އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާތައް ބަލަން ތިބެންވީ ކިހާ ދުވަހެއް ވަންދެންތޯ ސުވާލުކުރައްވައި، ނާމް ސަމިޓްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވައިފިއެވެ.

އަޒަރުބައިޖާން ގައި މިހާރު ކުރިއަށްދާ ނޮން އެލައިންޑް މޫވްމަންޓް (ނާމް) ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ 18 ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިނިވަންކަމަށް ފަލަސްތީނުން ހަނގުރާމަ ކުރާތާ 1700 އެއްހާ އަހަރުވެއްޖެ ކަމަށެވެ.

ފަލަސްތީނަށް ހިމާޔަަތްދިނުމަށް ގޮވާލާ "ޕޮލިޓިކަލް ޑިކްލެރޭޝަން އޮފް ނޮން އެލައިންމަންޓް އޮފް ޕެލެސްޓައިން" އަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ. އަދި ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން އެދަނީ ވަރަށް ނޭދެވޭ އަމަލުތަކެއް ކަމަށާއި ފަލަސްތީނުގެ ބިމަށް އަރައި އެތަން ސުންނާފަތި ކުރުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ލިބިގެން ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން 1967 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައިވާ ބޯޑާ އާއި އެއްގޮތަށް ދެގައުމުގެ އިން ވަކިކުރުމުގެ މަސައްކަތަަށް ހުރަސް އެޅިގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދުގެ ވާހަފުޅުގައި އިތުރަށް ވިދާޅުވީ އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާތައް ހުއްޓުވުމަށް މިހާރުވެސް ފިޔަވަޅު އަޅަންވެއްޖެކަމަށެވެ. އަދި ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާހާ ހިނދަކު ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއެކު އުޅެވޭނެ މަގު ތަނަވަސް ނުވާހާ ހިނދަކު އެ ގޮވާލުމަށް ނިމުމެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ދުނިޔެ ބަދަލުވަމުންދާއިރު، ޤައުމުތަކު ސަރުކާރުތަކުން އެދެމުންދާ އެދުންތައް ބަދަލުވެއްޖެ ކަމަށާއި، އަދި ބޭނުންތައްވެސް ބައްދަލުވެފައިވާ އިރު، ނާމް ފަދަ ވަކިއަތަކަށް ބުރަނުވާ ޖަމާއަތްތަކުގެ މަސައްކަތުގެ މިސްރާބުވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"މިއީ 21 ވަނަ ގަރުނު. އިހަށް އެނގެން އޮތްހާ ފާޅުކަން ބޮޑުގޮތެއްގައި ހުރި ނުރައްކާތަކާއި ގޮންޖެހުންތައް އެނގގޭކަށް ނޯންނާނެ. މިހާރު ހިނގަމުންދާ ކަންކަމަށް ހޭނެން ވެއްޖެ. ބައިނަލްއަގްވާމީ ހަމަޖެހުމަށާއި ރައްކާތެރިކަމަށް ހުރި ކްލައިމެޓް ޗޭންޖާއި، ޓެރަރިޒްމް ފަދަ ނޮން ޓްރެޑިޝަނަލް ތްރެޓްސްތަކަށް ހޭލުންތެރިވާންވެއްޖެ."
މިނިސްޓަރ ޝާހިދު

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮންމެ އޯގަނައިޒޭޝަނަކަށްވެސް އަދި މޫވްމަންޓަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ހަރުދަނާގޮތެއްގައި ހަރަކާތެއް ކުރިއަށް ނުގެންދެވުންކަަމަށެވެ. އެހެންކަމުން ވަކި އަތަނަކަށް ނުޖެހޭ މިފަދަ މޫވްމަންޓުތަކުން މިހާރު ކުރާމަސައްކަތުގެ ސްޕީޑާއި މިސްރާބު ބަދަލުކޮށް، ގައުމުތަކުގެ ސުލްހައާއި ހަމަޖެހުމާއި ސަރަހައްދީ ހަމަޖެހުމާއި، އިންސާފާއި ހަމަހަމަކަށް އިސްކަންދީގެން މަސައްކަތްތައް ބައްޓަންކުރަން ޖެހިފައިވާކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ނޮން އެލައިންޑް މޫވްމަންޓް (ނާމް) އަކީ 120 މެމްބަރުންނާއި 17 އޮބްޒާވަރު ގައުމާއި ބައިނަލްއަގުވާމީ 10 ޖަމްއިއްޔާ ބައިވެރިވެފައިވާ ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.