ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާގެ މައްޗަށް 2-1 އިން ބާސެލޯނާ ކުރި ހޯދިއިރު، ފަހު ވަގުތު ޗެލްސީން 1-0 އިން އަޔެކްސްގެ މައްޗަށް ކުރިހޯދައިފިއެވެ.

ސްލާވިއާ ޕްރާގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި މެސީ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. މި ގޯލާއެކު މެސީ ވަނީ އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 15 ސީޒަނުގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޖޭން ބޮރިލް ވަނީ ސްލާވިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަތް މިނެޓްފަހުން ބާސާ އިން އަލުން ލީޑު ނެގިއިރު މި ގޯލަކީ ސްލާވިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އިންޓަމިލާން އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ. އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައި އޮތީ ޕްރާގާއެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ޑޯޓްމަންޓް އަތުން އިންޓަމިލާން ވަނީ 2-0 އިން މޮޅުވެފައެވެ. މި މެޗުގައި އިންޓަރމިލާންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒް އާއި އެންޓޯނިއޯ ކަންދްރޭވާއެވެ.

ޗެލްސީ މޮޅުވީ ފަހުވަގުތު ބަޓްޝުއާއި ޖެހި ގޯލުން

--- އަޔަކްސް ކޮޅަށް ގޯލުޖެހުމަށްފަހު ބަޓްޝުއާއި އުފާފާޅުކުރަނީ

މެޗުގެ ފަހުކޮޅު އަޔެކްސް ކޮޅަށް ވައްދާލި ގޯލުން ހޯދި މޮޅާއެކު ޗެލްސީ އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އަޔެކްސް އަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ވެލެންސިޔާ އަށް ހަތަރު ޕޮއިންޓު އަދި ފުލުގައި އޮތް ލިލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

އަޔެކްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި މިޗީ ބަޓްޝުއާއީއެވެ.

މިއީ މި ސީޒަނުގައި އަޔެކްސް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ 2014 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗަކުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ވެލެންސިއާ އާއި ފްރާންސްގެ ލިލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.