އައްޑޫ ސިޓީގެ ހިތަދޫގައި 20 މެގަވޮޓުގެ ކަރަންޓުގެ މަޝްރޫއެއް ފެށުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މިއީ ޗައިނާގެ "ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން" އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެެވެ.

މާގިރި ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގާއި އައްޑޫގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރާ މި މަޝްރޫއު އަކީ، 37.5 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. އަދި މަސައްކަތް ފަށާތާ 15 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މަަޝްރޫއު ކުރިޔަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ޒިންމާ އުފުލަންޖެހޭނީ ޑޮންގްފަންގ ކުންފުނިންކަމަށްވެސް އެ މިިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއު ފުރިހަމަކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން މި ސަރުކާރުން ދެކުނުގައި ހިންގުމަސް ރާވާފައިވާ އިގްތިސާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުންދެކެއެވެ.

ރާއްޖޭގެ ދެކުނުގެ ވިޔަފާރި މަރުކަޒަށް ހެދުމަށް 414 މިލިއަން ޑޮލަރު (6.4 ބިލިއަން ރުފިޔާ)ގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމަައި އެ މަޝްރޫއު އަށް ބޭނުންވާ އެހީ ހޯދުމަށް ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފަ އެވެ.