ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން) އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެ، ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއާއި މެދު ފިޔަވަޅު އެޅުމަށް 110 އަށް ވުރެ ކައުންސިލުން ގޮވާލައިފި އެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފް ގިނަ ވާހަކަތަކަކާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙަންމަދު ސައްލަﷲ ޢައިހި ވަސައްލަމައަށް ފުރައްސާރަ ކޮށްގިނަ ލިޔުންތަކެއް ހިމަނާފައިވެއެވެ.

އެ ރިޕޯޓް ކުއްވެރިކޮށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި އެ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާއަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި ޖަމިއްޔާ އުވާލުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މީގެއިތުރަށް ރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތު ނެތްކަން އަމަލާ ބަހުން ދެެއްކުމަށްވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި އެ ޖަމިއްޔާގެ އެ އަމަލު ކުއްވެރިކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވައި އަޑުއުފުލަމުންނެވެ. އެގޮތުން އެ ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށްފައިވާ މައްސަލަ ބެލުމަށާއި އެ ޖަމިއްޔާ އުވާލުމަށް އެއްވުންތަކުގެ ބައިވެރިން ވެސް ވަނީ ގޮވާލާފައެވެ. އަދި އެ ޖަމިއްޔާގެ މެންބަރުންގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.

( މާލެ ، 25 އޮކްޓޯބަރު 2019 ) -- އެމްޑީއެން ރިޕޯޓާއި ދެކޮޅަށް މާލޭގައި މުޒާހަރާކުރުން -- ވީފޮޓޯ : އަހުމަދު ޝުރާއު

މީގެ އިތުރަށް ދިވެހިން ދަނީ "ބޭން އެންޑީއެން" ގެ ނަމުގައި އެ ޖަމިއްޔާ އާއި ދެކޮޅަށް ސޯޝަލް މީޑިއާގައިވެސް ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ.

އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިގެން ރިޕޯޓް ނެރުނު މައްސަލާގައި އެ ޖަމްއިއްޔާ ވަގުތުން އުވާލައި، އެ ޖަމްއިއްޔާގެ މަސްއޫލުވެރިން ހައްޔަރުކޮށް މައްސަލަ ބެލުމަށް ރާއްޖޭ ދީނީ އިލްމުވެރިންނާއި، ސިޔާސީ ފަރާތަކުންވެސް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.