ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ގައުމީދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާ އެންމެ ބޮޑަށް ގުޅިފައިވާ ދުވަހަކީ ގައުމީދުވަސް ކަމަށެވެ. ގައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން ކަމަށް ވިދާޅުވިއެވެ. އަދި މުސްތަގިއްލު ގައުމެއްގެ ނަމުގައި ބަޔަކު އުފަންވެ، ބައިނަލްއަގްވާމީ މުޖްތަމައަށް ނޭވާލުމުގެ ހައްގު ލިބިގެން އަންނަނީ އެ ސިފަތައް ފުރިހަމަވެގެން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ގައުމިއްޔަތަށް އަރާ ލޮޅުންތައް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 21 ވަނަ ގަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން އަންނައިރު، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ހައްގެއް، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން ލިބިފައިވާ ކަމަށެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ފާހަގަކުރެއްވިއެވެ.
އޭގެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް އިންތިހާއަށް އެބަ ލިބޭ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފަށައި، އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ގައުމިއްޔަތަށް އަދި އާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދާ ކަމަށެވެ. ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ހައްގަކުން މަހުރޫމް ކުރުން ކަމުގައިވެސް ބަޔަކު ބުނާ ކަމަށާއި އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ގައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމައެފަދައިން އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއް ކަމަށެވެ. މިއަދު މިކަންކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެދުވަހު ކޮބައިތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
ރައީސް ވިދާޅުވީ ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ އަގީދާ އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ ކަމަށެވެ. މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.
ހަމައެފަދައިން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައްވެސް، ގާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ފުރުސަތު ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި މި ސަރުކާރުން އެ މިނިވަންކަމަށް ހުރަސްނާޅާނެ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ރައީސް ގޮވާލެއްވިއެވެ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވުމަށް ވެސް ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ މުޖްތަމައުގެ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު ކަމަށާއި މި ގައުމު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. މި ރާއްޖޭގެ ގައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.