ސަގާފީ ތަރިކަތައް ހޯދުމަށް ސަގާފީ ތަރިކައިގެ ގާނޫނާ ޚިލާފަށް ބައެއް ފަރާތްތަކުން ތަންތަން ކޮނެހަދާކަން ފާހަގަވަމުން އަންނަ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން، ސަގާފީ ތަރިކައިގެ ގާނޫނާ ޚިލާފަށް ސަގާފީ ތަރިކަތައް ހޯދުމަށާއި އާންމުކުރުމަށާއި އެނޫންވެސް ބޭނުންތަކުގައި ތަންތަން ކޮނެހަދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. ގާނޫނީ ގޮތުން ހުއްދަލިބިފައިވާ ފަރާތަކުން ވެސް މިފަދަ ތަންތަން ކޮންނަންވާނީ، ކޮނުމަށާއި ކޮނުމަށްފަހު އަމަލުކުރާނެގޮތުގެ ތަފުސީލުތައް ޕްލޭންކޮށް، އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ކަނޑައެޅޭ ސައިންޓިފިކް ހަމަތަކާއި، އެކަމަށް ޚާއްސަކުރެވިފައިވާ ތަކެތި ބޭނުންކޮށްގެން ކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތްތައް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެއް ކަމަށެވެ. އަދި މިފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލަތްތައް ބޭނުންނުކޮށް ކޮނުމަކީ ކަނޑައެޅިގެން އާސާރީ އަދި ތާރީޚީ އެއްޗަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ދެންނެވި ކަންކަމަށް ނުވިސްނައި ކަންކުރުމަކީ ގާނޫނާއި އަދި މަރުކަޒުން ގެންގުޅޭ އުސޫލުތަކާއި ޚިލާފުކަމެކެވެ. ޚާއްސަގޮތެއްގައ ކަމުގެ ތަޖުރިބާހުރި ދާއިރާގެ މީހުންގެ ބައިވެރިވުން ނެތި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ނުހޯދައި ތަންތަން ކޮނުމަކީ އެ ތަންތަނަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ވެދާނެ ކަމެކެވެ. އަދި ތަނުގެ އަސްލު ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރެވޭނެ ގޮތުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށްގެން މެނުވީ މިފަދަ ތަންތަން ކޮނުމަކަށް ގާނޫނު ތަނެއް ނުދެއެވެ. މިނޫން ގޮތަކަށް މިފަދަ ތަންތަން ކޮންނަ ނަމަ އެތަންތަނާއި ތަކެއްޗަށް ގެއްލުންލިބި ސަގާފީ ތަރިކައެއް އަބަދަށްޓަކައި ގެއްލިދިއުމުގެ ފުރުސަތު އޮންނާނެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ބަޔާން

އެހެންކަމުން އެ މަރުކަޒުން ވަނީ ސަގާފީތަރިކައާ ގުޅޭ ތަންތަން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާ ޚިލާފަށް ނުކޮނުމަށާއި، އެތަންތަނަށް ގެއްލުންވެދާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލްތަކުގެ ޒިންމާ އެ ކައުންސިލްތަކުން އަދާކުރުމަށާއި، ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން އަދާކުރުމަށާއި، ގާނޫނުގެ ރޫހާ އެއްގޮތަށް ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.