ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން، ވަގުތީގޮތުން ޖަލުން މިނިވަން ކުރުމަށް ޕާކިސްތާނުގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ޖަލުން ލާހޫރުގެ ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހޯމަދުވަހުއެވެ.

ޑޮކްޓަރުންނާއި، ނަވާޒް ޝަރީފްގެ ޕާޓީގެ އޮފިޝަލުންނާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ، ނަވާޒް ޝަރީފަށް ސިއްހީ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެވަޑައި ގެންފައިވާ ކަމަށެވެ. އޭގެ ސަބަބުން ސިކުނޑިއަށާއި، އެތެރެހަށްޓަށް ލޭ އެޅުމުގެ ނުރައްކާ އެބައޮތެވެ.

އެހެންކަމުން، ނަވާޒް ޝަރީފްގެ ސިއްހީ ހާލަތަށްޓަކައި އޭނާ ވަގުތީގޮތުން ޖަލުން މިނިވަން ކޮށްދިނުމަށް ޕާޓީގެ ފަރާތުން ކޯޓަށް ހުށަހެޅީއެވެ.

ނަވާޒް ޝަރީފްގެ ގާނޫނީ ވަކީލު އަޒަމް ތަރާރް ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ނަވާޒް ޝަރީފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، ވަގުތީގޮތުން ޖަލުން މިނިވަން ކޮށްދިނުމަށާއި، އޭނާއަށް އެކަށީގެންވާ ރަނގަޅު ފަރުވާ ބޭނުންވާ ކަމަށް ބުނެއެވެ.

ކޯޓުން އަމުރުކުރި ނަމަވެސް، ނަވާޒް ޝަރީފް އަދިވެސް މިނިވަން ނުކުރާ ކަމަށް ވެއެވެ.

ޕާކިސްތާނުގައި ތިން ދައުރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށް ލާފައިވަނީ މިދިޔަ އަހަރުއެވެ.