ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި މީހަކު ލިޔުނު ޕޯސްޓަކާ ގުޅިގެން ބަނގްލަދޭޝްގައި ފެށި މުޒާހަރާ ވަރުގަދަވެ، މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ހަތަރުމީހުން މަރުވެ، އިތުރު އެތައްބަޔަކު ޒަޚަމްވެއްޖެއެވެ.

އާންމުން މުޒާހަރާ ކޮށްފައިވަނީ ބަންލަދޭޝްގެ އެންމެބޮޑު ރަށް ކަމަށްވާ ބޯލާ އައިލެންޑްގެ ބުރުހާނުއްދީން ޓައުންގައި އާންމުން ނަމާދުކުރަން ޖަމާވެއުޅޭ މައިދާނެއްގައެވެ. އެ މައިދާނަށް ވިހިހާހަށްވުރެ ގިނަމީހުން އެއްވި ކަމަށް ވެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕޯސްޓެއްޖެހީ ބަނގްލަދޭޝްގެ ހިންދޫއެއް ކަމަށް ވެއެވެ.

އެކަމާހެދި މުސްލިމުން މުޒާހަރާކޮށް ގޮވަމުންގެންދިޔައީ އޭނާ ވަގުތުން ދަންޖައްސައި މެރުމަށެވެ.

މުޒާހަރާގައި ޒަޚަމްވެފައިވާ މީހުން

ފުލުހުން ބުނެފައިވަނީ، މުޒާހަރާ ކުރަމުންދިޔަ އާންމުންނާ ދިމާއަށް ބަޑިޖެހީ އާންމުން އޮށްގާ އުކަންފެށުމުން އަމިއްލަ ދިފާއުގައި ކަމަށެވެ.

ފުލުހުންގެ އިންސްޕެކްޓަރ ސަލާހުއްދީން މިއާ ވިދާޅުވީ، ފުލުހުން ބަޑިޖެހުމުގެ ސަބަބުން ހަތަރުމީހުން މަރުވެ، އިތުރު ފަންސާސް މީހުން ޒަޚަމްވި ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ހަތްމީހެއްގެ ހާލު ވަރަށް ސީރިއަސްކަމުން މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނޭ ކަމަށް ލަފާކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މުޒާހަރާ ހޫނުވުމާ ގުޅިގެން ބަނގްލަދޭޝް ސަރުކާރަށް ޖެހުނީ ހެލިކޮޕްޓާރުތަކުގައި ބޯލާ އައިލެންޑަށް ސަލާމަތީ އިތުރު ފައުޖުތައް ފޮނުވާށެވެ.

މުޒާހަރާ ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވި ޚާއްޞަ ފޯސް

މިހާދިސާއާ ގުޅިގެން ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާވަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރުމަށް އާންމުންނަށް ގޮވާލައްވާފައެވެ.

ހަސީނާ ވިދާޅުވީ، ހިންދޫ މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެ އެކައުންޓުން ދޮގު ވާހަކަތައް ފަތުރަމުންގެންދަނީ މުސްލިމެއް ކަމަށެވެ.

ހަމަނުޖެހުން އުފެއްދުމަށް މިގޮތަށް މަސައްކަތް ކުރަމުން މިގެންދަނީ ކޮންބައެއްތޯ، ކޮން މަގްސަދެއްގައިތޯ، ހަސީނާވަނީ ސުވާލު ކުރައްވާފައެވެ.

ހަމަ އެއާއެކު، މިޒާތުގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ހައްގު އަދަބު ދެއްވާނޭ ކަމަށްވެސް ހަސީނާ ވައުދުވެވަޑައި ގެންފައި ވެއެވެ.

ބޯލާގެ ފުލުހުންގެ ޑެޕިއުޓީ ޝައިޚް ސައްބީރު ވިދާޅުވީ، ފޭސްބުކް އެކައުންޓް ހެކްކޮށްގެން ހޮނިހިރު ދުވަހު މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މުޒާހަރާގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

އޮންލައިން މެދުވެރިކޮށް ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ބަނގްލަދޭޝްގައި އިތުރުވަމުން ދާއިރު، އެކަމާ ރުޅިއަރައި މަގުތަކަށް ނުކުންނަ އާންމުންނާ ކުރިމަތިލުމަކީ ބަނގްލަދޭޝްގެ ސަލާމަތީ ބާރުތަކަށް މިފަހަކަށް އައިސް ކުރިމަތިވާ އެންމެބޮޑު ބޮލުގެރިހުން ކަމަށް މީޑިއާއިން ބުނެއެވެ.

ބަނގްލަދޭޝްގެ އާބާދީގައި 168 މިލިއަން މީހުން ހިމެނޭއިރު އޭގެ ތެރެއިން %90 އަކީ މުސްލިމުންނެވެ.