ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖެއަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ބްރޯންޒް މެމްބާޝިޕް ދީފި އެވެ.

ރާއްޖޭގެ އިތުރުން އޭއެފްސީން ބްރޮންޒް މެމްބާޝިޕް ދީފަިވަނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.

އޭއެފްސީން ގްރާސްރޫޓް ޗާޓަރުން ބަލާ މިންގަނޑުތަކަށް ފަހު އެ ލެވެލްގައި ފުޓްބޯޅަ ކުރިއަރުވާ އެސޯސިއޭޝަންތަކުގެ އަގުވަޒަންކުރާއިރު، ބްރޮންޒް މެމްބާޝިޕް ރާއްޖެ އާއި ފަަލަސްތީނަށް ދޭން އޭއެފްސީން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ބެލުމަށްފަހު އެވެ.

އޭއެފްސީން ގްރާސްރޫޓް ޗާޓަރުން ބަލާ މިންގަނޑުތަކުގެ ތެރޭގައި މުބާރާތްތައް، ފެއާޕްލޭ، ޕާޓްނާޝިޕް އަދި ޕާސަނަލް ޑިވެލޮޕްމަންޓް ހިމެނެ އެވެ. ރާއްޖެ އާއި ފަލަސްތީނުގެ އަގުވަޒަންކުރަން އޭއެފްސީން ނިންމާފައިވަނީ މި ކެޓަގަރީތައް ފުރިހަމަވުމުންނެވެ.

އެެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ރާއްޖެއަށް އޭއެފްސީގެ ބްރޮންޒް މެމްބާޝިޕް ލިބުނީ އެ އިދާރާގެ ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތުން ކަމަށެވެ.

ގްރާސްރޫޓް ލެވަލްގައި ރާއްޖެއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، މިއަހަރު އެފްއޭއެމުން ވަނީ ގިނަ ކުދިންތަކަކާއެކު އޭއެފްސީ ގްރާސްރޫޓް ފުޓްބޯޅަ ދުވަސްވެސް ފާހަގަކޮށްފައެވެ. އެގޮތުން މާލޭގެ ގިނަ އެކަޑަމީތަކުން އެ ހަރަކާތުގައި ބައިވެރިވިއިރު، އައްޑޫ ސިޓީގައި ބޭއްވި ގްރާސްރޫޓް ހަރަކާތުގައި 10 ސްކޫލުގެ ތެރެއިން 6 ސްކޫލް ބައިވެރިވިއެވެ. އަދި 4 ޕްރީ ސްކޫލް ވަނީ ބައިވެރިވެފައެވެ.