ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ އެ ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ހުސްވެފައިވާ އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ކުރިމަތިލައްވާފައެވެ. އަދި މިހާރުވެސް ނައިބު ރައީސްގެ މަޤާމްގައި ހުންނެވި، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމްގައި ހުންނެވި މުހައްމަދު ޝިފާޒް ވެސް ވަނީ އިތުރު ދައުރަކަށް ކުރިމަތިލައްވާފައެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ޝިފާޒު ވިދާޅުވެފައި ވަނީ، ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، އެންމެ ބޮޑު އެއް އަމާޒަކަށް ހައްދަވާނީ ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ހަމަޖެހުން ދެމެހެއްޓުން ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ޝިފާޒު އާއި، އަސްލަމް ކުރިމަތިލައްވާފައި ވާއިރު، އެޕާޓީގެ ރައީސްގެ މަޤާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އެމަޤާމްގައި މިހާރުވެސް ހުންނެވި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާންކުރައްވާފައެވެ. އަދި ޕާޓީގެ ސަޕޯޓަރުންގެ ތާއީދު ހޯއްދެވުމަށް ރައީސް ނަޝީދު ވަނީ ދަރުބާރުގޭގައި ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ މަޤާމްތަކަށް ވާދަކުރައްވާނެ ކަން އެކިއެކި ބޭފުޅުން އިއުލާން ކުރެއްވުމާއި އެކު އިންތިޚާބުގެ ކެމްޕެއިންގެ ފޯރި ސޯޝަލް މީޑިއާގައި ވަނީ ގަދަވެފައެވެ. ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުންގެ ނަޒަރުގައި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ހޮއްވެވުމަށް ކުރި ކެމްޕެއިންގެ ތެރެއިން ފެނިގެންދިއަފަދަ ވާދަވެރިކަމެއް މި އިންތިޚާބުންވެސް ފެނިގެންދާނެއެވެ.