އެންމެ ކުޑައިރުން ސުރެންވެސް ކުޅިވަރު ނޫސްވެރިއަކަށް ވުމަށް ކަނޑައެޅި އަޒުމާއި އެކު އެ މަގުން މަސައްކަތް ކުރުމަށް ފެށި ދަތުރުގައި ކުރިމަތިލާން ޖެހުނު ކޮންމެ ގޮންޖެހުމަކަށް އެންމެ ބޮޑު ހިތްވަރެއް ދިނީ އަދި ހިތްވަރު ހޯދީ މަންމަގެ ފަރާތުން. މިހާ ހިސާބަށް އާދެވުނީ މަންމަގެ އުނދަގޫ ދިރިއުޅުމުން ހިތްވަރު ހޯދައިގެން
ހުސެއިން ފަރިޔާޒް

މިއީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލުކުރި ހުސެއިން ފަރިޔާޒް އިނާމު ހާސިލުކުރުމަށްފަހު ދެއްކި ވާހަކައެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ފަރިޔާޒްގެ އުއްމީދަކަށްވީ މޮޅު ކުޅިވަރު ނޫސްވެރިއަކަށް ވުމަށެވެ. އެހުރިހާ ހުވަފެންތަކުގައި ކުލަޖެހި އޭގެ 15 އަހަރުފަހުން ދައުލަތުން ދޭ ހިތްވަރުދިނުމުގެ ޤައުމީ އިނާމް ފަރިޔާޒް ހޯދީ މަންމަގެ ދިރިއުޅުމުން ހިތްވަރު ލިބިގެންކަން އޭނާ ހާމަކުރިއިރު މި އެވޯޑު ހަފުލާގައި އޭނާގެ މަންމަވެސް ބައިވެރިވިއެވެ.

ފަރިޔާޒް ގަބޫލުކުރާ ގޮތުގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރު ކުރެވުނު ޙިދުމަތުގެ އަގު ބަޔަކު ވަޒަންކޮށްފިއެވެ. ދުވަހުނޫސް "އާފަތިސް" ގައި 2006 ވަނަ އަހަރު ކުޅިވަރު ނޫސްވެރިކަމުގެ ހަޔާތް ފަށައި އޭނާ ވަނީ އެނޫހުގެ އިސް މަގާމުތަކެއް ފުރާފައެވެ. އެގޮތުން ނޫހުގެ އެސިސްޓެންޓް އެޑިޓަރު ކަމާއި ކުޅިވަރު އެޑިޓަރުކަމާއި އާފަތިސް އެވޯޑުގެ ހެޑުގެ މަގާމު އަދާކުރި އެވެ.

ވީޓީވީއާއި ގުޅުމަށްފަހު 2010 ވަނަ އަހަރު ފަރިޔާޒް

އާފަތިސް ނޫހުގައި ތިން އަހަރު ހޭދަކުރުމަށްފަހު 2009 ވަނަ އަހަރު ގުޅުނީ ވީޓީވީއަށެވެ. ވީޑިއޯ ޖާނަލިސްޓެއްގެ ވަޒީފާއާއި ގުޅުމަށްފަހު ފަރިޔާޒް ވަނީ ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާގައި ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުޅިވަރަށް ހާއްސަ ބްލެޓިންއެއް ގެނެސްދިނުމާއި ކުޅިވަރު އާއިލާއާއިއެކު ގާތް ގުޅުމެއް އުފެއްދިއެވެ. ކުޅިވަރުގެ ދާއިރާއަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދީ ކުޅިވަރު މުބާރާތްތަކާއި ގައުމީ ފެންވަރުގެ މުބާރާތައް އަމިއްލަ ބްރޯޑްކާސަޓަރުން މެދުވެރިކޮށް ލައިވްކޮށް ގެނެސްދިނުމަށް ފަރިޔާޒް ވަނީ ގިނަ ފުރުސަތުތަކެއް މަސައްކަތްކުރި ސްޓޭޝަން މެދުވެރިކޮށް ތަނަވަސްކޮށްދީފައެވެ.

ރާއްޖެޓީވީގައި ފަރިޔާޒް މަސައްކަތްކުރި ދުވަސްވަރު

އެއަށްފަހު 2013 ވަނަ އަހަރު ރާއްޖެޓީވީއާއި ގުޅުމަށްފަހު އެ ޓީވީގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރުގެ މަގާމު އޭނާ ވަނީ ފުރާފައެވެ. އެ ޓީވީއާއެކު ވެސް ފަރިޔާޒް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮމާޝަލް އުސޫލުން މުބާރާތްތަކާއި ކުޅިވަރާއި ގުޅުންހުރި ގިނަ ކަންކަން ފަރިޔާޒް ވަނީ ކޮށްފައެވެ. ފަރިޔާޒް އެ ސްޓޭޝަންގައި ހޭދަކުރި ހަތަރު އަހަރު ކުޅިވަރުގެ އެތައް ޕްރޮގްރާމެއް އުފައްދާ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ލައިވްކޮށް ވަނީ ގެނެސްދީފައެވެ. އަދި ރާއްޖެޓީވީގެ ސްޕޯޓްސް އަކީ އެތައް ބަޔެއްގެ ތައުރީފް ލިބިގެންދިޔަ މަސައްކަތަކެއްކުރި ޑިޕާޓްމަންޓަކަށް ފަރިޔާޒް ވަނީ ހަދާދީފައެވެ.

ވީޓީވީއާއި އަނެއްކާވެސް ފަރިޔާޒް ގުޅުނީ 2017 ވަނަ އަހަރުގައެވެ. ސްޕޯޓްސް އެންޑް އިވެންޓްސް މެނޭޖަރެއްގެ ގޮތުގައި ގުޅުމަށްފަހު ވީ ސްޕޯޓްސްގެ ނަމުގައި ކުޅިވަރަށް ހާއްސަ ޑިޕާޓްމަންޓެއް ފަރިޔާޒްއާއި ވަނީ ހަވާލުކޮށްފައެވެ. އެއާއެކު ރާއްޖޭގެ ގިނަ ކުޅިވަރު މުބާރާތްތައް ވީޓީވީން ގެނެސްދިނީ ފަރިޔާޒްގެ ބޮޑު ރޯލެއް އޮވެގެންނެވެ. އެގޮތުން ރިސޯޓު ފުޓްސަލް ލީގާއި މިހާރު އެވޯޑްސް ހަފުލާ ވީޓީވީން ވަނީ ގެނެސްދީފައެވެ. އަދި މިއަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ވީޓީވީން ގެނެސްދެނީވެސް ފަރިޔާޒްގެ ބޮޑު ރޯލެއް އޮވެގެންނެވެ.

ކުޅިވަރުގައި ކަންބޮޑުވާ ގިނަ ކަންކަމާއި މެދު ބަހުސްކޮށް ތަފާތު ހިޔާލުގެ ބޭފުޅުންގެ ވާހަކަތައް ހިމެނޭ ޕްރޮގްރާމްތައް ފަރިޔާޒް ވަނީ އުފައްދާ ގެނެސްދީފައެވެ. އަދި ކުޅިވަރުގެ ތާރީހު ރައްކާކުރުމަށް މުޅިން އާ ޕްރޮގްރާމްތަކެއް ވީސްޕޯޓްސް މެދުވެރިކޮށް ދަނީ އުފައްދަމުންނެވެ.

ވީޓީވީގެ ކުޅިވަރު ޕްރޮގްރާމެއް ފަރިޔާޒް ހުށައަަޅައިދެނީ

މިހުރިހާ ކާމިޔާބެއް ހޯދުމުގެ އެންމެ ބޮޑު އިސް ރޯލެއް އަދާކުރަނީ ފަރިޔާޒްގެ މަންމަ އާބިދާ އަބްދުﷲއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ދިރިއުޅުމުގައި ހޭދަކުރި ދުވަސްތަކުގައި އެންމެ ބޮޑަށް ދަސްވި އެކައްޗަކީ ކެރިގެން ކަންކަމާއި ކުރިމަތިލުމަށެވެ. އަދި އެކުރާ މަސައްކަތެއް ރަނގަޅަށް ކުރުމަށެވެ.

އާއިލާގައި 6 މެންބަރުން ހިމެނޭ ފަރިޔާޒް ކުޑައިރުގެ ދަތި ދިރިއުޅުމުގެ ހަނދާންތައް އޭނާ އާކުރީ ފަހުރުވެރިކަމާއިއެކުގައެވެ. ހަ ކުދިން ބޮޑުކުރުމަށް ފަރިޔާޒް މަންމަ ވަނީ ބުރަ އެހާމެ އުނދަގޫ މަސައްކަތްތަކެއް ކޮށްފައެވެ. މަންމައަށް އެހީވުމަށް އުމުރުން އެއްމެ 13 އަހަރު ފަރިޔާޒް މަސައްކަތަށް ނިކުންނަން މަޖުބޫރުވިއެވެ. އެހާ ކުޑައިރު މަސައްކަތުގެ ތެރެއަށް ނުކުންނަން ޖެހުނަށް ފަރިޔާޒް އެކަން ދެކުނީ މަމްމަ އާއި އާއިލާއަށްޓަކައި ފަހުރުވެރިވެރިކަމާއި އެކު ކުރި ކަމެއްގެ ގޮތުގައެވެ.

ކުޅިވަރު އާއިލާގައި ހިމެނޭ އެކި ފަރާތްތައް ދެކޭގޮތުގައި ފަރިޔާޒްއަކީ އެކަމެއް ކުރާއިރު ޝައުގުވެރިކަމާއެކު ކުރާ ފަރާތެކެވެ. އަދި އެ ކަމެއް ވެވުނު އެންމެ ފުރިހަމައަށް ގެނެސްދިނުމަކީ ފަރިޔާޒް ބޭނުންވާގޮތެވެ. މިހާތަނަށް ފަރިޔާޒް ކުރި ހުރިހާ މަސައްކަތަކީވެސް ކުޅިވަރު އާއިލާގެ ލޯބި ހޯދާފައިވާ މަސައްކަތްތަކެކެވެ.

މި ލިބުނު އިނާމަކީ ކުޅިވަރުގެ ދާއިރާގައި ޙިދުމަތް ކުރުންމަތީ ދެމިހުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް، އިރާދާކުރެއްވިއްޔާ ކުޅިވަރުގެ ނޫސްވެރިއެއްގެ ގޮތުގައި މި ދާއިރާކުރިޔަށް ގެންދިޔުމަށް އިތުރު ހިތްވަރާއި އެކު މަސައްކަތް ކުރާންނަން
ހުސެއިން ފަރިޔާޒް

ކުޅިވަރު އާއިލާއަށް ހިދުމަތްކޮށްދިނުމުގައި ފަރިޔާޒް އަދިވެސް ހުރީ އަތުކުރި އޮޅާލައިގެންނެވެ. ފަރިޔާޒްގެ މަސައްކަތް ހުރިހާ ފަރާތްތަކަކުންވެސް ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައެވެ. މި ދާއިރާއަށް އަދިވެސް ފަރިޔާޒްގެ ހިދުމަތް ބޭނުންވެއެވެ. ހަމަ ޔަގީނުންވެސް މިއީ އަދި ފަރިޔާޒްގެ ކުޅިވަރުގެ ހަޔާތުގެ ނިމުމެއް ނޫންކަން ޔަގީނެވެ.