އާސަންދަ ކުންފުނިން ދިވެހިރައްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ކުރާމުންދާ މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް "ވިނަވި" އެޕްލިކޭޝަން ތައާރަފުކޮށް، އެޕްލިކޭޝަންގެ ބޭނުންކުރަން ފަށައިފިއެވެ.

މިއީ ރައީސް އިބްރަހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެޑައިގެންފައިވާ މުހިއްމު ކަންކަމުގެ ތެރެއިން ކަމެކެވެ.

މި ހިދުމަތް މުޅި ރާއްޖެއަށް ދޭން ފެށުން އިފްތިތަހު ކޮށްދެއްވާފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި މިކަމަށް ބެއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ މި ތައާރަފުކުރެވުނު ހިދުމަތުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމުގައެވެ. އެގޮތުން ސިއްހީ ހިދުމަތުގެ މައުލޫމާތާއި، ކުރިން ޑޮކްޓަރަށް ދައްކާފައިވަކަން ދައްކުވައިދޭ ރެކޯޑުތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނަނެ ކަމަށެވެ.

އަދި ބޭސް ނެގުމުގައިވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މި ޕޯޓަލްގެ ތެރެއިން ބޭސްފިހާރަތަކާ ހޮސްޕިޓަލްތަކާވެސް ގުޅާލެވިފައިވާކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނމުގެ ފުރުސަތު ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިރުތުން އެހެން ގައުމުތަކުން އާސަންދައިގެ ދަށުން ހޯދާ ހިދުމަތްތައްވެސް މި އެޕްލިކޭޝަންގައި ރެކޯޑް ކުރެވިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުންވެސް ކޮރަޕްޝަން ހިނގުން ކުޑަވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް އާސަންދައިން އެމީހަކަށް ހަރަދުވެފައިވާ މިންވަރުވެސް ފެނިގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔަތުގައި ވަނީ މި ހިދުމަތް ތައާރަފްކުރުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވައި، އެފަރާތްތަކުގެ އަގުވަޒަން ކޮށްފައެވެ.