ސޫރިޔާގެ އިދްލީބްގައި އެމެރިކާގެ ޚާއްސަ ސިފައިން އިއްޔެ ހިންގި އަސްކަރީ އޮޕަރޭޝަންގެ ތެރޭގައި، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރ އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރު ކޮށްދެއްވައިފިއެވެ.

ވައިޓްހައުސްގައި ހުންނަވައި ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބަޣުދާދީ މަރުވެފައިވަނީ އަމިއްލައަށް ކަމަށާއި، އޭނާ މަރުވެފައިވަނީ އެމެރިކާ ސިފައިން ގާތްވާން ފެށުމުން ލައިގެންހުރި ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓް ގޮއްވާލައިގެން ކަމަށެވެ.

މަރުވެފައިވަނީ ބަޣުދާދީކަން ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްވަނީ، މިހާދިސާގައި ބަޣުދާދީގެ ތިން ކުދިންވެސް މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އަދި ބަޣުދާދީގެ އަރިސް އިތުރު އެތައްބަޔަކުވެސް މަރާލެވުނު ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

މި އޮޕަރޭޝަންގެ ތެރޭގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށްވެސް ޓްރަމްޕް ކަށަވަރު ކޮށްދެއްވާފައި ވެއެވެ.

ބަޣުދާދީ މަރާލަން އެމެރިކާ ސިފައިން އިދްލީބުގައި ހިންގި އޮޕަރޭޝަންގެ މަންޒަރުތައް އިރާގުގެ ރަސްމީ ޓީވީން ދުރަށް ދައްކާފައި ވެއެވެ.

ޓީވީ ފުޓޭޖުން ފެންނަނީ، ދުވާލުގެ މަންޒަރުތަކާއި، ރޭގަނޑުގެ ވަގުތުގައި އެއްޗެއް ގޮއްވާލި މަންޒަރެވެ.

އިރާގުގެ ޓެރަރިޒަމް އެކްސްޕާޓަކު އިރާގުގެ ގައުމީ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަޣުދާދީ ހުރިތަނަކާ، އޭނާގެ ހަރަކާތްތަކުގެ ޖާސޫސީ މައުލޫމާތު އެމެރިކާ ސިފައިންނާ ހިއްސާކުރީ އިރާގުގެ ޖަސޫސީ އޭޖެންސީން ކަމަށެވެ.

އެމެރިކާގެ ޚާއްސަ ސިފައިންގެ ޔުނިޓަކުން ސޫރިޔާގެ އިދްލީބުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގިކަން ސޫރިޔާގެ އިތުރުން، އިރާގާއި އީރާނުންވެސް ކަށަވަރު ކޮށްދީފައި ވެއެވެ.

އިދްލީބްގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްގެ ކޮމާންޑަރަކު ބުނެފައިވަނީ، އެމެރިކާ ސިފައިން އޮޕަރޭޝަން ހިންގި ސަރަހައްދުން މަރުވެފައިވާ ތިން ފިރިހެނުންނައި ތިން އަންހެނުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ނަމަވެސް، އެތަނުން ބަޣުދާދީއާއި އޭނާގެ ނާއިބްގެ ހަށިގަނޑުވެސް ފެންނާން ނެތް ކަމަށާއި، އެމެރިކާ ސިފައިން ދިޔައީ އެދެ މީހުންގެ ހަށިގަނޑު ހިފައިގެން ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

އަބޫ ބަކުރު އަލް ބަޣުދާދީ އެންމެ ފުރަތަމަ ދުނިޔެއަށް ފެނިގެންދިޔައީ 2014 ވަނަ އަހަރު އިސްލާމިކް ސްޓޭޓްގެ ނަމުގައި ދައުލަތެއް އުފައްދައި އެ ދައުލަތުގެ "ޚަލީފާ" ގެގޮތުގައި އިޢްލާންކުރި ހިސާބުންނެވެ.

އަބޫ ބަކުރު އަލް ބަޣުދާދީއަކީ އަސްލު އިރާގު ރައްޔިތެކެވެ. އޭނާގެ އަސްލު ނަމަކީ، އިބްރާހިމް އަވާދު އިބްރާހިމް އަލް ބަދްރީއެވެ.

އިސްލާމިކް ސްޓޭޓުން އިރާގުގެ ބޮޑު ބަޔަކާއި ސޫރިޔާގެ އިރުމަތިން ބޮޑުބައެއް ހިފައިގެން ވެރިކަންކުރިއެވެ. ނަމަވެސް، އެ ހުރިހާ ބިންތަކުން އިސްލާމިކް ސްޓޭޓް ޖަމާއަތް މިހާރުވަނީ ފައްސާނަގަލާފައެވެ. އެހެން ނަމަވެސް، ސޫރިޔާއާއި އިރާގުގެ ބައެއް ކުދިކުދި ސަރަހައްދުތައް އޮތީ އައިއެސްގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ.