އެއީ، އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ވަރަށް ދިގުކޮށެވެ. އޭނާ ފެނުނީ ވަރަށް ނުތާހިރުކޮށް ހުއްޓައެވެ. ގައިގައި ފެންފޮދެއް ނުޖައްސާތާ އެތައް ދުވަހެއް ވެފައިވާކަން އެނގެއެވެ.

ނެދަރލޭންޑްސްގެ އުތުރުގެ ދްރެންތާ ޕްރޮވިންސްގެ އަވަށެއްގައި ހުންނަ ކެފޭއަކަށް މިދިޔަ ހަފްތާގެ އަންގާރަދުވަހު އެ ޒުވާނާ ދިޔައިރު، އޭނާގެ މޫނުމަތިން ހާސްވުމާއި ކަންބޮޑުވުމާއި އޮޅުންބޮޅުންވެފައި ހުރިކަން ހާމަވާ ކަމަށް، ކެފޭއިން އޭނާއާ އެންމެ ފުރަތަމަ ބައްދަލުވި، އެ ކެފޭގެ ވެރިމީހާ ބުނެފައި ވެއެވެ.

އެ ޒުވާނާ، ކެފޭގެ ވެރިމީހާ ގާތުބުނީ، އޭނާ ގެއިން ބޭރު ނުދެކޭތާ 9 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. މަތީގައި އެވަނީ، ކެފޭގެ ވެރިމިހާ އެ ޒުވާނާ ސިފަކޮށްދިން ގޮތެވެ.

"އޭނާއަކަށް ނޭނގުނު ބުނެދޭކަށް އޭނާ އައިސްހުރި ތަނެއްވެސް، އަދި އޭނާ އުޅެނީ ކީއްކުރަން ކަމެއްވެސް. އޭނާ ބުނީ، އޭނާ ގެއިން ނުކުމެގެން މިއައީ ފިލައިގެން ކަމަށް އަދި ވަރަށް އަވަހަށް އެހީތެރިކަން ބޭނުންވާ ކަމަށް" ކެފޭގެ ވެރިމީހާ ކްރިސް ވެސްޓަރބީކް

ކެފޭއިން ރިޕޯޓް ކުރުމުން، އެ ޒުވަނާ ނުކުމެގެން އައި ކަމަށް ބުނި ގެއަށް ފުލުހުންގޮސް ބަލައި ޗެކްކުރިއެވެ. އެ ގެއަކީ، ދްރެންތާ ނަމަކަށްކިޔާ ޕްރޮވިންސްގެ ރައިނަރވޮލްޑް އަވަށާ ގާތުގައި ދަނޑުބިންތައް އޮންނަ ސަރަހައްދެއްގައި ހުރި ފާމް ހައުސްއެކެވެ. އެގެ ހުންނަނީ ވަށައިގެން ކަހަލަ ގޮތަކަށް އުސްކޮށް ގަސްހައްދާފައި ހުންނަ ހިސާބެއްގެ މެދުތެރޭގައެވެ.

ފުލުހުން އެ ގެއަށްގޮސް ފާސްކުރިއިރު ބިމުއަޑީ ކޮޓަރިއަށް ފޭބުމަށް ހަދާފައިވާ ސިޑިހުރީ ކަބަޑެއްގެ ބިށްދޮށަށް ވާގޮތަށެވެ. އެ ކަބަޑު ހުރީ ގޭގެ ސިޓިންރޫމުގައެވެ.

ފުލުހުން އެ ސިޑިން ތިރިއަށް ފޭބިއިރު ފޭބުނީ މީހުން ދިރިއުޅެމުންދިޔަ ކޮޓަރިއަކަށެވެ. އެ އާއިލާގެ ހަ މެމްބަރުން ދިރިއުޅެމުންދިޔައީ އެ ކޮޓަރީގައެވެ. އެއީ، އެއްބަނޑު އެއްބަފާ ފަސް ބެއިންނެވެ. އެމީހުންގެ އުމުރަކީ 18 އަހަރާއި 25 އަހަރާ ދެމެދެވެ. އެ ކުދިންގެ ބައްޕަގެ އުމުރަކީ 67 އަހަރެވެ.

ނެދަރލޭންޑްސްގެ މީޑިއާއިން ބުނެފައިވަނީ، އެ އާއިލާ ފާމް ހައުސްގައި "ބަންދުވެގެން" ދިރިއުޅޭތާ ނުވަވަރަކަށް އަހަރު ވެދާނޭ ކަމަށެވެ. އެމީހުން މިހުރިހާ ދުވަހު ކައިބޮއިއުޅުނީ ފާމް ހައުސްގެ ބޭރުގައި އޮންނަ ދަނޑުބިމުން ކަނޑާ ތަރުކާރީއާއި، އެ ދަނޑުބިމުގެ ސަރަހައްދުގައި ގެންގުޅޭ ޖަނަވާރުގެ މަހެވެ.

https://youtu.be/iel-b3fAqEc

ފާމް ހައުސްގެ ބިމުއަޑީ ކޮޓަރިއެއްގައި އަމިއްލައަށް ތަޅުލެވިގެން އާއިލާއެއް ދިރިއުޅެމުންދިޔަ ޚަބަރު ފެތުރުމާއެކު، ރައިނަރވޮލްޑް އަވަށުގެ މީހުންނަށް ވަނީ ޝޮކެއް ލިބިފައެވެ. އެގެ ހުންނަނީ އަވަށާ 200 ވަރަކަށް ކިލޯމީޓަރު ދުރު ހިސާބެއްގައެވެ. އެގެއާ ގާތަށް މީހުން ވަރަށް ގިނައިން އައިސްގޮސް އުޅޭ ކަމަށް ވެއެވެ. އެ އަވަށުގެ މީހުން ބުނެފައިވަނީ، ފާމް ހައުސް ކައިރީގައިވާ ދަނޑުބިމުން ބައެއް ފަހަރު އުމުރުން ދުވަސްވީ ފިރިހެނަކު ފެންނަ ކަމަށާއި، ނަމަވެސް، އޭނާގެ އާއިލާގެ އެއްވެސް މެމްބަރަކު ދުވަހަކުވެސް ނުދެކޭ ކަމަށެވެ. އެމީހާގެ އާއިލާއެއް އޮންނަ ކަމެއްވެސް ނޭނގޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެ އާއިލާގެ މެމްބަރުން ބިމުއަޑީ ކޮޓަރީގައި ދިރިއުޅެމުންދިޔައީ، އަމިއްލަ އިޚްތިޔާރުގައި ކަމެއް ނުވަތަ މީހަކު އެމީހުންނަށް ބިރުދައްކައިގެން ބަންދުކޮށްގެން ގެންގުޅުނީކަމެއް ސާފު ނުވާ ކަމަށެވެ. ފުލުހުންވެސްވަނީ، އެއާއިލާ ބިމުއަޑީ ކޮޓަރީގައި އުޅޭތާ ނުވަވަރަކަށް އަހަރު ވެދާނޭ ކަމަށް ލަފާކޮށްފައެވެ. އެ ފާމްހައުސްއަށް ކުލި ދައްކަމުން ގެންދިޔައީ އޮސްޓްރިއާގެ ކާޕެންޓަރެކެވެ.

މި އާއިލާގެ ފަސް މެމްބަރުންނާއި، އެމީހުންގެ ބައްޕަ ފެނުނު ނަމަވެސް އެ ކުދިންގެ މަންމަ ބިމުއަޑީ ކޮޓަރިއަކު ނެތެވެ. އަދި އެ ގެއަކުވެސް ނެތެވެ. ނެދަރލޭންޑްސްގެ މީޑިއާއިން ބުނެފައިވަނީ، އެ އާއިލާ ފާމް ހައުސްއަށް ބަދަލުވުމުގެ ކުރިން އެކުދިންގެ މަންމަ މަރުވީ ކަމަށް ވެދާނޭ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައެއް ނުވެއެވެ.

9 އަހަރު ވަންދެން އާއިލާއެއްގެ މެމްބަރުން ބަންދުވެގެން ދިރިއުޅުނު ބިމުއަޑީ ކޮޓަރި ހުރި ފާމް ހައުސް:

މި އާއިލާ، ފާމް ހައުސްގައި ބަންދުވެގެން އުޅެމުންދިޔަ ސަބަބާ ބެހޭގޮތުން ނެދަރލޭންޑްސްގެ މީޑިއާއިން ވަރަށް ތަފާތު ރިޕޯޓެއް އާންމުކޮށްފައި ވެއެވެ. މީޑިއާއިން ބުނެފައިވަނީ، އެ އާއިލާ ބިމުއަޑީ މަގުގައި ތަޅުލެވިގެން އުޅެމުންދިޔައީ "ދުނިޔެ ގިޔާމަތްވާންއުޅޭތީ" އެވެ. ނަމަވެސް، މިވާހަކައާ ގުޅޭގޮތުން ނެދަރލޭންޑްސްގެ އޮފިޝަލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނެދަރލޭންޑްސްގެ ފުލުހުން މިހާރު ގެންދަނީ ސައިކޮލިޖިސްޓުންގެ އެހީތެރިކަމުގައި، މިމައްސަލައިގެ އެންމެ ފުނަށް ފީނުމަށް މަސައްކަތް ކުރަމުންނެވެ. އެއާއިލާ، ބިމުއަޑީ ކޮޓަރިއެއްގައި ބަންދުވެގެން އެހާ ދިގު މުއްދަތަކަށް ތިބޭންޖެހުނު އަސްލު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

"މިއީ ވަރަށް އާދަޔާ ޚިލާފް ހާލަތެއް. އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް ދެނެގަތުމަށް ސައިކޮލިޖިސްޓުންގެ ޓީމެއްގެ އެހީތެރިކަމުގައި މިގެންދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އަދި އެކައްޗެއްވެސް ނޭނގޭ" ފުލުހުންގެ ވެރިޔާ ޖެނީ ނޯލް.

ފާމް ހައުސްއިން ފުލުހުންނަށް ވަނީ، އާދަޔާ ޚިލާފް އެހެން އެއްޗެއްވެސް ފެނިފައެވެ. އެއީ، ގިނަ އަދަދެއްގެ ފައިސާއެވެ. ނަމަވެސް، ފެނުނީ ކިހާ ފައިސާއެއްކަމެއް ފުލުހުން ނުބުނެއެވެ. އެހެންވެ، ފުލުހުންވަނީ މިކަމުގެ ތަހްގީގަށް ފާމް ހައުސްގެ ކުލި ދައްކަމުންގެންދިޔަ އުމުރުން 58 އަހަރުގެ މީހަކާއި، އަދި އާއިލާގައި ހިމެނޭ ބައްޕަވެސް ހައްޔަރުކޮށްފައެވެ. އެދެ މީހުންގެ މައްޗަށްވެސް ފުލުހުންވަނީ، ނުހައްގުން މީހުން ބަންދުކޮށްގެން ގެންގުޅުމާއި، އަނިޔާވެރިވުމާއި އަދި މަނީ ލޯންޑަރިންގެ ތުހުމަތު އުފުލާފައެވެ.

ފާމް ހައުސްގެ ބިމުއަޑީ ކޮޓަރިން އެ އާއިލާ ނެރެ މިހާރުވަނީ ސަރުކާރުގެ ޚާއްސަ ބޯހިޔާވަހިކަމަށް ގެންދެވިފައެވެ. ނަމަވެސް، އެ އާއިލާގެ ފޮޓޯއެއް އަދި އަދި އެމީހުން މިހާރު ތިބި ތަނެއްވެސް ކަމާބެހޭ ފަރާތްތަކުން މީޑިއާއާ ހިއްސާއެއް ނުކުރެއެވެ.

ފުލުހުން ބުނެފައިވަނީ، ފާމް ހައުސްއިން ފެނުނު އާއިލާގެ އެއްވެސް ކުއްޖަކު އުފަންވެގެން ރަޖިސްޓަރީ ކޮށްފައި ނުވާ ކަމަށެވެ. އަދި އެއިން އެއްވެސް ކުއްޖަކު ދުވަހަކުވެސް ސްކޫލަށް ނުދާ ކަމަށެވެ.