ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބް ކުޅެން ހަމަޖެހިފައިވާ ދެ މެޗަކަށް ހާޒިރުުނުވުމުގެ ސަބަބުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުލަބަށް އަނެއްކާވެސް އަދަބުދީފިއެވެ.

އެފްއޭއެމުން ވަނީ މީގެ އެއްމަސްދުވަހުގެ ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުގެ ސަބަބުން ވިކްޓްރީ ސްޕޯޓްސް ކުލަބް 40،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އޭގެފަހުން އެފްއޭއެމުން ވަނީ އެކި ގޮތްގޮތަށް ވިކްޓްރީއަށް ފުރުސަތުދީފައެވެ. ނަމަވެސް އެފްއޭއެމުން އަނެއްކާވެސް ވިކްޓްރީއަށް އަދަބުދިނީ އޭގެފަހުން އިތުރު ދެ މެޗަށް ވިކްޓްރީ ހާޒިރުނުވުމާއި ގުޅިގެންނެވެ. އެއީ މިމަހުގެ 15 ގައި ފޯކައިދޫ ފުޓުބޯޅަ ކުލަބާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި މިމަހުގެ 20 ގައި ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ މެޗަށް ވިކްޓްރީ ހާޒިރުނުވުމާއި، މި ކުށް ތިން ފަހަރު ތަކުރާރުވުމާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރުކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ 50 އިންސައްތަ އިތުރުވާ ގޮތުގެމަތިން ވިކްޓްރީ ސްޕޯޓްސް ކުލަބް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ވިކްޓަރީ އިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު 150،000އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މީގެއިތުރުން ވިކްޓްރީ ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމާއި ގުޅިގެން ފޯކައިދޫ ފުޓުބޯޅަ ކުލަބާއި ޔުނައިޓެޑް ވިކްޓްރީ، މިއިން ކޮންމެ ޓީމަކަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ވަނީ ދީފައެވެ.

މިދިޔަ ދެ އަހަރުވެސް ވިކްޓްރީން ސީޒަނާއި ކުރިމަތިލީ މާލީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލުމަށްފަހުގައެވެ. މިދިޔަ އަހަރު ސިޔާސީ ފަރާތްތަކެއް ކުލަބާއި ހަވާލުވެ އެ ކުލަބް ވަނީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާފައެވެ. އަދި ސަރުކާރުން ބޮޑެތި އެހީތަކެއް ދިން ނަމަވެސް ފެނިގެންދިޔައީ މުސާރައިގެ މައްސަލަތަކާއި މާލީގޮތުން ކުލަބް އަޑިއަޅާލައިގެން ދިޔަ ތަނެވެ. މިދިޔަ އަހަރުވެސް ވިކްޓްރީން މެޗެއް ނުކުޅެ ދޫކޮށްލިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ވިކްޓަރީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ނާޝިދެވެ. ވިކްޓްރީ އަލުން ކޮޅަށް ޖެހުމަށް ގިނަ ވައުދުތަކެއް ވި ނަމަވެސް މި ފެނިގެންދަނީ ކުރިން ފެނުނު މަންޒަރު ތަކުރާރުވެގެންދާ ތަނެވެ.