްކާވެސް ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތްކަމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.