ރާއްޖޭގައި، ބްރޯޑްކާސްޓް ކުރުމާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2010 ވަނަ އަހަރުގެ އޮގްސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. މިބިލު ތަސްދީގުކޮށްފައިވަނީ ހަމަ އެމަހުގެ 22 ވަނަ ދުވަހުއެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދާފައިވަނީ މިގާނޫނުގެ ދަށުންނެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނޫގެ ފަސް ވަނަ މާއްދާގައި ކޮމިޝަނުގައި 7 މެމްބަރުން ތިބެންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެއާ ވިދިގެން ހަވަނަ މާއްދާގައި މެމްބަރުން އައްޔަންކުރުމުގައި އަމަލުކުރުަންޖެހޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ. ކޮމިޝަނަށް އައްޔަން ކުރާ މެމްބަރެއްގެ ދައުރަކީ އައްޔަނުކުރާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެވެ. މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ ގިނަވެގެން 60 ދުވަސް ތެރޭގައި އެމަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށްވެސް ގާނޫނުގައި ލާޒިމްކޮށްފައިވެއެވެ.

ބްރޯޑްކޮމް މިވަގުތު އޮތް ހާލަތަށް ބަލާލާއިރު، ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އިސްތިއުފާ ދެއްވައި އަދި އިތުރު މެމްބަރަކު މަގާމުން ވަނީ ވަކިކޮށްފައެވެ. އިސްތިއުފާ ދެއްވާފައިވާ ތިން މެމްބަރުންނަކީ ހަސަން ނަބާހު، އިސްމާއީލް ސޮފްވާން އަދި ކޮމިޝަނުގެ ރައީސަކަށް ހުންނެވި މުހައްމަދު ޝަހީބެވެ. ސޮފްވާން އިސްތިއުފާ ދެއްވީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ނަބާހު އިސްތިއުފާ ދެއްވީ އޭގެ ފަހުން ހަފްތާއެއްވެސް ނުވަނީސް ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ސޮފްވާނާއި ޝަހީބު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެބޭފުޅުން ކޮމިޝަނުން ވަކިކުރުމަށް ނިންމާފައި ވަނިކޮށެވެ.

ޝަހީބު ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ނިންމި ދުވަހު ވަނީ ނައިބް ރައީސާ ފަތިމަތު ޒައިނާވެސް ވަކިކުރުމަށް ނިންމާފައެވެ. އޭގެ ފަހުން މަޖިލީހުގެ ތަޅުމުގައި ވޯޓުނަގައި އޮކްޓޫބަރު 14 ވަނަ ދުވަހު ވަނީ ޒައިނާ ކޮމިޝަނުން ވަކިކޮށްފައެވެ. މަގާމެއް ހުސްވާތާ ގިނަވެގެން 60 ދުވަސް ތެރޭގައި އެމަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައި ވާއިރު، ނަބާހާއި ސޮފްވާނުގެ މަގާމު ހުސްވިތާ އޮގަސްޓް މަސް ތެރޭގައި ވަނީ އެމުއްދަތު ހަމަވެފައެވެ. މި ދެމަގާމަށް 36 ބޭފުޅެއްގެ ނަން ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.

އޮގަސްޓް 27 ވަނަ ދުވަހުގެރޭ މި މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާއިރު، އޭގެ ފަހުން މިވަނީ ދެމަސް ދުވަސް ފާއިތުވެފައެވެ. ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޒައިނާގެ ބަދަލުގައި އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެކަމަކު މިއިން އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމަށް ރައީސް އަދި އެއްވެސް ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ. ހަތް މެމްބަރުން ތިބެންޖެހޭ ބްރޯޑްކޮމްގައި މިވަގުތު ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރާއި، އަމްޖަދު ވަހީދު އަދި ސަހާރަތު އިއްޒަތެވެ.

ކޮމިޝަނުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމް ވެސް ހަމަނުވެ، ކޮމިޝަނުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ. ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު ވިދާޅުވީ އެންމެ ފަހުން ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވީ އޮކްްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ކޯރަމް ހަމަނުވާތީ ދިމާވާ ދަތިތައް ހިއްސާކޮށް މަޖިލީހަށް ސިޓީއެއްވެސް ފޮނުވި ކަމަށް ޒީނާ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށް، އެހެން ނަމަވެސް ގާނޫނީ ޒިންމާ އަދާނުކުރެވި، ގިނަ ދުވަސްތަކެއް މިގޮތަށް ފާއިތުވެދިއުމަކީ މައްސަލައެކެވެ. ބްރޯޑްކޮމް މިހާލަތުގައި އޮތްއިރު، އެ ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލައި މީޑިއާ ރެގިއުލޭޓް ކުރުމަށް އައު މުއައްސަސާއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.