ރާއްޖޭގެ އެއްމެ ބޮޑު އެއް ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބު ދިރާގު ދިވެހި ޕްރިމިއާ ލީގްގައި ކުޅުންތެރިން ހަމަ ނުކުރެވިގެން މެޗުތައް ނުކުޅެ ދާން ޖެހުމަކީ ފުޓްބޯޅައިގަ ކުރިމަތިވާނެ އެއްމެ ބޮޑު ހިތާމަ ކަމަށް ނިލަންދޫ ސްޕޯޓްސް ކުލަބުގެ ކޯޗު އަޙްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

ފުޓްބޯޅަށް ލޯބިކުރާ އެތައް ބަޔެއްގެ ލޯބި ލިބިފައިވާ ކުލަބެއް މިހާލަތައް ދިޔުމަކީ ހިތާމައިން ފުރިގެންވާ ކަމެއް ކަމަށާއި މިއީ ފުޓްބޯޅައަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިކްޓަރީ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވެގެން ދަނޑުގައި ހުރެ ވާހަކަ ދައްކަމުން ފެސްކޯ ބުންޏެވެ.

މީގެ ކުރިން ވެސް ނިލަންދޫ އާއި ވިކްޓަރީ ބައްދަލު ކުރި މެޗެއްގައި ފަނަރަ މިނެޓް ދީގެން ވެސް އެ ޓީމުގެ ކުޅުންތެރިން ހަމަ ކުރުމަށް މެޗު ކޮމިޝަނަރުކައިރި އެދިފައިވާނެ ކަމަށާއި އެޓީމުން ދަނޑަށް އަންނަނީ ފުޓްބޯޅަ ކުޅެ، ތިން ޕޮއިންޓް ހޯދުމަށް ކަމަށް ފެސްކޯ ބުންޏެވެ.

"އަޅުގަނޑުމެން މިކިޔަނީ ފުޓްބޯޅަ ފެމެލީއޭ. އެކަމަކު ކަމެއް ޖެހުނީމާ ފުޓްބޯޅަ ފެމެލީއެއް ނޯވޭ، މިއީ ވަރަށް ދެރަކަމެއް. ވިކްޓަރީ ހާލުގައި ޖެހުނީމާ ހުރިހާ އެއްމެން މަސައްކަތްކޮށްގެން ވެސް އެބަޖެހޭ މިކަމުގައި އެހީވާން. މިއީ ވިކްޓަރީއަށްކޮށްދޭ ކަމެއްނޫން. މިއީ ފުޓްބޯޅައަށްކޮށްދޭ ކަމެއް"
ފެސްކޯ

ދިވެހި ފުޓްބޯޅައަށް މި ނޫންގޮތެއް ހޯދަން ޖެހިފައިވާ ކަމަށް މިއަދުގެ ހާލަތުން އިނގޭ ކަމަށާއި މިއަދު ކުޅުންތެރިން ހަމަ ނުވެގެން މެޗު ކެންސަލް ކުރަމުންދަނީ ވިކްޓަރީގެ ހާލަތުގެ ސަބަބުން ކަމަށް ވިޔަސް މިއީ ހަމަ އެކަނި އެކުލަބަށް އޮތް ގޮތެއް ނޫން ކަމަށް ލީގްގައި ވާދަކުރާ އެހެން ކުލަބުތަކަށް ބަލާލުމުން އިނގޭ ކަމަށް ފެސްކޯ ބުންޏެވެ.

ބޮޑެތި އެހެން ކުލަބުތައް ހަލާކުވުމުގެ މަގުމަތީގައި މިއަދު ވާއިރު މިދިޔަ އަހަރުގެ ލީގް ޗެމްޕިއަން ޓީސީގެ ކޯޗެއް ނެތް އިރު އެހެން ބަޔެއް ކުލަބުތަކުގެ ކޯޗުން ދަނީ މަގާމު ދޫކޮށްލަމުން ކަމަށް ފެސްކޯ ބުންޏެވެ.

ނެޝަނަލް ޓީމުގެ ކަންތައްތައް ރަނގަޅު ކުރުމަށް ކޮމިޓީއެއް ހަދައިގެން މަސައްކަތްކުރާއިރު އެއްމެ ބޮޑު ލީގް މިހާލަތުގައި އޮށްވައި ގައުމީ ޓީމަށް އެކަމުން ކުރާނީކޮން ފައިދާއެއްތޯ އަދި ފުޓްބޯޅަ ރަނގަޅުވާނެތޯ ފެސްކޯ ވަނީ ސުވާލު އުފައްދާފައެވެ.

ޖެނުއަރީ އިން ފެށިގެން ޑިސެމްބަރަށް ކުޅުންތެރިން ގޮވައިގެން އުޅެނީ ކުލަބުތަކުގެ ކޯޗުން ކަމަށާއި ކުލަބުތަކުގެ ހާލަތު މިހާދަށުގައި މިއަދު ވަނިކޮށް ނެޝަނަލް ޓީމުގެ ހާލަތު ރަނގަޅުވާނެ ގޮތެއް ނުވިސްނޭ ކަމަށް ތަޖްރިބާކާރު ކޯޗު ވަނީ ބުނެފައެވެ.

ނެޝަނަލް ޓީމުގެ އެއްމެ ބޮޑު ހިއްސާއެއް މި އޮންނަނީ ކުލަބުތަކުގަ. ކުލަބުތައް ނެތިއްޔާ ނެޝަން ޓީމެއް ނޯންނާނެ. އެހެން ވީމާ ކުރަން ޖެހޭ ކަމަކީ މި ގަހަށް ފެންދީގެން މި ގަސް ބޮޑުކުރުން، އޭރުން އޭނގެ މޭވާ ލިބިގެންދާނީ. އެ މޭވާއަކީ ނެޝަނަލް ޓީމު
ފެސްކޯ