އިންޑިއާއިން ބަންދުކޮށް ދަތިކޮށްފައިވާ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް ޔޫރަޕިއަން ޕާލާމެންޓް މެމްބަރުންގެ ގްރޫޕެއް ޒިޔާރަތް ކުރުމުގެ ހުއްދަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވައިފިއެވެ.

މި ހުއްދައިގެ ދަށުން، އީޔޫގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ގްރޫޕް، ޖައްމޫ އެންޑް ކަޝްމީރަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

މިއީ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާގެ ހަމައެކަނި ސްޓޭޓަށް ދީފައިއޮތް ޒާތީ މިނިވަންކަން އިންޑިއާ ސަރުކާރުން މިއަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިގުޅައިގަނެ، އެތައްހާސް ސިޔާސީ ލީޑަރުންނާއި އާންމުން ހައްޔަރުކޮށް، ކާފިއު ހިންގައި، މުވާސަލާތީ ގުޅުމާއި އިންޓަރނެޓް ކަނޑާލިފަހުން އެ ސްޓޭޓަށް ޒިޔާރަތް ކުރާ ބޭރުގެ ފުރަތަމަ ގްރޫޕެވެ.

އިންޑިއާއަށް މިހާރު ޒިޔާރަތް ކުރަމުންދާ އީޔޫ ވަފުދުގައި ހިމެނެނީ 27 މެމްބަރުންނެވެ. މިއީ، މުޅީންވެސް ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންނެވެ. މި ބޭފުޅުން ނިސްބަތްވަނީ އީޔޫގެ 11 ގައުމަށެވެ.

އީޔޫގެ މި ވަފުދު މާދަމާ ޖައްމޫ އެންޑް ކަޝްމީރަށް ޒިޔާރަތް ކުރައްވައި، ކަޝްމީރު ސަރުކާރުގެ އޮފިޝަލުންގެ އިތުރުން، ކަޝްމީރުގެ އާންމުންނާ ވެސް ބައްދަލު ކުރައްވައި އާންމު ހާލަތު ދެނެގަންނާނެ ކަމަށް ވެއެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހްބޫބާ މުފްތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީޔޫގެ މެމްބަރުންނަށް މިނިވަންކަމާއެކު އުޅުއްވުމުގެ ފުރުސަތު ލބިވަޑައި ގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޮގަސްޓް 5 ގެ ފަހުން އިންޑިއާ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަޝްމީރުގެ ސިޔާސީ ލީޑަރުންގެ ތެރޭގައި މެހްބޫބާ މުފްތީވެސް ހިމެނިވަޑައި ގަންނަވައެވެ.

އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްކޮށް އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރުގައި ހިންގަމުން ގެންދަނީ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ކަމަށް ބުނެ ދުނިޔޭގެ އެތައް ގައުމަކައި، ޖަމާއަތްތަކުން އިންޑިއާގެ އަމަލު ކުށްވެރި ކޮށްފައި ވެއެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރުން ތަކުރާރުކޮށް އިންޑިއާ ސަރުކާރަށް ގޮވާލައްވަމުން ގެންދަވަނީ، ކަޝްމީރުގެ ހިސާރު ދޫކޮށް ހައްޔަރު ކޮށްފައިވާ އެންމެން މިނިވަންކޮށް، މުއާސަލާތީ ގުޅުމާއި އިންޓަރނެޓްގެ ޚިދުމަތް ވަގުތުން ދިނުމަށެވެ.

ޚާއްސަކޮށް ބޭރުގެ މީޑިއާތަކަށް ޖައްމޫ އެންޑް ކަޝްމީރު ބަންދުކޮށްފައި އޮންނަ މައްސަލާގައި އެމެރިކާގެ ބޮޑެތި ފާޑުކިއުންތައް އިންޑިއާ ސަރުކާރަށް އަމާޒުވެފައި ވެއެވެ.