އައު ފޯމެޓަށް ބާއްވާ ފުރަތަމަ ކްލަބު ވޯލްޑް ކަޕް 2021 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފިއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ބާއްވަމުން އައި ކްލަބު ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލުގެނެސްފައިވަނީ މިއހަަރުގެ މާޗު މަހު މަޔާމީގައި ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގައެވެ. އަދި މުބާރާތް ބާއްވާނެ ތާރީޚު ކަނޑައަޅާފައިވަނީ ޗައިނާގައި ދާދި ފަހުން އޮތް ފީފާ ކައުންސިލް ބައްދަލުވުމުގައެވެ.

މިހާރު އާދައިގެ ގޮތަކަށް، ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބު ވޯލްޑް ކަޕްގެ ފޯމެޓަށް އަލަށް ގެނައި މިބަދަލާއެކު، މި މުބާރާތް ދެން ބާއްވާނީ 24 ޓީމާއިއެކު ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުއެވެ. ފީފާއިން ބުނީ ކްލަބު ވޯލްޑް ކަޕަކީ ފީފާ ކޮންފަޑަރޭޝަންސް ކަޕްގެ ބަދަލުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އާ ކްލަބު ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 2021 ވަނަ އަހަރު ޗައިނާގައި އޮންނާނީ ޖޫން 17 އިން ޖުލައި 4 ވަނަ ދުވަހުގެ ނިޔަލަށެވެ. 2021 ވަނަ އަހަރު އައު ފޯމެޓަށް ކްލަބު ވޯލްޑް ކަޕް ބާއްވަން މަސައްކަތްކުރި ނަމަވެސް، ކުރީގެ ފޯމެޓަށް މިއަހަރުގެ މުބާރާތާއި އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. މިއަހަރުގެ މުބާރާތް އޮންނާނީ ޑިސެމްބަރު މަހު ގަތަރުގައެވެ.

2021 ވަނަ އަހަރު ބާއްވާ އާ ކްލަބު ވޯލްޑް ކަޕްގައި 24 ޓީމެއް ވާދަކުރާއިރު، މުބާރާތުގައި ވާދަކުރާނީ ޔޫރަޕްގެ 8 ޓީމާއި ދެކުނު އެމެރިކާގެ 6 ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން 3 ޓީމާއި އޯޝޭނިއާގެ ޓީމެކެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި ސަބަބަކީ މުބާރާތް ބޭއްވެނީ އެހެން ދެ މުބާރާތެއްގެ ބަދަލުގައި ކަމަށްވެފައި ހަތަރު އަހަރުން އެއް އަހަރު އިތުރު ފަސް މެޗު ކުޅުމަކީ ބުރައަކަށް ނުވާތީ ކަމަށެވެ.

އެކަމަކު މި ނިންމުމާ ދެކޮޅަށް ޔޫރަޕުން ތެދުވެފައިވާއިރު ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބްތަކުން ވަނީ މުބާރަތް ބޮއިކޮޓްކުރާނެ ކަމަށްވެސް ބުނެފައެވެ.