ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމުން މުހައްމަދު ނަޒީހު އިސްތިއުފާދިންއިރު، މިއަދު ހަވީރު ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ހަމަނުވުމުގެ ސަބަބުން މެޗު ކެންސަލްކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔޫވީ އާއި ވިކްޓަރީ ބައްދަލުކުރަން އޮތް މެޗުގެ ކުރިން، ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ މި މެޗަށްފަހު ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ.

މެޗަށްފަހު ނަޒީހު ބުނީ މިއީ މިފަހަރުގެ ސީޒަނުގެ ފަހު މެޗުކަމަށް ބުނަން ނޭނގޭ ކަމަށާއި، އެކަަމަކު މިއީ ޔޫވީގެ ފަހު މެޗު ކަމަށެވެ. އަދި ޔޫވީއާ ދުރަށް ދިޔަ ނަމަވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، ބޭނުމަކީ އެހެން ކޯޗަކާއެކު ނަމަވެސް، ކުރިއަށް އޮތް ތާނގައި ޔޫވީގެ ނަތީޖާ ރަނގަޅުވުން ކަމަށްވެސް ބުންޏެވެ.

އަޅުގަނޑު ޔޫވީގެ ހަމަގައިމުވެސް ފަހު މެޗު މީ. އެކަމު އަޅުގަނޑު މި ސީޒނުގައި އެކީ ނިމުނީއެކޭ ނުދަންނަވާނަން. ދެން އަޅުގަނޑަކަށް ނެނގޭ، އިތުރަށް ޔޫވީ އަނެއްކާވެސް އަޅުގަނޑު ގާތަށް އައިސްފިއްޔާ އަލޫގަނޑު ނޫނެކޭ ނުބުނާނަން. އެއީ ހަމަ ޔަގީން ކަމެއް. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ޓީމެއްގެ ކޯޗަކަށްހުރެފަ ޓީމު ދޫކޮށްލާފަ ދާކަށެއް.
ނަޒީހު

މިއަދުގެ މެޗަށް ވިކްޓަރީން ހަމަކުރެވިފައިވަނީ 10 ކުޅުންތެރިންނެވެ. މިއީ ލީގުގައި ވިކްޓަރީގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ކެންސަލްކުރި ތިންވަނަ މެޗެވެ. އެންމެ ފަހުން ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީއަށް ހަމަކުރެވުނީ 9 ކުޅުންތެރިންނެވެ. އަދި މީގެ ކުރިން ފުރަތަމަ ބުރުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީ ޓީމު ހަމަކުރެވިފައެއް ނުވެއެވެ.

ވިކްޓަރީގެ ހާލަތު ގޯސްވެފައިވާއިރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ވެސް އެކުލަބުން ކުޅެފައި ވަނީ ދެ ގޯލްކީޕަރުން، ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެން، ބަދަލު ކުޅުންތެރިއެއްނެތި އަދި އިރުޝާދު ދޭނެ ކޯޗެއް ވެސް ނެތިއެވެ. އެ ދުވަހުގެ މެޗުގައި ދަނޑުމަތީގައި އަނިޔާވުމުން ވިކްޓަރީގެ ކުޅުންތެރިންނަށް ފަރުވާދަން އަރަން ޖެހުނީ ވެސް ނިލަންދޫގެ އޮފިޝަލުންނެވެ.

ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް މިމަހުގެ 16 ވަނަ ދުވަހުގެ ވިކްޓަރީގެ މެނޭޖުމަންޓުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާވެސް ބައްދަލުކޮށްފައެވެ. ވިކްޓަރީގެ އޮފިޝަލަކު ވިދާޅުވީ ޓީމުގެ ފަރިތަކުންތަށްވެސް ކުޅުންތެރިން މިހާރު ހާޒިރުނުވާ ކަމަށާއި މުސާރައިގެ މާބޮޑު މައްސަލައެއް ނޫޅޭއިރު ކުޅުންތެރިން ހާޒިރުނުވާ ސަބަބު ނޭނގޭ ކަމަށެވެ.

މިއަދުގެ މެޗު ކެންސަލްކުރުމުން ޔޫވީއަށް ވަނީ މި މެޗުން 3 ޕޮއިންޓާއެކު ފައިދާ 2 ގޯލް ލިބިފައެވެ. އެހެންކަމުން ތާވަލުގެ ހަތްވަނައިގައި އޮތް ޔޫވީއަށް މިހާތަނަށް ވަނީ 11 ޕޮއިންޓު ލިބިފައެވެ. ފުލުގައި އޮތް ވިކްޓަރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.