މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ނެރުނު ރިޕޯޓުގެ މައްސަލައިގައި ތަހުގީގަށް ބައެއް މީހުންނަށް ޗިޓް ފޮނުވައިފިއެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްްޔާ އުވާލުމަށް ގޮވާލައި އަދި ޖަމިއްޔާގެ މެންބަރުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު އަޑުއުފުލަމުން ދަނިކޮށް، އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އެމްޑީއެންގެ މައްސަލައިގައި ތަހުގީގަށް މީހުން ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އަދި ޗިޓް ފޮނުވި މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމްޑީއެން މައްސަލައިގައި ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުންދަނީ. ބައެއް މީހުންނަށް މިހާރު ޗިޓް ވަނީ ފިނުވާފައި."
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު - ތަރުޖަމާނު

އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިިޕޯޓުގެ މައްސަލައިގައި، ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ބަލާނެ ކަމަށެވެ. އަދި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންފާއިރު، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލަ އާންމު ފަރާތަކުން ވެސް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އާއްމުން އަޑުއުފުލަމުންދާއިރު، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫއަރާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި ވެއެވެ.

އެ ރިޕޯޓާމެދު ނުރުހުނަސް، އެކަން ފާޅުކުރުމުގެ ގޮތުން އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.