ޕޯޗުގަލްގެ ޕާލަމެންޓް މެމްބަރަކު، ޕާލަމެންޓްގެ ޖަލްސާކުރާ މާލަމަށް ވެދެވަޑައިގަތުމަށް ވަކި ދޮރެއް ހެދުމަށް، ޕާލަމެންޓުން ނިންމައިފިއެވެ.

ވަކި ދޮރެއް ހެދުމަށް ނިންމީ، ޕޯޗުގަލްގައި މިމަހުގެ ކުރީކޮޅު ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ދުރު-ކަނާތު ފިޔައިގެ ފިކުރުގެ ހަމައެކަނި މެމްބަރު އެންޑްރޭ ވެންޗޫރާއަށެވެ.

އޭނާއަކީ ޕޯޗުގަލްގެ ޝިގާ (ފުދިއްޖެ) ޕާޓީގެ ލީޑަރެވެ. އެންޑްރޭ ވެންޗޫރާއަކީ ކުރިން ފުޓްބޯޅަ ކޮމަންޓޭޓަރެކެވެ.

ޕޯޗުގަލްގެ ޕާލަމެންޓްގެ އިމާރާތް ނުވަތަ ސައޮ ބެންޓޯ ޕެލަސްގެ ޖަލްސާކުރާ މާލަމުގައި ހުންނަނީ ގޮނޑިތައް ހުންނަނީ ލަކުޑި ބެންޗާއެކުއެވެ.

އެގޮތުން، އެންޑްރޭ ވެންޗޫރާ އިށީނދެވަޑައި ގަންނަވަންޖެހޭ ގޮނޑިކޮޅު އިންނަނީ، ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ ކަނާތުފިޔައިގެ ސީޑީއެސް-ޕީޕީ ޕާޓީ މެމްބަރުން ތިއްބަވާ ބަރީގެ އެންމެ އެތެރޭ ކޮޅުގައެވެ.

އެގޮތަށް ވުމުން، ދުރު-ކަނާތު ފިޔައިގެ މި މެމްބަރު އިށީނދެވަޑައިގަންނަވަންޖެހޭ ހިސާބަށް ވަޑައިގެންނެވެނީ، ކަނާތުފިޔައިގެ މެމްބަރުންގެ ތެރެއިން ހިންގަވާފައި ވަޑައިގެންނެވެ.

މައްސަލަ ޖެހުނީ، ވާދަވެރި އިދިކޮޅު ދުރު-ކަނާތުފިޔައިގެ މެމްބަރު އޭނާ އިންނަވާ ގޮނޑިކޮޅަށް ވަޑައިގަތުމަށް ތަން ދިނުމުގެގޮތުން، ކަނާތުފިޔައިގެ މެމްބަރުން ކޮންމެ ފަހަރަކު ކޮއްޅަށް ތެދުވެވަޑައިގަންނަވާން ޖެހޭތީއެވެ.

މިއީ، ޕާލަމެންޓްގައި ޕާޓީތަކުގެ މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަލާއިރު، ވާދަވެރި އެހެން މެމްބަރުންނަށް ދިމާވާ މައްސަލައެއް ނޫންކަމަށް ވެއެވެ.

ސީޑީއެސް-ޕީޕީ ޕާޓީގެ ޕާލަމެންޓް މެމްބަރު ޓެލްމޯ ކޮރީއާ ވިދާޅުވީ، މިމައްސަލައަކީ ސިޔާސީ ސުވާލެއް ނޫން ކަމަށާއި، މިއީ ޕްރެކްޓިކަލް ކަމެއް ކަމަށެވެ.

މިމައްސަލައިގެ ޝަކުވާ ބޮޑުވެގެން ޕާލަމެންޓްގެ ރައީސް ފެރޯ ރޮޑްރިގޭސް އެންމެފަހުންވަނީ، ދުރު-ކަނާތުފިޔައިގެ މެމްބަރު އެންޑްރޭ ވެންޗޫރާ އިށީނދެ އިންނަވާ ބެންޗު ހުންނަ ދިމާއިން ވަކިދޮރެއް ހެދުމަށް އެއްބަސްވެވަޑައި ގެންފައެވެ. މާނައަކީ، އެންޑްރޭ ޕާލަމެންޓްގެ ޖަލްސާކުރާ މާލަމަށް ވެދެވަޑައި ގަތުމަށް ވަކި ޚާއްސަ ދޮރުކޮޅެއް ހެދިގެންދާނެ ކަމެވެ.

އެކަމަކު، މިކަމާ އުފާ ކުރެއްވުމުގެ ބަދަލުގައި އެންޑްރޭ ވެންޗޫރާވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ވިދާޅުވީ، އެއީ އެއްވެސް ތާކުންތާކުޖެހޭ ކަމެއް ނޫންކަމަށާއި، އެއީ ބޭކާރަށް ދުއްވާލާ ޚަރަދުތަކެއް ކަމަށެވެ.

"އެމީހުން ފައިސާ ޚަރަދު ކުރާނެ، ސަބަބަކީ ސީޑީއެސް-ޕީޕީގެ މެމްބަރުން ބޭނުންފުޅެއް ނުވާނެ ތެދުވެވަޑައި ގަންނަވާކަށް. މިއީ އަނެއްކާވެސް ޝިގާ ރުޅިއަރުވަން އެމީހުން ބޭނުންވާތީ ކުރާކަމެއް" އެންޑްރޭ ވެންޗޫރާ

ޕޯޗުގަލްގެ ލިސްބަންގައި ހުންނަ ސާއޯ ބެންޓޯ ޕެލަސް

ޕޯޗުގަލްގެ ޕާލަމެންޓް އިމާރާތް، ސައޮ ބެންޓޯ ޕެލަސްގެ ޖަލްސާކުރާ މާލަމުގައި އިތުރު ދޮރެއް ކަނޑަން ޕާލަމެންޓްގެ ރައީސް ނިންމެވި ނަމަވެސް، އެކަން ކުރެވޭނީ ޕޯޗުގަލްގެ ކަލްޗުރަލް ހެރިޓޭޖް އޮތޯރިޓީން ހުއްދަ ދިނުމުން ކަމަށް ވެއެވެ. ސަބަބަކީ، ސައޮ ބެންޓޯ ޕެލަސްއަކީ، 16 ވަނަ ގަރުނުގެ ރަސްކަމުގެ ގަނޑުވަރަކަށް ވެފައި، އެ ތަނަކީ ހިމާޔަތްކޮށްފައިވާ ތަނަކަށް ވުމުންނެވެ.