ސްޕެނިޝް ލީގުގައި މަޔޯކާ އަތްދަށުވެ ރެއާލް މެޑްރިޑް މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެއެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުން ބަލިވިކަމުގައި ވީ ނަމަވެސް ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި 18 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އެއް ޕޮއިންޓުގެ ތަފާތަކާއެކު އޮތީ ބާސެލޯނާއެވެ. މަޔޯކާ އޮތީ 10 ޕޮއިންޓާއެކު ލީގުގެ 14 ވަނައިގައެވެ.

މި މެޗާ ރެއާލް މެޑްރިޑް ކުރިމަތިލީ އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން އަނިޔާއާއި ގުޅިގެން ޓޯނީ ކްރޫސް އާއި ލުކާ މޮޑްރިޗްގެ އިތުރުން ގެރެތް ބޭލް ޓީމާއި ދުރުގައި ހުރިއިރު އާއިލީ ސަބަބުތަކަކާއި ގުޅިގެން ހަޒާޑް ވަނީ ބްރޭކެއް ނަގާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަތްވަނަ މިނެޓްގައި މަޔޯކާ އަށް ކާމިޔާބުކޮށްދިނީ ލާގޯ ޖޫނިޔާއެވެ. މި ގޯލަކީ މުޅި މެޗުގައި ވެސް މަޔޯކާ އިން ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާާލި ހަމައެކަނި ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ. މުޅީ މެޗުގައި ރެއާލްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ނަމަވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ކަރިމް ބެންޒެމާއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގެ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ރެއާލްގެ އޮޑްރިއޮޒޯލާ އަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. އެއާއެކު މެޗުގެ ބާކީ އޮތްބައި ރެއާލުން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ރެއާލް މެޑްރިޑަށް ކުރިޔަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގައި އަންނަ ބުދަދުވަހު ރެއާލް ބައްދަލުކުރާނީ ތުރުކީގެ ގަލަޓަސަރާއި އާއި ދެކޮޅަށެވެ.