ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށްފަހު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.
ޔޫވީގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭނެ ކަމަށް ނަޒީހު ބުނިއިރު، މިފަހަރުގެ ލީގުގައި އެޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް ޔުނައިޓެޑް ވިކްޓަރީން މެޗުތަކުގައި ނަތީޖާ ގޯސްވިއިރު، އެޓީމު އޮތީ ތާވަލުގެ ހަތްވަނައިގައި 8 ޕޮއިންޓާއެކު އެވެ. އެޓީމު ކޮޅަށް މިހާތަނަށް ވަނީ 31 ގޯލް ވަދެފައެވެ.
ވިކްޓަރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ ޔޫވީގެ ކޯޗުކަމުން އިސްތިއުފާ ދޭ ސަބަބު ވަރަށް ސާފު ކަމަށާއި، ލީގުގެ ތާވަލަށް ބަލާލިޔަސް އެކަން ފެންނާނެ ކަމަށެވެ. އަދި ޔޫވީއާ ދުރަށް ދިޔަ ނަމަވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި، ބޭނުމަކީ އެހެން ކޯޗަކާއެކު ނަމަވެސް، ކުރިއަށް އޮތް ތާނގައި ޔޫވީގެ ނަތީޖާ ރަނގަޅުވުން ކަމަށެވެ.
ޔޫވީގެ ކޯޗުކަމުން އިސްތިއުފާ ދޭނެ ކަމަށް ނަޒީހު ބުނިއިރު، އޭނާ އަލުން ޔޫވީއާ ގުޅެފައިވަނީ މި ސީޒަން ފެށުމުގެ ކުރިން މެއި މަހުގެ ތެރޭގައެވެ. މިދިޔަ އަހަރު ރެލިގޭޝަނުގައި ކުޅެ ޔުނައިޓެޑް ވިކްޓަރީ އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްދިނުމަށް ފަހު، ފަހުން ނަޒީހު ވަނީ ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު ކޮޅު ވިކްޓަރީގައިވެސް މަސައްކަތްކޮށްފަ އެވެ.
ލީގުގައި މާދަމާ ހަވީރު ޔޫވީ އާއި ވިކްޓަރީ ބައްދަލުކުރާއިރު، އެންމެ ފަހުން ފޯކައިދުއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީގެ ސްކޮޑު ހަމަވެފައެއް ނުވެއެވެ. ލީގު ތާވަލަށް ބަލާއިރު، 8 ޕޮއިންޓާއެކު ޔޫވީ ހަތްވަނައިގައި އޮތްއިރު، ވިކްޓަރީ އޮތީ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.
ޔޫވީ އާއި ވިކްޓަރީ މާދަމާ ހަވީރު 15:50 ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.