ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހިން ދިރިއުޅުމައި، ތާރީހު ދައްކުވައިދޭ އެކި އެކި ބިނާތައް މިހާރުވެސް އެބަހުއްޓެވެ. އެގޮތުން ދިވެހިންގެ ތާރީހުގައި ނަން ފަވާލެވިފައިވާ ގިނަ ފަރާތްތަކެއް ރަމްޒުކޮށްދޭ ބިނާތަކާއި، ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ އެތަައްް ބިނާއަކާއި، ދީނީގޮތުން ފާހަގަކޮށްލެވޭ އެތައް ބިނާއެއްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެއެވެ.

މިގޮތުން ފާހަގަަކޮށްލެވޭ ބައެއް ބިނާތައް ވެރިރަށް މާލޭގައިވެސް ހުންނަ އިރު، މިފަދަ ބިނާތަކުގެ ތެރެއިން ގިނަ ދުވަސްތަކެއް ވެފައިވާ އެއް ތަނުގެ ގޮތުގައި ފާހަގަކޮށްލެވޭ ގަދީމީ އެއް އިމަރާތަކީ މީގެ އެތައް އަހަރެއް ކުރިން ކަޅުވަކަރު ބޭނުންކޮސްގެން ބިނާކޮށްފައިވާ ކަޅުވަކަރު މިސްކިތެވެ.

ތާރީހީ ފޮތްފޮތުން ފެނިގެންދާގޮތުން މި މިސްކިތް އެންމެ ފުރަތަމަ ބިނާކޮށްފައި ވަނީ ޣިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެ ބިމުގައެވެ. އެހެންނަމަވެސް އެއަށްފަހު އެތައް ތަނަކަށް ކަޅުވަކަރު މިސްކިތް ވަނީ ބަދަލުކޮށްފައެވެ. އަދި ގިނަ ތަންތަނެއްގައި މި މިސްކިތް އަލުން ބެހެއްޓުމަށްފަހު މިހާރުގެ ސަރުކަރުން މި މިސްކިތް، ޗާންދަނީމަގާއި މެދުޒިޔާރަތްމަގު ގުޅޭ ސަރަހައްދުގައި އިހުގައި ޓަކިބޭ މިސްކިތް ހުރި ބިމުގައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ ފައިތުވެދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ފެށި މި މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު އަންގާރަ ދުވަހު ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އެއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކަޅުވަކަަރު މިސްކިތް އަލުން ރޭވުމުގެ މި ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖަރ އައިމިނަތު ޝިފާނާ ވިދާޅުވީ މިހަރު މި ވަނީ މިސްކިތުގެ ބަރަފޯސްގަނޑު އަތުރާ ނިމިފައިވާ ކަމުގައެވެ.

މި މަސައްކަތަށްފަހު މިހާރު މެދު މިސްކިތުގެ މަސައްކަތް ފަށާފައިވާ ކަން ފަހަގަކުރައްވައި ޝިފާނާ ވިދާޅުވީ މި މަަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަާށްގެންދަނީ ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ކަމުގައެވެ. އަދި މެދު މިސްކިތުގެ މަސައްކަތަށް ބަލާއިރު ފަސް ބަރި ޖެހުންވެސް ކުރިއަށް އެބައޮތް ކަމުގައި ޝިފާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާނާ ވިދާޅުވީ މިސްކިތް ރޭވުމުގައި މަސަކްތް އަވަހަށް ނިންމުމަށް އިސްކަމެއް ނުދޭ ކަމަށާއި، މަސައްކަތް ކުރިއަށްގެންދާނީ މަސައްކަތުގެ ނަތީޖާ އެންމެ ފުރިހަމައަށް ފެންނާނެ ފަދަ ގޮތަކަށް ކަމަށެވެ.

"ކޮންމެ ބަރިއެއް ބަހައްޓާފައިވެސް އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހޭ. ވެލި އަޅާ، އަޅާ އެދޭތެރޭގެ ގެޕް ފިލްކޮށް، ކުރަންޖެހޭ ބައިވަރު ސެޓިންގްސްތަކެއް އެބަހުރި. އެހެންވީމަ ކޮންމެ ބަރިއެއް އަޅާފައިވެސް އަޅުގަނޑުމެން ބަލާފަ ދެން ކުރިއަށް ގެންދަނީ. އެހެންވީމަ މިވަގުތު އަޅުގަނޑުމެންނަށް މެދު މިސްކިތުގެ މަސައްކަތް މި ފެށުނީ".
ޝިފާނާ

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ކޮންސަރވޭޝަން އޮފިސަރ އަހުމަދު ޒަމީރު ވިދާޅުވީ މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށްދާއިރު ގާތައް އަތުރަމުންގެންދަނީ ކުރިން މިސްކިތް ރޫޅާލިއިރު، އެގާތަކުގައި ޖަހާފައިވާ ނަމްބަރު ތަރުތީބުން ކަމުގައެވެ. އަދި ގާތައް ބަހައްޓާއިރު، ބަހައްޓަނީ ގާތަކުގައި ހުންނަ ރެނދުތައް ރަނގަޅުކުރުމަށްފަހުގައި ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އަދި އެތަންތަން ރަނގަޅުކުރަނީ ހިރިގާ ބޭނުންކޮށްގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިން މިސްކިތް ރޫޅާލި އިރު، މިސްކިތުގެ މަތިވަޑާންގަނޑު ބޭނުންނުކުރެވޭ ވަރަށް ހަލަކުވެފައިވާކަން ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ ދެން މިސްކިތުގައި އަަޅާ މަތިވަޑާންގަނޑު އަޅާނީ ހައިވަކަރުން ކަމުގައެވެ. އަދި ފުރާޅުގެ ގޮތުގައި މުސްކުޅި ގޮތް ދައްކާ ޓިނު ފުރާޅެއް ލާން ނިންމާފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

200 އަހަރުވެފައިވާ ދިވެހިންގެ ފަންނުވެރިންކަން ފެންނަަންހުރި މި މިސްކިތް އަލުން ރާވައި ބަހައްޓާއިރުވެސް މި މިސްކިތުން ދިވެހިންގެ ފަންނުވެރިކަން ފެންނާނެ ފަދަ ގޮތަކަށް މިސްކިތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒުން ގެންދަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.