އިރާގު ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ނުހުއްޓި އިތުރަށް ވަރުގަދަ ވަމުންދިއުމާ ގުޅިގެން، އިރާގު ސަރުކާރުން އެންމެފަހުން ކާފިއު އިޢްލާން ކޮށްފިއެވެ.

އެގޮތުން، ކާފިއު އިޢްލާން ކޮށްފައިވަނީ ވެރިރަށް ބަޣުދާދުގައެވެ.

ބަޣުދާދުގައި ކާފިއު އިޢްލާން ކުރީ، މުޒާހަރާ ކުރަމުންދާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފެށި، ނުހުއްޓި ހަތަރު ދުވަހަށް ދެމިގެންދިއުމާ ގުޅިގެންނެވެ.

މިއަދުގެ ކުރިމަތިލުންތަކުގައި އާންމުންގެ ދެމީހަކު މަރުވެ، އިތުރު ސަތޭކަ މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބަޣުދާދު އޮޕަރޭޝަންސް ކޮމާންޑަރ ސްޓޭޓް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިތުރު ނޯޓިސްއެއް ނެރެންދެން ކާފިއު ދެމިއޮންނާނޭ ކަމަށެވެ.

މުޒާހަރާތައް އިތުރަށް ވަރުގަދަވެގެންދިޔައީ، އިރާގުގެ އެތައްހާސް ކިޔަވާކުދިން ބަޣުދާދު މުޒާހަރާއާ ގުޅުމުންނެވެ. އެގޮތުން، ހައި ސްކޫލްތަކުގެ ކުދިންނާއި، ސެކަންޑަރީ ސްކޫލްތަކުގެ ކުދިންނާއި، ޔުނިވަރސިޓީތަކުގެ ކުދިންވެސް މުޒާހަރާއަށް ވަނީ ނުކުމެފައެވެ.

ކިޔަވާކުދިން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް މި ނުކުތީ، އިރާގު ސަރުކާރުން ކިޔަވާކުދިން މަގުތަކަށް ނުނިކުތުމަށް އަންގައި ވަރުގަދަ އިންޒާރުތަކެއް ކޮށްފައި ވަނިކޮށެވެ.

ބަޣުދާދުގެ ތަހްރީރު މައިދާނަށް އެއްވި ކިޔަވާކުދިން ގެންދިޔައީ "މިއީ ކިޔަވާކުދިންގެ އިންގިލާބު، ސަރުކާރަށް ނޫނެކޭ، ޕާޓީތަކަށް ނޫނެކޭ" ގޮވަމުންނެވެ.

މިއަދުގެ މުޒާހަރާއަށް ނުކުތް އާންމުން ބަޣުދާދުގެ ގްރީން ޒޯނަށް ދެވޭން އޮންނަ މައި ބްރިޖް ހުރަސްކުރާން ދިމާކުރުމުން ސަލާމަތީ ބާރުތަކުންވަނީ އާންމުންނަށް ކަރުނަގޭހާއި، ދުން ބޮމުން ހަމަލާދީ ހުއްޓުވާފައެވެ.

ގްރީން ޒޯނަކީ، އިރާގުގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި، އިރާގު ސަރުކާރުގެ މައި އޮފީސްތައް ހުންނަ ސަރަހައްދެވެ.

އިރާގުގެ އާންމުން މީގެ މަހެއްހާ ދުވަސްކުރިން މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި، ވަޒީފާނެތް މީހުންގެ ނިސްބަތް މަތިވުމާއި، ސަރުކާރުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ފެންވަރު ނިކަމެތިވުމުގެ ސަބަބުން އެކަމާ ނުރުހުން ފާޅުކުރުމަށެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ދުއިސައްތައަށްވުރެ ގިނަމީހުން މަރުވެ، އެތައްހާސް ބަޔަކު ޒަޚަމްވެފައި ވާއިރު، ގިނަމީހުން މަރުވެފައިވަނީ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުންނެވެ.

ބަޣުދާދުގައި ފެށި މުޒާހަރާތައް މިހާރުވަނީ އިރާގުގެ ހުރިހާ ރަށްތަކަށް ފެތުރިފައެވެ.

މުޒާހަރާތައް ހުއްޓުވަން ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ ފިޔަވަޅުތަކެއް އެޅުއްވި ނަމަވެސް މުޒާހަރާތައް ހުއްޓުމަކަށް ނައެވެ. މިކަމާހެދި ސަރުކާރު ހިންގާ ކޯލިޝަންގެ ނުފޫޒުގަދަ ލީޑަރުން މިހާރު ގެންދަވަނީ، ސިޔާސީ ޕާޓީތަކަށް ބައިވެރި ނުވެވޭގޮތަށް އާންމު އިންތިޚާބު ބޭއްވުމަށް ގޮވާލައްވަމުންނެވެ. އެގޮތަށް ބޮޑުވަޒީރު އަމަލު ނުކުރައްވައިފިނަމަ ކޯލިޝަން ރޫޅާލާނެކަމުގެ އިންޒާރުވެސް ދެއްވާފައި ވެއެވެ.