ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ޕޯޗުގަލްގެ ސީނިއާ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

މި ހަދިޔާއަކި އަންނަ އަހަރު އެސްޓޯނިއާގައި ބާއްވާ 17 އަހަރުންދަށުގެ އަންހެނުންގެ ޔޫރޯ ކޮލިފައިންގެ އެލީޓް ބުރުގައި ވާދަކުރާ ޕޯޗުގަލްގެ 17 އަހަރުންދަށުގެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ދިން ހަދިޔާއެކެވެ.

ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ރޮނާލްޑޯ ވަނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ހާއްސަ މެސެޖަކާއެކު ނައިކް މާކިއުރިއަލް ޑްރީމް ބޫޓެއް ހަދިޔާކޮށްފައެވެ. ރޮނާލްޑޯއަކީ ނައިކް ގެ އެމްބެސެޑަރެކެވެ. އޭނާ ދަނީ ކޮންމެ އަހަރަކުވެސް ނައިކް ގެ އުފެއްދުންތައް ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެކުރިންވެސް އޭނާ ވަނީ ޖޫނިއާ ލެވެލްގެ އެކި ޓީމުތަކަށް ނައިކް ބްރޭންޑުގެ ތަކެތި ހަދިޔާކޮށްފައެވެ.

ކުޅުންތެރިންނަށް ދިން މެސެޖުގައި ރޮނާލްޑޯ ބުނީ މި ބޫޓުތަކަކީ އެ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ މަގުސަދުގައި ހަދިޔާކުރި ބޫޓުތަކެއް ކަމަށެވެ.

އަހަރެން އެންމެ ކުޑައިރު އަބަދުވެސް ވަރަށް އާދައިގެ، އެހެންނަމަވެސް ތަފާތު ހުވަފެނެއް ދެކެން، އެއީ ތި ކުދިން ދެކޭ ކަހަލަ ހުވަފެނެއް ނޫން، އެއީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ނުނިދާ ހޭލާ ހުންނަ ވަރުގެ ބޮޑު ހުވަފެނެއް، އެއީ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމަށް ދެކެމުން އައި ހުވަފެން، އަހަރެންގެ މުޅި ހަޔާތް މި ހޭދަކުރަނީ ފުޓުބޯޅައަަށް، ކާމިޔާބު ހޯދަން ބޭނުން ނަމަ ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ، ހަމައެގޮތަށް ތި ކުދިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭ
ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު މިހާރު މަސައްކަތް ކުރަމުންދަނީ ކޮލިފައިވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮލިފައިންގެ މުހިންމު ތިން މެޗެއް ނޮވެމްބަރުގައި ކުޅޭނެ އެވެ.

ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު ޔޫރޯ 2020 ކޮލިފިކޭޝަންގެ އެލީޓް ބުރުގައި ނޮވެމްބަރު މަހު ނުކުންނާނީ ޔޫކްރެއިން، ޖޯޖިއާ އަދި އަލްބޭނިއާއާއި ދެކޮޅަށެވެ. މި ކޮލިފައިންގައި ޔޫރަޕުގެ 16 ގައުމެއް ވާދަކުރެއެވެ.

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯއަށް އެ ކުލަބުގެ ކޯޗު ސާރީ ވަނީ އަރާމުކުރުމުގެ ފުރުސަތު ދީފައެވެ. އެންމެފަހުން ޔުވެންޓަސް އާއި ލީޗް 1-1 އިން އެއްވަރުވި މެޗުގައި ރޮނާލްޑޯ ނުކުޅޭއިރު އަންނަ ބުދަދުވަހު ޖެނޯއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނިގެންދާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

އިޓާލިއަން ލީގުގެ މި ސީޒަނުގެ މިހާތަނަށް ރޮނާލްޑޯ ވަނީ ކުޅުނު 10 މެޗުގައި 5 ގޯލު ކާމިޔާބުކޮށްފައެވެ.