އޯޓިސްޓިކް ކުއްޖަކަށް އިހާނެތިކޮށް ކަންތައް ކުރި މައްސަލާގައި ޓީޗަރަކަށް ފިޔަވަޅު އަޅައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައި ވަގުތު އެކަމަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޖެންޑަރ މިނިސްޓަރ ޓެގްކޮށް ޝިފާގް ހުސެއިން ނަމަކަށް ކިޔާ މީހަކު މަންޒަރު ދައްކުވައިދޭ ވީޑިއޯ ހިއްސާކޮށް ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވައި މިނިސްޓަރ ވިދާޅުވީ އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް އަދި ފުރައްސާރައަކީ ސީރިއަސް މައްސަލަތައް ކަމަށާއި އަޅާނުލައި ދޫކޮށްލަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެންމެ އިސް ކަމަކީ އަބަދުވެސް ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓުވީޓްގައި ބުނެފައިވާ ގޮތުން އެކަމަކީ ވ. ފުލިދޫގައި ހުންނަ ވ. އަތޮޅު ޕްރީސްކޫލުގެ ޓީޗަރަކާއި ކުޑަކުއްޖަކާ ދެމެދު ހިނގާފައިވާ ކަމެކެވެ. އެކަން ހިނގާދިޔަ ވަގުތު އެހެން ކުދިންނާއެކު އެކުއްޖާ ސަފުގައި ބެހެއްޓުމަށް ޓީޗަރުން މަސައްކަތް ކުރަމުންދާ ތަން ފެނެއެވެ.

މި މައްސަލާގައި ޓީޗަރަށް ފިޔަވަޅު އަޅާފައިވިޔަސް އަޅާފައި ވަނީ ކޮން ފިޔަވަޅެއް ކަމެއް ހާމަކޮށްފައެެއް ނުވެއެވެ.