ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖާއި ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް މިމަހު 31 ގައި ބާއްވަން ނިންމައިފި އެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މި ފޯރަމްގައި ކެޕިޓަލް މާކެޓް އާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ކެޕިޓަލް މާކެޓް ދާއިރާގައި ހަރަކާތްކެރިވާ އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއި، ރާއްޖޭއިން ބޭރުގެ މިދާއިރާގެ މާހިރެެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް މި ފޯރަމްގައި ކުރިއަށްދާނެކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.

"ކެޕިޓަލް މާކެޓް ފޯ ސޯޝަލް ހާރމަނީ" މި ޝިއާރުގެ ދަށުން ކުރިޔައްގެންދާ ކެޕިޓަލް މާކެޓް ފޯރަމްއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސީޢެމްޑީއޭ ގެ ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މި ފޯރަމް ބާއްވަނީ ކެޕިޓަލް މާކެޓްގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއްތާކުން ބައްދަލުވެ، ހުރިހާ ސްޓޭކްހޯލްޑަރުން ބައިވެރިވުމާއެކު ކެޕިޓަލް މާކެޓަށް އަހުލުވެރިކޮށް އެކަން ކުރިއެރުވޭނެ ގޮތްތަކެއް ހޯދުމުގެ މަގްސަދުގައި ކަމަށެވެ.

ކެޕިޓަލް މާކެޓަކީ ރާއްޖޭގެ އިގްތިސޯދީ ދުވެލީގެ ހަގީގީ ހަކަތަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ދެން އޮތް ހަރުފަތަށް ގެންދިޔުމަށްޓަކައި ކެޕިޓަލް މާކެޓް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ގަބޫލުކުރެވޭކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދީ ކަންކަންކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކަށް ފައިސާ، ރާއްޖޭގެ މާލީ ދާއިރާގެ ތެރެއިން ހަމަޖެހިފައި ހުރި ފުރުސަރުުތައް މަދުކަން. އަޅުގަނޑުމެންނައް އެކަމަށް ހައްލުތަކެއް ހޯދޭނީ އިގްތިސޯދުގައި ދައުރުވާ ފައިސާ، ރެގިއުލޭޓެޑް އަދި އިތުބާރުކުރެވޭ މެކޭނިޒަމެއްގެ ތެރެއިން ވިޔަފާރިތަކަށް ޗެނަލްކުރެވިގެން އަދި އަޅުގަނޑުމެން ދެކޭ ގޮތުގައި އެ މެކޭނިޒަމްއަކީ ކެޕިޓަލް މާކެޓް"
ސީޢެމްޑީއޭ ގެ ސީއީއޯ ފާތިމަތް އަބްދުﷲ ކަމަލުއްދީން

މި މަޝްވަރާތަކުން ހަރުދަނާ ކެޕިޓަލް މާކެޓް ޕްރޮގްރާމްތަކެއް ވުޖޫދުވެ، މިކަމުން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފާތިމަތް ވިދާޅުވި އެވެ.

ނޫސްވެރެިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ ސަރުކަރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ހިމަނައިގެން މިފަދަ ފޯރަމެއް ކުރިޔަށްދާއިރު، ކެޕިޓަލް މާކެޓް އިތުރަށް ކުރިއެރުވުމަށް ހިޔާލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ސަޓޮކްއެކްސްޗޭންޖު ހިންގާތާ 11 އަހަރުވެފައިވާއިރު މިދާއިރާގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެއެއްޗެހި ފާހަގަކޮށް، ކުރިޔައްދެވިދާނެ ގޮތްތަކެއް އިރާދުކުރެއްވިއްޔާ ސްޓޮކްއެކްސްޗޭންޖުގެ ފަރާތުން މި ފޯރަމްގަ ޕްރޮޒެންޓޭޝަންއެއްގެ ސިފައިގަ ހިމަނާނަން"
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް

ކެޕިޓަލް މާކެޓް ފޯރަމަކީ ހިއްސާގެ ބާޒާރާއި ގުޅޭގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ. މި ފޯރަމް ބޭއްވުމުގެ މައުގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބެނުންވާ ފައިސާ ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުންކަމަށް ސީއެމްޑީއޭ އިން ބުނެއެެވެ.