ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައްޑޫ ގޮފިން އިންތިޒާމުކޮށްގެން ބާއްވާ ސްކޫލްތަކުގެ ފުޓުބޯޅަ ފެސްޓިވަލް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ފެށި މި ފެސްޓިވަލް ކުރިޔަށްދާނީ އައްޑޫއަށް ނިސްބަތްވާ ސްކޫލުތަކުގެ ކުދިންނަށް ހުޅުވާލައިގެންނެވެ.

މި ފެސްޓިވަލްގައި ޖުމްލަ 376 ކުދިން ބައިވެރިވެފައިވާ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އެއީ ފިރިހެން 336 ކުދިންނާއި އަންހެން 40 ކުދިންނެވެ. މި ފެސްޓިވަލްގައި ޖުމްލަ 63 މެޗު ކުޅެވިގެންދާނެ ކަމަށް އެފްއޭއެމް އައްޑޫއިން މައުލޫމާތުދެއެވެ.

މި ފެސްޓިވަލް ނިމުމުން ބައިވެރިވި ކޮންމެ ކުއްޖަކަށް މެޑަލް ލިބިގެންދާނެއެވެ. މިއީ އައްޑޫގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ ފެސްޓިވަލެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ކޯޗުންނާއި ކުޅުންތެެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުން،ނެވެ. އެގޮތުން މިއަހަރުވެސް އަައްޑޫސިޓީގައި ވަނީ ކޯޗުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ބާއްވާފައެވެ.

އަދި ޔުއެފާއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތެއްވެސް އައްޑޫސިޓީގައި ވަނީ ބާއްވާފައެވެ. މިއީ އައްޑޫގައި މިހާތަނަށް ބޭއްވި ބައިނަލްއަޤްވާމީ ދެވަނަ މުބާރާތެވެ. އަދި މިއަހަރުގެ ކުރީކޮޅު ސްޕެއިންއަށް ނިސްބަތްވާ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް އިން އައްޑޫގައި ވަނީ ފުޓުބޯޅަ ކޭމްޕެއް ބާއްވާފައެވެ.