ޖަޕާނުގެ އާ ރަސްގެފާނު އެމްޕެރަރ ނަރުހީޓޯ، ރަސްމީގޮތުން މިއަދު ތަޚުތުގައި ވަޑުވައިފިއެވެ.
އާ ރަސްގެފާނު ތަޚުތުގައި ވެޑުވުން އޮތީ، ވެރިރަށް ޓޯކިޔޯގައި ހުންނަ އިމްޕީއަލް ޕެލަސްގެ ހައިބަތުބޮޑު ހޯލް އޮފް ޕައިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ނަރުހީޓޯގެ އަނބިކަނބަލުން އަމީރާ މަސާކޯވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.
އެމްޕެރަރ ނަރުހީޓޯ ތަޚުތުގައި ވެޑުވުމުގެ ކުރިން، ގަދީމީ ޒަމާނުއްސުރެ ޖަޕާނުގައި ރަސްރަސްކަލުން ތަޚުތުގައި ވެޑުވުމުގެކުރިން ފުރިހަމަ ކުރާންޖެހޭ އެތައްކަމެއް ފުރިހަމަ ކުރައްވާފައި އެވެ.
އުމުރުފުޅުން 59 އަހަރުގެ އެމްޕެރަރ ނަރުހީޓޯ ރަސްކަމަށް މި އިސްކުރެވުނީ، ކުރިން ހުންނެވި އެމްޕެރަރ އަދި ނަރުހީޓޯގެ ބައްޕާފުޅު އަކިހީޓޯ ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވުމާ ގުޅިގެންނެވެ. އެމްޕެރަރ އަކިހީޓޯ ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވީ މުސްކުޅިފުޅު ވުމާއެކު، ރަސްކަމުގެ ރަސްމީ ވާޖިބުތައް އަދާކުރެއްވުމަށް ދަތިފުޅުވުމާ ގުޅިގެން، އަކިހީޓޯ އަމިއްލަފުޅަށް އެދިވަޑައި ގެންނެވެ.
އެކަމާ ގުޅިގެން ދަރިކަލުން ނަރުހީޓޯ އެމްޕެރަރގެ މަގާމަށް ރަސްމީގޮތުން އައްޔަން ކޮށްފައިވަނީ މިއަހަރުގެ މެއިމަހުއެވެ.
އެމްޕެރަރ ނަރުހީޓޯ ރަސްކަމުގެ ތަޚުތުގައި ވެޑުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުން އިއްޒަތްތެރިން ބައިވެރިވެވަޑައި ގެންނެވިއެވެ. އެގޮތުން، ދުނިޔޭގެ ގައުމުތަކުގެ ރަސްރަސްކަލުންނައި، އަމީރުންނާއި، އަމީރާއިންނާއި، ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އެނޫންވެސް އިއްޒަތްތެރިން ހިމެނިވަޑައިގަންނަވައެވެ.
ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ވަލީއަހުދު އަމީރު ޗާރލްސްވެސް ހިމެނިވަޑައިގަންނަވައެވެ. ޗާރލްސްވަނީ އެމްޕެރަރ އަކިހީޓޯ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށްވެސް ވަޑައިގެންފައެވެ. ޗާރލްސް އެފަހަރު ވަޑައިގެންނެވި އޭރުގެ އަނިކަނބަލުން އަމީރާ ޑަޔަނާއާ އެކުގައެވެ.
ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި 2000 އަށްވުރެ ގިނަ އިއްޒަތްތެރިންގެ ކުރިފުޅުމަތީގައި ހުންނަވައި، ޖަޕާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ އެމްޕެރަރ ނަރުހީޓޯ ވިދާޅުވީ، ދައުލަތުގެ ރަމްޒުގެ ގޮތުންނާއި، ޖަޕާނު ރައްޔިތުންގެ އެއްބައިވަންތަކަމަށް ގާނޫނުން އޭނާއާ މަތިކުރެވިފައިވާ ޒިންމާތައް ފުރިހަމައަށް އަދާ ކުރައްވާނޭ ކަމަށެވެ.
މިރަސްމިއްޔާތުގައި އާ އެމްޕެރާއަށް މަރްހަބާ ދެންނެވުމުގެ ގޮތުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވެސް ވާހަކަފުޅު ދެއްކެވިއެވެ.
ރަސްކަމުގެ ތަޚުތުގައި ވެޑުވުން ފާހަގަ ކުރެއްވުމުގެ ގޮތުން އެމްޕެރަރ ނަރުހީޓޯވަނީ، ބައި މިލިއަނެއްހާ ކުށްވެރިންނަށް އަފޫއާންމެއް ދެއްވާފައެވެ. މިނިވަންކޮށް ދޫކޮށްލި 550،000 ކުށްވެރިންގެ ތެރޭގައި ހިމެނެނީ ޓްރެފިކް މައްސަލަތަކާއި، އިންތިޚާބުތަކުގެ ތެރޭގައި ހިންގާފައިވާ ކުށްތަކުގައި ހިމެނޭ ކުށްވެރިންނެވެ.
އެމްޕެރަރ ނަރުހީޓޯ ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ޚާއްސަ އިހުތިފާލު މިއަދު ބޭއްވި ނަމަވެސް، އެކަމާ ގުޅިގެން މީގެ އެތައް ދުވަހެއް ކުރީއްސުރެ ބާއްވަން ހަމަޖެހިފައި އޮތް ޚާއްސަ ޕެރޭޑްވަނީ އަންނަ މަހަށް ފަސްކޮށްފައެވެ. އެއީ، މީގެ 10 ދުވަސްކުރިން ޖަޕާނަށް އެރި ވަރުގަދަ ތޫފާނާ ގުޅިގެންނެވެ. އެ ތޫފާނުގައި 80 މީހުން މަރުވެ ބޮޑެތި އެތައް ގެއްލުންތަކެއް ލިބިފައި ވެއެވެ.