• ކްލަބު އޮތީ ރެލިގޭޝަންގެ ހާލަތުގައި: ނާޝިދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓަރީގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން މެޗު ކެންސަލްކޮށްފިއެވެ.

މިއަދުގެ މެޗު ފެށުމަށް ވިކްޓަރީ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިން ދަނޑަށް ހާޒިރުވެފައިވާ ކަމަށް މެޗު ކޮމިޝަނަރު ހާމަކުރިއެވެ. ޓީމު ދަނޑަށް ހާޒިރުވާން ޖެހޭ ވަގުތު ހަމަވުމުން، ދިހަ ކުޅުންތެރިން ތިބުމާއެކު މެޗު ކުޅެވޭތޯ ބެލުމަށް 11 ކުޅުންތެރިން ހަމަކުރުމަށް، ނިލަންދޫ ޓީމުގެ އިޒުނައާއެކު ވިކްޓަރީ ޓީމަށް އިތުރު ފަސް މިނެޓް ދިނެވެ. އެ ފަސް މިނެޓުގައި އެޓީމުގެ އެއް ކުޅުންތެރިއަކު ގެނެވޭތޯ ޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ނުވުމާއެކު މެޗު ކޮމިޝަނަރު ނިންމީ މެޗު ކުރިޔަށްނުގެންދެވޭނެ ކަމަށެވެ.

މިއަދުގެ މެޗާއި އެކު ކުޅުންތެރިން ހަމަނުވެގެން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަހަރު ވިކްޓަރީ ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. އެއްމެ ފުރަތަމަ އެޓީމު ޖޫރިމަނާ ކުރި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އެ ފަހަރު 40،000ރ. ޖޫރިމަނާކޮށްފައިވާއިރު، މިމަހުގެ 15 ގައި ފޯކައިދޫ ފުޓްބޯލް ކުލަބާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި މިމަހުގެ 20 ގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ހާޒިރު ނުވުމުން ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ މެޗަށް ވިކްޓަރީ ހާޒިރުނުވުމާއި، މި ކުށް ތިން ފަހަރު ތަކުރާރުވުމާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރުކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ 50 އިންސައްތަ އިތުރުވާ ގޮތުގެ މަތިން ވިކްޓަރީ ސްޕޯޓްސް ކްލަބު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ވިކްޓަރީ އިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު 150،000ރ. އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ކުޅުންތެރިން ހަމަނުވެ، ވިކްޓަރީއަށް އަދަބުތަކާއި ކުރިމަތިލަމުންދާއިރު، ލީގުގައި މެޗު ނުކުޅުމުގެ ސަބަބުން 12 ޕޮއިންޓާއި 8 ގޯލް އިދިކޮޅު ޓީމުތަކަށް ވަނީ ލިބިފައެވެ.

މިއަދުގެ މެޗަށް ހާޒިރުނުވުމާއި އެކު ލީގުން ވިކްޓަރީ ބޭރު ކުރުމުގެ ފުރުސަތު އެއްއޭއެމްއަށް ލިބިގެންދާނެ އެވެ. އަދި އެކްލަބަށް 130،000ރ. ގެ ޖޫރިމަނާއެއް ކުރުމުގެ ބާރު އެފްއޭއެމްއަށް ލިބިގެންދާނެ އެވެ.

ވިކްޓަރީގެ ހާލަތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކުލަބުގެ ޗެއާމަން ޑރ. އިބްރާހީމް ނާޝިދު (ނާޝް) ވިދާޅުވީ މިހާރު ކްލަބު ހަމަ ނުކުރެވިގެން އުޅެނީ މުސާރަ ނުދެވިގެން ކަމަށާއި ބަޔެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހަތަރު މަސް ދުވަހަށް އަރާފައިވާ ކަމަށެވެ.

މިހާރު މި އުޅެނީ މުސާރަ ނުދެވުގެން އުޅޭ މައްސަލައެއް. އެކަން ހައްލުކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އާއި ވެސް މި މަހުގެ ތެރޭގައި ބައްދަލުވެސް ކުރެވިފައިވަނީ. ކުލަބުގެ ހާލަތު ރަނގަޅު ކުރެވެން އޮތީ ފައިސާލިބިގެން އަނެއްކާ ވެސް މި ލިބޭ ބްރޭކް ތެރޭގައި އެކަން ކުރެވޭތޯ މެނޭޖްމަންޓުން ވަރަށް މަސައްކަތް ކުރާނަން
ނާޝިދު

ކްލަބަށް ހެޔޮއެދޭ ފަރާތުން މިއަހަރު ވެސް ވަރަށް ރަނގަޅު އެހީއެއް ދީފައިވާ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ހަރަދު ކުރަން ޖެހުނީ ކްލަބުގެ ދަރަނި އަދާކުރުމަށް ކަމަށް ނާޝް ވިދާޅުވިއެވެ. މިހާރުގެ ހާލަތު ސުމަކަށް ގެނައުމަށް އެއް މިލިޔަން ރުފިޔާ ބޭނުންވާ ކަމަށާއި އެކަން ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް ނާޝް ވިދާޅުވިއެވެ.

މިއަހަރުގެ މާ ބޮޑު ދަރަންޏެއް އަދި ނެތް. މިދިޔަ އަހަރުގެ ދަރަނިތައް ދައްކަން ބޮޑުބައި މި ހަރަދުކުރަންޖެހެނީ. މިހާރު އޮތް ހާލަތު އަދި އަތްނުފޯރާފަށަކަށްނުދޭ. މަސައްކަތް މި ކުރަނީ މި ބްރޭކަށް ފަހު އަލުން ފަށާއިރު ކުޅުންތެރިންގެ މުސާރަ ދިނުމަށް
ނާޝިދު

މި އަހަރު ކުލަބުގެ ހާލަތު އޮތް ގޮތުން ރެލިގޭޝަނަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލު ކުރާކަމަށާއި އެހެން ނަމަވެސް މިހާރު އޮތް ހާލަތުން ކްލަބު މަގުމަތިކޮށްފައި މަގާމުދޫކޮށްލަން ނުވިސްނާ ކަމަށް ނާޝް ވިދާޅުވިއެވެ.

ކުޅިވަރުގައި އޮންނާނީ ބަލިވުމާއި މޮޅުވުން. މިހާރު މިއޮތީ ބަލިވެފައި އޮތް ހާލަތެއް. މި ހާލަތުގައި ކުލަބު ދޫކޮށްލާފައި ދާކަން ނުވިސްނަން. މި ހާލަތުން އަރައިގަނެ ރަނގަޅު ކުލަބެއް އަދި ވެސް ނެރެވޭނެ ކަމަށް ގަބޫލު ކުރަނީ
ނާޝިދު