މާލޭ އިރުދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރުމަށް ހަވާލުކުރި މުއްދަތު ނިމުނުއިރުވެސް މަސައްކަތް ފެށިފައިނުވަނީ ގިނަ ދިރާސާތަކެއް ހަދަން ޖެހުމުން ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެ އެވެ.

ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއާއިއެކު ފާހާނާ އާއި ފެންވަރާނެ ވަސީލަތްތައް ހިމެނޭގޮތަށް އެތަން ތަރައްގީކުރަން މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި މާޒިޔާ ކޮންސްޓްރަކްޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން 120 ދުވަހުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއާއިއެކު ފާހާނާ އާއި ފެންވަރާނެ ވަސީލަތްތައް އަޅަންވާނެ އެވެ.

އެ މުއްދަތު މިއަދު ނިމިފައިވާއިރު، މިހާތަނަށްވެސް މަސައްކަތް ފެށިފައެއް ނުވެއެވެ.

ސްވިމިން އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ޓްރެކު ސަރަހައްދުގެ މަސައްކަތް ނުފެށި ލަސްވަމުން ދަނީ ކުރިން ރޭވިގޮތާ ޚިލާފަށް ގިނަ ދިރާސާތަކެއް ކުރަން ޖެހުމުން ކަމަށެވެ. އެގޮތުން އިތުރު ދިރާސާތަކެއް ކުރަން ޖެހުނީ މާލޭގެ އެއްގަމު ތޮއްޓަށް ގެއްލުމެއް ވެދާނެތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ދިރާސާތަކަށްފަހު މިފެށޭ މަސްތެރޭގައި އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު ޓްރެކުގައި މުބާރާތްތައް ބާއްވާއިރު އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފަ އެވެ. އެހެންކަމުން މިސަރަހައްދު ތަރައްގީކުރެވިގެން ދިޔުމުން މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ ކުރިން އެ ސަރަހއްދުގައި ވަނީ ރޭގަނޑު ފެތޭ ގޮތަށް ލައިޓު ޖަހާފައެވެ.