މާލޭގެ ހުޅަނގު ފަރާތުން ފަޅުތެރޭގެ 7 ހެކްޓަރު ވެލިއަޅައި ހިއްކާފައިވަނީ މާލޭގައި ހުންނަން ނުޖެހޭ ތަންތަން އެ ސަރަޙައްދަށް ބަދަލުކުރުމަށް ކަމަށް އެތަން ހިއްކުމުގައި އިސްކޮށް ހުންނެވި އޭރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެހެން ކަމަށް ވާނަމަ މާލޭގެ ފަޅުން ހިއްކި ބިމެއްގައި މާލޭގައި ނުހުންނަންވާ ތަންތަން އެހުންނަނީ މާލޭގައި ނޫން ބާވައެވެ. ވާހަކަފުޅު ދެއްކެވަނީވެސް ހިތްޕުޅަށް ވަން ގޮތަކާއި ޤަބޫލުފުޅު ކުރައްވަން ބޭނުންފުޅުނުވާތީ ޙަޤީޤަތާއި ދެކޮޅަށެވެ.

މިހާރުގެ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެތަނަށް މާލޭގައި ހުންނަން ނުވާތަންތަން ކަމަށްބުނާ ޞިނާޢަތުގެ މަސައްކަތްތައް ބަދަލު ކުރުމުގެ ސިޔާސަތެއް ތަންފީޒުކުރަން އުޅުނުއިރު ހުޅުމާލެއާއި މާލެ އެއްގަމުން ގުޅުވައިލުން ނިމުމަކާހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންވީމާ ހުޅުމާލޭގައި އެފަދަ ތަނެއް ނުހެދުނީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް "އެހެންވީމަ އިންޑަސްޓްރިއަލް ވިލެޖްގެ ނަމުގަ އަޅުގަނޑުމެނަށް ލިބުނީ ޖަންކްޔާރޑެއް" ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މާލޭގެ ފަޅުން ހިއްކި ބިން ބޭނުކުރެވޭ ގޮތް

ކުރީގެ މިނިސްޓަރު ވިދާޅުވެފައިވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދު ނުކުރަންވެގެން ޕޯރޓްސް ލިމިޓެޑާ ޙަވާލުކޮށްގެން ޞިނާޢީ ސަރަޙައްދު ކަމަށްބުނެ ހިއްކި ބިމުގައި ގުދަންއަޅަން ހަވާލުކުރި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ސަރުކާރުގެ ކުންފުންޏަކުން ޚަރަދު ކުރުމަކީ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ގެންނެވުން ނޫނީ ކޮންކަމެއް ބާވައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 26 އަށް ނިންމަން ރާވައި ޕްލޭންކުރި ޞިނާޢީ ސަރަޙައްދު އޭގެ ފަހުން އަހަރުވެގެން ދިޔައިރުވެސް ތަރައްޤީކޮށް ޞިނާޢީ ތަނެއްގެ ގޮތުގައި ނުހެދުނުއިރު މިހާރު ކިޔަންވީ ކޮން ރާގެއްގެ ލަވައެއް ކަމެއް ނޭނގެއެވެ.

މިހާރުގެ ޕްލޭނިންގ މިނިސްޓަރ ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަތީ އެހެން މަންޒަރެއް ކަމަށެވެ. ނަމަވެސް އެ މަންޒަރު ވިދާޅުވެ ދެއްވުމަށް ނުކުޅެދިވަޑައިގެންނެވުމުން ނޫސްވެރީންގެ ސުވާލަށް ކޮންމެވެސް ވާހަކަފުޅެއް ދެއްކެވީ ކަމުގައެވެ.

"އިންޑަސްޓްރިއަލް ވިލެޖްގަ ކޮންމެސް ވަރަކަށް ބޭނުންކުރެވޭނެ އިންޑަސްޓްރިއަލް ނުކީ ކަމުގަވިޔަސް އެސްޓީއޯގެ ބައެއް ރެޑީ މިކްސް ކަހަލަ، އެކަހަލަ ކަންތައްތަކެއް ކުރެވޭނެ. ނަމަވެސް އެއްކަލަ ކެމިކަލް ރައްކާކުރުމާ އެކަހަލަ ކަންތައް ނުކުރެވޭނެ. ބޮޑުބައި އަންނާނީ ހަމަ ޢާންމު ބޭނުމަށް. ސިޓީ ކައުންސިލާ އަދި މަޝްވަރާތައް ކޮށްފަ، ފައިނަލްކޮށް އެބޭފުޅުންގެ އިމްޕުޓާ އެކީގަ ފައިނަލް ކޮށްލާނަން އަޅުގަނޑުމެން. އޭގެތެރޭގަ ހުންނާނެ މިދެންނެވިހެން ޕެޓްރޯލް ޝެޑްވެސް އެބަހުރި އެތަނުގަ. ހުރިހާ އެއްޗެއް ނެގީކީއެއްނޫން. އެހެން ނަމަވެސް 186 މިލިއަން ޑޮލަރުގެ ބިލްޑިންގެއް ޔަޤީނުންވެސް ނާޅާނެ". އަސްލަމް

މާލޭގެ ފަޅުން ހިއްކި ބިމުގައި މިހާރު ތަރައްޤީ ކުރާ ބައެއް ކަންކަން

މާލޭގެ ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމާ ގުޅޭގޮތުން ކޮންމެ ސަރުކާރަކުންވެސް ޕްލޭންތަކެއް ގެންގުޅޭ ކަމަށްވެއެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި، އަދި ބިނާކުރުވަނިވި ގޮތެއްގައި ޢަމަލީގޮތުން ކުރިއަށް ގެންދެވިފައިވާ މަސައްކަތަކެއްތޯއެވެ.

އެއްސަރުކާރުން ކަޅުވަކަރު މިސްކިތް ވިއްކައިލީއެވެ. އަނެއް ސަރުކާރަށް އެމިސްކިތް ގަތްމީހާ ހަދިޔާ ކުރުމުން އެހެން ތަނެއްގައި އެމިސްކިތް ބެހެއްޓީއެވެ. އެއަށްފަހު ދެ ސަރުކާރެއްގެ ފަހުން ފެނުނީ އެމިސްކިތް ނެގިތަނެވެ. ދެން އައި ސަރުކާރުގައި ކުރިން ހުރި ތަނުން ކަނުކައްޗަށްވާގޮތަށް ހަމަ އެ ޕާރކުގައި މިސްކިތް ބަހައްޓަން ނިންމީ ޖެހިގެން އެއަށްވުރެ ބޮޑު މިސްކިތަކާއި ތާރީޚީ މިސްކިތްތަކެއް ހުރި ހިސާބަކާ މާދުރުނޫން ތަނެއްގައެވެ.

މި ހުރިހާ މިސްކިތްތަކެއް އެއްތަނަކަށް ޖަމާކުރުމަކީވެސް މާލޭގެ ބިން ހެޔޮ ގޮތުގައި ހިފުންތާއެވެ. އެއީ ޙިމާޔަތް ކުރެވިފައިވާ ތާރީޚީ ބިނާއެއްގެ ގޮތުގައި މާލޭގެ ބިމުން ހެޔޮގޮތުގައި ބައެއް ނެގީ ކަމަށްވެސް ބުނެ އުޅެތެވެ.

އެއް ސަރުކާރުން މާލޭގައި ހުސްތަންތަން ހެދުމަށް މީހުންގެ ގޯތިތައް ކޭކެއްހެން ފަޅައި ބައިބައި ކޮށްފައިވާތީ އެތަންތަން ނަގައި ބަދަލުގައި ހުޅުމާލެއިން ގޯތި ދިނުމަށްފަހު ގެތަކަކުން ބެދިފައިވާ ގޯޅި ގަނޑެއްގައި ޕާރކެއް ހެދިއެވެ. އެނޫން އިތުރު ބިންކޮޅެއް ސަރުކާރުގައި އޮތް ކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.

އަނެއް ސަރުކާރަކުން މާލޭގެ މުހިންމު ބިނާތަކާ އިމާރާތްތައް ހުރި ތަންތަނުންވެސް ބައެއް ނަގައިގެން ޕާރކުތައް ހެދިއިރު މާލޭގައި ހުސްތަންތަން ހަދަން ރަނގަޅު ޕްލޭނެއް ނެތް ބައެއް ސަރަޙައްދު ތަކުގައިވެސް ޕާރކުތައް ހެދިއެވެ. ނަމަވެސް މާލޭގެ ބިން ދުވަހެއް ދުވަހަކަށް ފުރެމުންދާތީ އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުން އަދި އޮތީ ކޮންހިސާބެއްގައި ކަމެއް ނޭނގެއެވެ.

މާލޭގެ ފަޅުން ހިއްކި ބިން ޕާރކިންގ ޒޯނެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭ

ކޮންމެއަކަސް މާލެއިން ހިއްކި 7 ހެކްޓަރުގެ ޞިނާޢީ ސަރަޙައްދަކީ ކެމިކަލް ބާވަތުގެ ގުދަން ބަހައްޓަން އެކަށީގެންނުވާ ތަނެއް ކަމަށް މިހާރުގެ ޕްލޭނިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެތަނަކީ މާލޭގެ ވިޔަފާރި ބަނދަރުގެ ބިޔަ އުޅަނދުތައް ޕާރކްކުރާ ތަނަކަށް ހެދުމަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވިއިރު މިހާރު މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރާނެ ކަމުގެ އިޝާރާތްތަކެއް ސަރުކާރުންވަނީ ކޮށްފައެވެ.

ނަމަވެސް އެ ވިޔަފާރި ބަނދަރުގެ ގޮތުގައިވާ އެމްޕީއެލް ސަރަޙައްދު އޮންނަ ގުރާބު ތުނޑިއަށް ހަދާނެ ގޮތަކާއި އެތަނަށް ވާނެ ގޮތެއް އަދި އޮތީ ނޭގުމުގެ ތެރޭގައެވެ. ނުވަތަ މަދަނީ ވިޔަފާރި ބަނދަރުގެ ބައެއްގެ ގޮތުގައި އެތަން ބޭނުންކުރާނީތޯ ނުވަތަ ނޫންތޯ ފަދަ އެތައް ސުވާލެއް ވަނީ އުފެދިފައެވެ.