މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަށް ސަހަރޯވެރިވެގެން ރައީސުލްޖުމްހޫރިއްޔާ ނޫޅުއްވާ ކަމަށާއި ދީނަށް ފުރައްސާރަ ކުރި މީހުންނަށް ހައްގު އަދަބު ލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ޖޭޕީއަށް އައު މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ ޝާއިއުކޮށްލާ ރިޕޯޓަކުން ރާއްޖޭގައި އޮތް އިސްލާމްވަންތަކަން ނައްތައިނުލެވޭނެ ކަމަށެވެ. އެމްޑީއެންގެ ރިޕޯޓަކީ ޑިމޮކްރެސީ ނެޓްވޯކުގެ ތެރެއިން ޑިމޮކްރެސީއޭ ބުނެ ވާހަކަދައްކަމުންދާއިރު، ޑިމޮކްރެސީއަށް ވެސް ލިބިގެންދާ ހުތުރެއް ކަމަށެވެ. ޑިމޮކްރެސީއަކީ އެބަޔަކު ގަބޫލުކުރާ ހަމަތައް ބަދަލުކުރުން ނޫން ކަަމަށާއި ރާއްޖެއިން އިސްލާމްދީން ފޮހެނުލެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ފަސާދަކުރަން ޖާގަނުދެވޭނެ ކަމަށާއި ރައްޔިތުން އެ ޖާގަ ނުދޭނެ ކަމަށެވެ. ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ އަދާލަތު ފުނޑުފުނޑުކޮށްލައި، އެއްބައިވަންތަކަން ނަގާލަން ބަޔަކު އުޅުނަސް އެކަން ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އަގީދާއާ ވެސް ކުޅެނުލެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅަށް ޖޯކުޖަހައި ކުޑައިމީސްކޮށް ހިތުމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން އެއްވެސް ފުރުސަތެއް ނުލިބޭނެ ކަަމަށެވެ. އަދި ގައުމުގެ މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށް ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންގެ އަގީދާގެ ވަރުގަދަކަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދާނީ ސާބިތުވެގެން ކަމަށާއި އެކަންކަން ކުޅޭ ކުޅިވަރަކަށް، ޖޯކަކަށް ނުހެދުމަށް ގޮވާލައްވާ ކަމަށެވެ. އެމްޑީއެން މައްސަލައިގައި ސަރުކާރުން ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށާއި ގާނޫނުން ލާޒިމުކޮށްފައިވާ ކަންކަން މުއައްސަސާތަކުން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީއެންގެ އަޑުއައްސަވައިގެން އެމީހުންނަށް ސަހަރޯވެރިވެގެން ރައީސުލްޖުމްހޫރިއްޔާ ނޫޅުއްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިޔަސް، ފުލުހުންނާއި ސިފައިން ވިޔަސް ގާނޫނީ ވާޖިބު އަދާނުކޮށް ނުތިބޭނެ ކަމަށެވެ. އެމްޑީއެން އުވާލުމަކުން އަދި މި މައްސަލަ ނުނިމޭ ކަމަށާއި އެކަން ކުރި މީހުންނަށް ފިޔަވަޅު އެޅެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ރިޕޯޓުގެ މަސައްކަތް ކުރި މީހުން ކޮންމެ ތާކު ތިއްބަސް، އެމީހުން ދޫކޮށްނުލާނެ ކަމަށާއި ހައްގު އަދަބު ލިބޭނެ ކަމަށް ވިދާޅުވިއެވެ.