ހިއްކައި ތަރައްގީ ކުރަަމުން އަންނަ ގުޅީފަޅު މަސައްކަތް ކުރިޔަށް ގެންދާތާ މިހާރު އަހަރުތަކެއް ފާއިތުވެފައި ވާއިރު ގުޅީފަޅު ތަރައްގީވެ ނިމިގެންދާއިރު އެތަނަށް ވާނެ ގޮތެއް އަދިވެސް އޮތީ ރައްޔިތުންނަށް ޔަގީން ނުވާ ހިސާބުގައެވެ. މާލޭގައި ދިމާވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެ ގެނައުމަށް ކަމަށްބުނެ ތަރައްގީ ކުރަން ފެށި ގުޅީފަޅު، ވެރިކަން ބަދަލުވުމާއި އެކު މަޝްރޫއު ބަދަލުކުރީ އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރުމަށެވެ. ނަމަވެސް ދުވަސްތަކެއްވީއިރުވެސް އެ ތަން ތަރައްގީ ނުކުރެވި އޮތުމަށްފަހު، އެ މަސައްކަތަށް އަނެއްކާވެސް ބޮޑު ހޭދައެއް ކޮށް ގުޅީފަޅުން ބޮޑު ސަރަހައްދެއް ހިއްކުމަށް ބޭރުގެ ކުންފުންޏަކާ މިވަނީ ހަވާލުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ގުޅީފަޅުން 140 ހެކްޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމުގެ މަޝްރޫ 53 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ކުންފުންޏާއެވެ. ނަމަވެސް އެފަދަ މަޝްރޫތަކުން ސަރުކާރު ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ވާހަކައާއި އެފަދަ ހަރަދުތަކަށް ސަރުކާރުގައި ބަޖެޓު ނެތް ކަމުގެ ވާހަކަތައް ދެކެވެމުންދާއިރު 180 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް މިފަދަ ބޮޑު ހަރަދެއް ކުއްލިއަކަށް ކުރަން ޖެހުނު ސަބަބާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫ ބޮސްކާލިސްއާއި ހަވާލު ކުރުން

ސަރުކާރުން ބިން ހިއްކުމުގެ މި މަޝްރޫއަށް މިވަރުގެ ހޭދައެއް ކުރަން ނިންމާފައިވާ އިރު، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދެން އުފައްދާ ސުވާލަކީ އެ މަސައްކަތް މިހާރު ދީފައިވާ އަގަށްވުރެ ކުޑަ އަގެއްގައި ކުރެވޭނެ ފެންވަރާއި ގާބިލިއްޔަތިކަން ދިވެހި ކުންފުންޏެއްގައި ނެތީތޯއެވެ. އަދި 53 މިލިއަން ޑޮލަރަކީ އެ މަޝްރޫއަށް ހަމަ އެންމެ އެކަށީގެންވާ ހަރަދުތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ނިމިދިޔަ ސަރުކާރުންވެސް ރާއްޖެގެ އެކި ހިސާބުތަކުގައި މިފަދަ މަޝްރޫތައް ހިންގައި ރަށްރަށުން ބިން ހިއްކާފައި ވާއިރު މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ހުޅުމާލެގެ ދެވަނަ ފިޔަވަހި ހިއްކުމަކީ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ. އެ މަޝްރޫގެ ތެރެއިން 240 ހެކްޓަރުގެ ބިން ހިއްކައި ތޮށިލާފައި ވާއިރު އެ މަޝްރޫއަށް ހަރަދުވެފައިވަނީ ހަމަ އެންމެ 52 މިލިއަން ޑޮލަރުކަން ވަނީ ހާމަކޮށްފައެވެ. ޑިޒައިންގެ ގޮތުންނާއި ހިއްކާ ސަރަހައްދުގެ ބޮޑު މިނަށް ބެލިޔަސް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ މަސައްކަތް ބުރަ ވެފައި ބޮޑުވާނެ ކަމަށްވެސް ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ކަން މިހެން ހިނގަމުންދާއިރު، ނިމިދިއަ ސަރުކާރުން ވަނީ ބިން ހިއްކުމާއި އެފަދަ މަޝްރޫތައް ބޭރުގެ ކުންފުނިތަކާއި ހަވަާލުނުކޮށް ރާއްޖެއިން ކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށް 36 މިލިއަން ޑޮލަރު ހޭދަކޮށް މަހާޖައްރާފުގެ ނަމުގައި ޑްރެޖަރެއް ގެނެސްފައެވެ. ނަމަވެސް އޭގެ ބޭނުން ނުކޮށް ސަރުކާރުން ގުޅީފަޅު މަޝްރޫ ބޭރުގެ ކުންފުންޏަކާ ހަވާލުކުރުން ވެގެންގޮސްފައި ވަނީ އިދިކޮޅު އަދި އެފަދަ ބޮޑެތި މަޝްރޫތަކާއި ހަވާލުވާ އެމްޓީސީސީގެވެސް ބޮޑު ކަންބޮޑުވުމަކަށެވެ.

އެގޮތުން މި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރި ނަމަ "މަހާ ޖައްރާފް" ބޭނުން ކޮށްގެން އެންމެ ގިނަ ވެގެންވެސް 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ހަތް މިލިއަން ޑޮލަރަށް ތޮށިލައި ނިމޭނެ ކަމަށެވެ. އެހެން ކަމުން އެ މަޝްރޫއަށް އެންމެ ގިނަ ވެގެންވެސް ހޭދަވާނީ 44 މިލިއަން ޑޮޮލަރު ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަންބޮޑުވުމަށް ވުރެ ބޮޑަށް ބޮޑު މަޝްރޫއެއް އަތުން ދޫވެގެން ދިޔަކަމުގެ ހިތާމައެވެ. އެމްޓީސީން ބުނީ އެ މަޝްރޫއަށް އެ ކުންފުނި ގާބިލު ކަމަށެވެ. އެހެންނަމަވެސް އެއާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ގާބިލު ކުންފުންޏެއް އޮއްވާ އެހެން ބަޔަކާއި ހަމައަށް މަޝްރުއު ދާން ޖެހުނު ސަބަބު އެއްވެސް ވަރަކަށް ނޭނގޭ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ގުޅީފަޅުގެ މަޝްރޫއަކީ އެމްޓީސީސީން ވެސް ވަރަށް ބޭނުން މަޝްރޫއެއް ކަމަށާއި، އޭގެ މައުލޫމާތު ލިބުނު ނަމަ ބިޑު ކުރީސް ކަމަށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫތަކަށް ހާއްސަކޮށްގެން މަހާޖައްރާފަށް އެވަރުގެ އިންވެސްޓްމެންޓެއް ކޮށްފައިވަނިކޮށް ބޭރުގެ ބަޔަކާއި މި މަޝްރޫއު ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބޮސްކާލިސް ކަހަލަ ތަންތަނުން ވެސް މިވަރުގެ މަޝްރޫއެއް ހިންގާއިރު ވަސީލަތްތައް ހަޔާ ކުރާނެކަން ފާހަގަކުރައްވައި އެ ކުންފުނިން ބުނީ އެމްޓީސީސީއަށް މަޝްރޫއު ލިބުނު ނަމަ ކޮންމެހެން މަހާ ޖައްރާފަށް އެކަނި ބަރޯސާނުވެ، ކަނޑައަޅާ މުއްދަތެއްގައި އެކަން ކުރެވޭނެ ކޮންނަބޯޓު ބޭރުން ކުއްޔަށް ގެނައުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އެފަދަ މަޝްރޫތައް ރާއްޖޭގެ ކުންފުނިތަކާއި ހަވާލުކުރުމުން ހަރަދުވެސް ކުޑަ ކުރެވޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ބުނީ ސަރުކާރާއި އެ ކުންފުންޏާއި ދެމެދުގައި އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހު، އެއްވެސް މެދުކެނޑުމެއް ނެތި، ކުރާނެ މަސައްކަތް އެމްޓީސީސީގައި އެބަހުރި ކަމަށެވެ. އަދި ސަރުކާރުން އެ މަޝްރޫ އެމްޓީސީސީއާއި ހަވާލުނުކުރީ އެ ސަބަބައްޓަކައި ކަމަށްވުން އެކަށީގެންވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.