ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ފުޅާމިނުގެ ވާހަކަ އާއި އެކަން ހިންގަން ބަޔަކު އަޑީގައި ތިބެގެން ކުރުވާ ވާހައަކީ އައު ވާހަކައެއް ނޫނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިންގައި އެއިން ފައިދާ ނަގާ ބަޔަކު އުޅެމުންދާކަމަށް ވާހަކަ ދެކެވޭ އިރު، ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ފަޅުރަށްރައް އެކި މީހުނަސް ބަހައި ހުސްކުރި ވާހަކަ އަކީ އަބަދުވެސް އިވޭ ވާހަކަ ތަކެެވެ.

އަނެއްކާވެސް މިވަނީ މިފަދަ ބޮޑު މައްސަލައެއް ފެންމަތިވެފައެވެ. އަދ. ގެ ރީތި ފަޅުރަށަކުން ބަޔަކު މާލީ މަންފާ ހޯދައި ރިސޯޓް ފެންވަރުގެ ވިޔަފާރިކޮށް އެއިން ނަފާ ހޯދާ ވާހަކައެވެ.

އދ. ފުށިދިއްގާ ނުވަތަ ރަތްދިއްގާ އާއި ގުޅޭގޮތުން މީޑިއާ އާއި ސޯޝަލްމީޑިއާގައި ގެނެސްފައިވާ ވާހަކަތަކާއި ގުޅިގެން ފުލުހުންނާއި ޓްއަރިޒަމް މިނިސްޓްރީން ވަނީ އެރަށަށް އަރާފައެވެ. އަދި އެ ރަށް ބަލަހައްޓަމުން ދިޔައީ ދެ ބިދޭސީންކަން ހާމަކޮށްފައި މިވަނީ އެ އޮޕަރޭޝަންގެ ތަފްސީލް ނޫސްވެރިންނާއި ހިއްސާކުރުމަށް ޓްއަރިޒަމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދެވެ.

މިނިސްޓްރީން ހާމަ ކުރި ގޮތުގައި އެރަށް ވަރުވާއަށް މ. ހަސްތީ، އަހުމަދު ހަލީލު އާއި ހަވާލުކުރަން އުޅުނުކަމުގެ ލިޔެކިއުންތަކެއް އެބަހުއްޓެވެ. އެއީ 2011 ވަނަ އަހަރުގެ ތެރޭގައި، މިހާރުގެ މަޖިލީހުގެ ރައީސް އަދި އޭރުގެ ރައީސް މުހައްދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް ހަލީލަށް އެ ރަށް ދިނުމަށް ސަރުކާރުން ނިންމި ކަމުގައިވިޔަސް އެކަމާ ބެހޭ އެއްބަސް ވުމެއް އެކުލަވާލާފައި ނުވާކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް އެތައް އަހަރެއް ވެފައި ވާއިރު، ފުށިދިއްގާ ނުވަތަ ރަތްދިއްގާގައި ގަވައިދާއި ޚިލާފަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދިއަކަން ވަނީ ހާމަވެފައެވެ. އަދި އެ ރަށް ދެތިން ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

"ފުށިދިއްގާ-ރަތްދިއްގާގައި ރިސޯޓު ހަދަން އެއް ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު ނަގާފައިވާއިރު އެހެން ބައެއްގެ އަތުން އިތުރު 1.3 މިލިއަން ޑޮލަރު ނަގާފަ އެބައޮތް"
ޖުލައި2019؛ މިނިސްޓަރ

ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެ ރަށްތައް ދޫކޮށްފައި ވަނީ ބޮޑު އަގުގައި ކަމަށާއި، އެތައް ބަޔަކަށް އެތައް މިލިއަން ޑޮލަރުން ފައިސާ ދީފައިވާ ކަމަށެވެ. މީގެ އިތުރަށްވެސް އެތައް ރަށެއް އެކި ނަންނަމުގައި ދޫކޮށްފައި ވާއިރު ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުމުގެ ކޮޅުމަތި ފެންނަންވެސް ނެތްކަން މިނިސްޓަރ އެކި ފަހަރުމަތިން ދެއްވާފައިވާ މައުލޫމާތުތަކުން ސާފުވެއެވެ.

އދ. ރަށްދިއްގާ ނުވަތަ ފުށިދިއްގާގެ މައްސަލަ ފެންމަތިވުމުން ޓްއަރިޒަމް މިނިސްޓްރީންނާއި ތަހުގީގީ އިދާރާތަކުން އެރަށަށް ޒިޔާރަތް ކުރުމަށްފަހު ހާމަކުރި ކަންކަމުން އިތުރު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެރަށް ބަލަހައްޓަން ތިބީ ބިދޭސީން ކަމާއި އެމީހުން އެތަނުގައި މަސައްކަތް ކުރަމުންދިއައީ، ނުވަތަ ގެންގުޅެމުން ދިއައީ ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތަކުން މަހުރޫމްވެފައިވާ ހާލަތެއްގައި ކަންވެސް ހުދު މިނިސްޓަރ އަލީ ވަހީދުގެ ވާހަކަފުޅުތަކުންވެސް އެނގިގެންދިއަ އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެތަނުގައި މަސައްކަތް ކުރި 2 ބިދޭސީން ކުރެ އެކެއްގެ އަތުގައިވެސް އެއްވެސް ކަހަލަ ސައްހަ ލިޔެކިއުމެއް ނެތެވެ. އަދި އެ ދެމީހުން ގެންގުޅުނު ބަޔަކު ވަނީ އިންސާނިއްޔަތުކަމުގެ އުސޫލުތަކުން ބޭރުން ކަމާއި، ރޭގަނޑުވުމުން އެރަށުގައި ބަހައްޓާފައި ހުންނަ ޖަނަރޭޓަރު ނިއްވާލައި އެމީހުން ނިންދަވަނީވެސް ފުޅިބައްތި ދިއްލައިގެންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ގަވާއިދުގެ ތެރެއިން ބަލާ ކަމުގައިވާނަމަ މިހާރު އެ ރަށް އޮތީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އެތަނުގައި ހިންގަމުން ދިޔައީ ހަމަ ރަނގަޅު ފެންވަރުގެ ރިސޯޓު ހިދުމަތް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން މިނިސްޓްރީއެއްގެ މުއްދަތު ހަމަވެފައިވާ ވަރުވާ ޑޮކިޔުމެންޓްތައް އެރަށަށް އަރާ މީހުންނަށް ދައްކާ. ތިޖޫރީއެއްވެސް ހުރޭ. ބޮލަކަށް ދިހަ ޑޮލަރާއި އޭގެ އިތުރަށް ޓިޕްސްވެސް ނަގާ."
މިނިސްޓަރ އަލީ ވަހީދު

ފުށިދިއްގާ-ރަތްދިއްގާ އަކީ މިއީ މިފަދަ އެންމެ "އެސެޓެއްގެ" ނުވަތަ ވިޔަފާރިއެއްގެ ވާހަކައެވެ. ސިއްރިއްޔާތުގައި މިކަހަލަ ކިތައްމެ ކަމެއް ހިނގަމުންދާ ކަމާއި، އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭނުންކޮށްގެން އުސޫލުން ބޭރުން ހިންގާ މިފަދަ ކަންކަމުގެ ބުރަ އުފައްލަން ސަރުކާރަށް ޖެހިފައިވާއިރު، މިިކަމުގެ އަޑީގައި ތިބޭ ފަރާތްތައް ހޯދައި ހާމަކޮށް މިފަދަ ކުށްތައް ހުއްޓުވުމަށް ދިވެހިން ދަނީ ގޮވާލަމުންނެވެ.

ކުއްލި ކުއްލިއަށް ފެންމަތިވަމުންދާ މިފަދަ މައްސަލަތަކުން ރާއްޖޭގައި ހިންގާ ވަގު ވިޔަފާރިތައް ހާމަވަމުންދާއިރު، ކޮރަޕްޝަނަށް ނިމުން އައުމުގެ ކޮޅުމަތި ފެންނާނީ ކޮން ދުވަހަކުންތޯ މިއީ ދިވެހި ރައްޔިތުން އަބަދުވެސް ކުރަމުންދާ ސުވާލެކެވެ.