ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، ވިކްޓަރީ ޓީމު ހަމަވޭތޯ ނުވިސްނާ ކަމަށް ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗަށްވެސް ވިކްޓަރީ ޓީމު ހަމަވެފައެއް ނުވެއެވެ. އެ ދެމެޗަށް ޓީމު ހަމަނުވުމުގެ ސަބަބުން އެފްއޭއެމުން ވަނީ ވިކްޓަރީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.

ލީގުގެ ފުރަތަމަ ބުރުގައި ސެޕްޓެމްބަރު މަހު ނިލަންދޫ އިން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށް ވިކްޓަރީ ޓީމު ހަމަކުރެވުނީ ކިރިޔާއެވެ. އެ މެޗު ފަށަން އޮތް ގަޑިއަށް ވުރެން 15 މިނެޓު ފަހުން މެޗު ފެށިއިރު، އެ މެޗަށް ނިކުތް ވިކްޓަރީ ޓީމުގެ ކުޅުންތެރިން ހަމަކުރީ އެޓީމުގެ ދެ ގޯލްކީޕަރުން، ކުޅުންތެރިންގެ ގޮތުގައި ހިމަނައިގެންނެވެ. އެ މެޗުން ނިލަންދޫ ވަނީ 6-0 ގެ ނަތީޖާއަކުން ވިކްޓަރީގެ މައްޗަށް ކުރި ހޯދާފައެވެ.

ލީގުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ފެސްކޯ ބުނީ މެޗަށް ވިކްޓަރީ ހާޒިރު ނުވުމަކީ އެ ކްލަބުގެ މައްސަލައެއް ކަމަށާއި އެއީ އޭނާ ވިސްނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިސްނާނީ ނިލަންދޫ ޓީމަށް ކަމަށާއި، އޭނާގެ ޓީމު ހަމަކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

މީގަ އަަޅުގަނޑުގެ ވިސްނުން ހުންނަނީ ހަމައެކަނި އަޅުގަނޑުގެ ޓީމާ ދޭތެރޭ. އަޅުގަނޑު ވިސްނާ ވިސްނުމެއް ނޫން އިދިކޮޅަށް ކުޅެނީ ކޮން ޓީމެއްތޯ، އެޓީމަށް މީހުން ހަމަވާނެތޯ ނޫންތޯ. އެއީ އަޅުގަނޑުގެ ވާޖިބެއް ނޫން. ދެން އަޅުގަނޑުގެ ހުރިހާ މަސައްކަތެއްވެސް މި ފޯކަސް ކުރަނީ އަޅުގަނޑުގެ ޓީމާ ދޭތެރޭގައި. އެހެންމާ އަޅުގަނޑުގެ ޓީމު ހަމަވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.
ފެސްކޯ

ލީގުގައި އެންމެ ފަހުން މާޒިޔާ އަތުން ނިލަންދޫ ބަލިވި މެޗަށް ނިލަންދޫ ޓީމު ހަމަކުރެވުނީ ވަރަށް ހާލުން ކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ. އެ ދުވަހު ފެސްކޯ ބުނީ 2:30 ވިއިރު ހަމަކުރެވުނީ 7 ކުޅުންތެރިން ކަމަށާއި، ފުރަތަމަ 11 ހަމަކުރެވުނީ ކިރިޔާ ކަމަށެވެ.

ލީގު ތާވަލަށް ބަލާއިރު، އެންމެ ފުލުން ދެވަނައިގައި އޮތް ނިލަންދުއަށް މިހާތަނަށް 7 ޕޮއިންޓު ލިބިފައިވާއިރު، ފުލުގައި އޮތް ވިކްޓަރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ލީގުގައި ނިލަންދޫ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 15:50 ގައެވެ. މި މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.