މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ދުނިޔޭގެ ރާޒުވާގެ މައި އިދާރާ ގުޅިގެން ރާއްޖޭގައި ބާއްވާ އާރބިޓާސް ނުވަތަ ރާޒުވާގެ ރެފްރީން ތަމްރީނުކުރުމުގެ ސެމިނާއެއް ފަށައިފިއެވެ.

މި ސެމިނާގައި ބައިވެރިންނަށް މައުލޫމާތު ދޭނީ އޭޝިއާގެ ރާޒުވާގެ މައި އިދާރާގެ އެގްޒެގެޓިވް ޑިރެކްޓަރ ކަސްޓޯ އަބުންޑޯއެވެ. ކަސްޓޯ އަކީ އޭޝިއާގައި ރާޒުވާ ކުރިއެރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފައިވާ ފަރާތެކެވެ.

އެގޮތުން ޒުވާން ރާޒުވާ ކުޅުންތެރިން އުފެއްދުމުގެ ގޮތުން އޭޝިއާގެ ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ބާއްވާ ރާޒުވާ މުބާރާތްތައް ހިންގުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެއިތުރުން އޭޝިއާގައި ރާޒުވާގެ އާރބިޓާސް އާއި ކުޅުންތެރިން ތަމްރީނުކުރުމުގެ ގިނަ ކޯސްތަކާއި ސެމިނާތަކުގައި އޭނާ ވަނީ މީގެކުރިން ބައިވެރިވެފައެވެ.

މި ސެމިނާ ކުރިޔަށްދާނީ މިމަހުގެ 27، 28، އަދި 29 ގައެެވެ. މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި ކުރިޔަށްދާ މި ސެމިނާގައި ބައިވެރިންނަށް އާރބިޓާސްއަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ގިނަ މައުލޫމާތުތަކެއް ކިޔައިދޭނެއެވެ.

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން ވަނީ މިއަހަރުގެ އޭޕްެރީލް މަހުވެސް އާރބިޓާސް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބާއްވާފައެވެ. އެ ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ދުނިޔޭގެ ރާޒުވާގެ ގަދަބާރެއް ކަމަށްވާ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ވިޝާލް ސަރީންއެވެ. މީގެކުރިން ރާޒުވާ ކުޅުމަށް ވަކިން ޚާއްސަ ތަނެއް ހަމަޖެހިފައި ނެތް ނަމަވެސް، މި ސަރުކާރުން ވަނީ ރާޒުވާއަށް ހާއްސަކޮށް ސްޕޯޓްސް ކޮމްޕްލެކްސްގެ ބައެއް ރާޒުވާ އެސޯސިއޭޝަނަށް ދީފައެވެ.

އަދި ރާއްޖެއިން ވަނީ އިންޑިއާގެ ރާޒުވާގެ މައި އިދާރާއާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ރާޒުވާގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި އިންޑިއާއިން އެހީތެރިވާނެއެވެ.