ޖުމްހޫރީ ޕާޓީއާއި އެހެން ޕާޓީތައް ތަފާތުވާ ސަބަބަކީ ޖުމްހޫރީ ޕާޓީއަކީ ޤައުމިއްޔަތަށް އިސްކަންދީގެން ވަކި މީހަކަށް ނުވަތަ ވަކި ކުލައަކަށް ބަލައިގެން ފުރުޞަތު ހުޅުވާލައިފައިވާ ޕާޓީއަކަށް ނުވާތީ ކަމުގައި އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ އާ މިސްރާބު ހޭރިޔާކޮށް ކުރިއަށް ދިއުމަށްޓަކައި ޕާޓީގެ ގޮފިތަކެއް އުފައްދައި އެކަމުގައި ކުރާ މަސައްކަތްތައް ހާމަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ވީ މީޑިއާގެ ވީޓީވީއިން ގެނެސްދިން އެންމެންގެ ޖުމްހޫރީ ޕާޓީ ޕްރޮގްރާމްގައި ޕާޓީގެ ނައިބު ރައީސް އަހްމަދު ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އެންމެނަށް ހުޅުވާލައިފައިވާ ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އުފެދުނީވެސް ސިޔާސީގޮތުން އުފެދިގެން ދިޔަ ޕާޓީތަކާއިއެކު ހިނގައިދިޔަ ނުރަނގަޅު ކަންތައްތަކެއް އިޞްލާޙު ކުރުމަށް ކަމަށެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗެއް ތަންކޮޅެއް ތިލަ ކޮށްލާނަން. އަޅުގަނޑު މިބުނަން އުޅޭ އެއްޗަކީ އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖެއިން އެދުމެއް އޮތް ނަމަ 45 އަހަރުވަންދެން މި ޤައުމުގެ ރައްޔިތުންނަށް ބޭސްކޮށްދީ ޤައުމުގެ ރައްޔިތުންނަށް ތަޢުލީމު ގެނެސްދެއްވައި އަދި މުޅި ރާއްޖޭގެ ތަޢުލީމު (އިސްލާމީ ވަޙުދަތާއި އަދުގެ ޓެކްނޮލޮޖީގެ މައްޗަށް) ބަދަލު ކޮށްލައްވައި މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮމްޕިއުޓަރގެ ތަޢުލީމު ފަހިކޮށްދެއްވައި އެ ފުރުޞަތުތައް ހުލުވައިލަދެއްވުމާއި އަދި ރާއްޖޭގެ ކޮންމެ ރަށެއް ތަރައްޤީ ކުރުމަށް އެމަނިކުފާނު ޢަމަލީ ގޮތުން ކުރައްވާ މަސައްކަތާ ގާތަށްވެސް ދެން ތިއްބެވި އެހެންބޭފުޅުން މަސައްކަތް ކުރެއްވިތޯ؟ ނުކުރައްވައި."
ޖުމްހޫރީ ޕާރޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދު

އަޙުމަދު ސަޢުދު ވިދާޅުވީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ސިޔާސީ މަސައްކަތްވެސް ފެއްޓެވީ އަމިއްލަ އެދުންފުޅެއް އޮވެގެން ނޫންކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅަކު އެގޮތަށް ނެތުމަކީ ޤައުމު ދެކެ ހިތުން ލޯބިވާ މީހުން ނެތުން ކަމަށެވެ. އަދި ވިދާޅުވީ ޤާސިމްއަށް ރައްޔިތުންނާއެކު ކުޅިވަރު ކުޅުއްވަން އުޅުއްވުމަށް ވަގުތު ލިބިވަޑައި ނުގެންފާނެ ކަމަށެވެ. ވަގުތު ހުންނަގޮތުން އެބޭފުޅުންނާއި އެއްތަށިމައްޗަށް އަރައިވަޑައި ނުގެންވިވެސް ދާނެ ކަމަށެވެ. އަދި އެއީ ޤައުމުގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން އަމިއްލަފުޅު މަސައްކަތްޕުޅު ކުރައްވާތީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއާއި ޚިލާފަށް ސިޔާސީ އެހެން ބައެއް ބޭފުޅުން އުޅުއްވަނީ ހަމައެކަނި އެންމެ ކަމަކަށް ޝައުޤުވެރިވެ ވަޑައިގެން ކަމަށާއި، އެފަދަ ބޭފުޅުން އެކަން އެކުރައްވަނީ އެދުންފުޅު ބޮޑުކަމުން ކަމަށާ އެއީ ދަހިވެތި ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ ލޯބި ހޯދޭނެ ގޮތެއް ނޫން ކަމަށާއި، އެދުމެއްނެތި ކަމެއް ކޮށްދިނިމުގެ އެޖެންޑާއެއް ގިނަ ލީޑަރުންގެ ނުހުންނަ ކަމަށްވެސް ވިދާޅުވިއެވެ.

ދެން ތިއްބެވި ބޭފުޅުންނަށް މިވާ ގޮތަކީ ހީފުޅުވަނީ ބައްދައިގަތީމައޭ ލޯބި ލިބޭނީ. އެމީހުނާއި އެކު ގޮސް ކުނިކެހީމައޭ ލޯބި ލިބޭނީ. ނުވަތަ އެމީހަކާއެކީގަ އެއްތަށީގަ ބަތް ކެއީމައޭ ލޯބި ލިބޭނީ. އެއީ އެދުން. އެއަށް ކިޔާނީ އެމީހާގެ އަމިއްލަ (ޕާރސަނަލް އިންޓަރެސްޓް) މަޞްލަޙަތު. މިއީ އަޅުގަނޑު ބުނަން މިއުޅޭ އެއްޗަކީ."
ސަޢުދު

މި ޕްރޮގްރާމްގައި އަޙުމަދު ސަޢުދުވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕާރޓީގެ ލީޑަރޝިޕް ވަކި ބައެއްގެ އަތްމަތީގައި މާކުރީއްސުރެ ކަނޑައަޅައިފައިވުމާ ވަކި މީހަކު ނޫނީ އެޕާރޓީގެ ރައީސް ކަމުގައި ބެހެއްޓުމުގެ ވިސްނުމެއް އެމްޑީޕީގައި ނެތް ކަމަށެވެ.

ސަޢުދު ވިދާޅުވީ ސިޔާސީ މައިދާނަށް ވަރަށް ޅަޢުމުރުގައި ނިކުމެވަޑައިގެންނެވުނު ކަމަށެވެ. އަދި އޭރު އެ މައިދާނުގައި ތިބީ ކޮންބައެއްކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑަށް އޮނަރަބަލް ޤާސިމްގެ އަރިއަހުގައި ސިޔާސީ ކަންކަމުގައި އުޅުމުގެ ފުރުޞަތު ލިބުނު. އަޅުގަނޑު ނުދެކެން ކުރީސަފުގައި މުޙައްމަދު ނަޝީދު އުޅުއްވިތަނެއް. ޑިމޮކްރަސީ ގެނައުމަށްޓަކައި ފުރަތަމަ މި އުފެއްދި ޑިމޮކްރަސީ ޕާރޓީއުފެއްދިއިރު ނަޝީދު ނުހުންނަވާނެ. އެބޭފުޅާ އޭރު ހުންނެވީ ރާއްޖެއިން ބޭރުގައި. ލަންޑަނުގައި. ރާއްޖޭގައެއްނޫނޭ މަސައްކަތް ކުރެއްވީ. ލަންޑަނުގަ. އެހެންވީމާ ނުވާނެ ދެއްތޯ މިބުނާ ތަންކޮޅެއް. ދެން އަޅުގަނޑު މިހެން ބުނާއިރަށް މީހުން ބުނާނެ އެބޭފުޅާ އެހެންނޭ މިހެންނޭ. އަޅުގަނޑު މިބުނަނީ ޤައުމަށްޓަކައި ކަމެއް ކުރެއްވީ ކޮން ބޭފުޅެއްހޭ. އެއީ ދެއްތޯ ކީ މީހަކަށްވާނީ."
އަޙުމަދު ސަޢުދު

އަޙުމަދު ސަޢުދު ވިދާޅުވީ ޖުމްހޫރީ ޕާރޓީ މިހާރު ވަރަށް އަވަސް ގޮތެއްގައި ގޮފިތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެއީ އެންމެނަށް ހަމަހަމަ ފުރުޞަތެއް ދީގެން ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤު މަޤާމު ދިނުމަށް ކަމަށެވެ.