ކެނެޑާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު، މިހާރުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކާމިޔާބު ކުރައްވައި، ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރު ކަށަވަރު ކުރައްވައިފިއެވެ.

އެހެން ނަމަވެސް، އިންތިޚާބުގައި ބޮޑުވަޒީރު ޓްރޫޑޯއަށްވަނީ ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލިވަޑައި ގެންފައެވެ.

އާންމު އިންތިޚާބުގައި ބޮޑުވަޒީރުގެ ބައިވެރިންނަށް ލިބުނު ގޮނޑިތައް މަދުވީ، ޓްރޫޑޯއާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިއާ އެކުވެސް، ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ލިބުނީ ބޮޑުވަޒީރު ޓްރޫޑޯގެ ލިބަރަލް ޕާޓީއަށެވެ. އާ ސަރުކާރެއް އެކުލަވާލުމުގެ އެންމެ ރަނގަޅު ފުރުސަތު އޮތީވެސް ލެބަރަލް ޕާޓީއަށެވެ.

ޕާލަމެންޓްގެ ގޮނޑިތައް ބެހިގެންދިޔަ ގޮތުން، ކުރިއަށްއޮތް ދައުރުގައި ގާނޫނެއް ފާސްކުރަން ބޭނުންވާނަމަ ބޮޑުވަޒީރުގެ ޕާޓީއަށް އިދިކޮޅު އެހެން ޕާޓީއެއްގެ ތައީދު ބޭނުންވާނެއެވެ.

އާންމު އިންތިޚާބު ގާތްވެފައި ވަނިކޮށް ކުރިމަތިވެވަޑައި ގެންނެވި މައްސަލަތަކުގެ ސަބަބުން، ވެރިކަމުގެ ދެވަނަ ދައުރުގައި ބޮޑުވަޒީރު ޓްރޫޑޯއަށް އޭނާއަކީ ވަރަށް ހަރުދަނާ ބޭފުޅެއްކަން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް، މުހައްލިލުން ވިދާޅުވެއެވެ.

ވެރިކަންކުރާ ޕާޓީއަށް ލިބުނު ގޮނޑި މަދުވީވެސް އަދި ދެވަނަ ދައުރަކަށް ލެބަރަލް ޕާޓީއަށް ވެރިކަމަށް އާދެވުނީވެސް ބޮޑުވަޒީރު ޓްރޫޑޯގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިއްޔެގެ އިންތިޚާބުގެ މިހާތަނަށް ހާމަކުރެވުނު ވަގުތީ ނަތިޖާ ދައްކާގޮތުން، 338 ގޮނޑި ހިމެނޭ ހައުސް އޮފް ކޮމަންސްގެ 157 ގޮނޑި ލެބަރަލް ޕާޓީއަށް ކާމިޔާބު ކުރެވިފައި ވެއެވެ. ޕާޓީން އެކަނި ސަރުކާރެއް އެކުލަވާލަން ބޭނުންވަނީ 170 ގޮނޑި ކަމަށް ވާއިރު، ލެބަރަލް ޕާޓީއަށް މަދުވަނީ އެންމެ 13 ގޮނޑިއެވެ.

ކެނެޑާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ މިހާތަނަށް ހާމަކުރެވުނު ވަގުތީ ނަތީޖާ:

ރިޕޯޓްތައް ބުނާގޮތުން، ސަރުކާރެއް އުފައްދަން ލެބަރަލް ޕާޓީން ކޯލިޝަން ހަދާނީ ނިއު ޑިމޮކްރޭޓްސް ޕާޓީއާ އެވެ.

އެ ޕާޓީގެ ލީޑަރ ޖަގްމީތު ސިންގްވަނީ، އިންތިޚާބުގެ ކާމިޔާބީއަށް ޓްރޫޑޯއަށް މަރްހަބާވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އޭނާގެ ޕާޓީން ޕާލަމެންޓްގައި ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރާނޭ ކަމަށެވެ.

އިއްޔެގެ އިންތިޚާބުން ނުކުތް ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ކެނެޑާގެ ރައްޔިތުން ބައިބައިވުންތަކަށް ނޫނެކޭ ބުނެފި ކަމަށާއި، ކުރިއެރުންތަކުގެ އެޖެންޑާއަކަށް ރައްޔިތުން އާނބަސް ބުނެފި ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައްޔިތުން އާނބަސް ދީފި ކަމަށެވެ.

އިންތިޚާބުގައި ލިބަރަލް ޕާޓީއަށް ވޯޓްނުދޭ ފަރާތްތަކަށް ޓްރޫޑޯ ވިދާޅުވީ، އެފަދަ ރައްޔިތުންނަށްޓަކައިވެސް އަދި ކެނެޑާގެ ހުރިހާ ރައްޔިތުންނަށްޓަކައި އެންމެ ދުވަހެއްވެސް ނަގާނުލައި ސަރުކާރުން މަސައްކަތް ކުރާނޭ ކަމަށެވެ.

ކެނެޑާގެ އިދިކޮޅު ކޮންޒަވޭޓިވް ލީޑަރު އެންޑްރޫ ޝިއަރ ވިދާޅުވީ، އިންތިޚާބުން ނުކުތް ނަތީޖާއަކީ އެޕާޓީން ބޮޑުވަޒީރު ޓްރޫޑޯއަށް ދިން ނޯޓިސްއެއް ކަމަށެވެ.