ފުޅާމިނުގައި އެއްފޫޓް އަދި ފުން މިނުގައި 85 ފޫޓް ހުރި ވަޅަށް ވެއްޓި ތާށިވި ތުއްތުކުއްޖާ ވަޅުތެރޭގައި އޮވެ މަރުވެއްޖެއެވެ.
އެހެންނަމަވެސް، އެ ކުއްޖާ މަރުވިމަފަހުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިއަދުވަނީ އެ ކުއްޖާގެ ހަށިގަނޑު އެ ވަޅުން ނަގާފައެވެ.
ސާޖިތު ވިލްސަން ނަމަކަށްކިޔާ މި ތުއްތު ކުއްޖާ، ޓެމިލްނާޑޫ ސްޓޭޓްގެ ތިރުޗިރައްޕަލީގައި ހުންނަ އޭނާގެ ގެ ކައިރީގައި ކުޅެން އުޅެނިކޮށް ވަޅަށް ވެއްޓުނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ކުއްޖާ ވަޅަށް ވެއްޓުމާއެކު އޭނާ ވަޅުން ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފެށިއެވެ. އެގޮތުން، ވަޅަށް ޚާއްސަ ކެމެރާއެއް ތިރިކޮށް ގެންދިޔައީ ކުއްޖާގެ ޓެމްޕަރޭޗަރ ބަލަމުންނެވެ. އަދި ވަޅަށް ގެންދިޔައީ ހިމަ ހޮޅިއަކުން އޮކްސިޖަންވެސް ދޫކުރަމުންނެވެ.
އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ޓީމުން ބުނީ، ފުން ވަޅަށް ވެއްޓުނު ކުއްޖާ އޮތީ ހޭނެތިފައި ކަމަށާއި، އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ނޭވާލަމުން ގެންދިޔަ ކަމަށެވެ.
އޭގެފަހުން، އެ ތުއްތު ކުއްޖާ ވަޅުގެ އެއަށްވުރެ ތިރިއަސް ވެއްޓުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ކުއްޖާގެ ހާލަތު ބެލޭގޮތް ނުވިއެވެ.
ވަޅަށް ވަލެއް ތިރިކޮށްގެން ރޮބޮޓިކް އާލާތްތައް ބޭނުންކޮށްގެން ތުއްތު ކުއްޖާގެ އަތުގައި ވަލެއް އެއްސުމަށްފަހު ނަގަން މިދިޔަ ހޮނިހިރު ދުވަހު ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ.
ކުއްޖާ ވެއްޓުނު ވަޅާ ކައިރިން ތެޔޮ ހޯދަން ކޮންނަ ކަހަލަ އިތުރު ވަޅެއް ކޮނުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބުވީ، ކުއްޖާ އޮތް ހިސާބާ 33 ފޫޓެއްހާ މަތިން ބިންގަނޑު ހަރުވެގެން ނުކޮނެވިގެންނެވެ.
ޚާއްސަ އާލާތްތަކެއް ބޭނުންކޮށްގެން އެ ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު މިއަދު ވަޅުން ނެގިއިރު އޮތީ ކުނިވާން ފަށާފައެވެ.
މިއީ، އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގައި ވަޅަށް ވެއްޓިގެން ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި މަރުވި ދެވަނަ ތުއްތު ކުއްޖާއެވެ.
އިންޑިއާގެ ޕަންޖާބް ސްޓޭޓްގެ ވަޅަކަށް މިއަހަރުގެ ޖޫންމަހުވެސް ދެއަހަރުގެ ކުއްޖަކު ވެއްޓި މަރުވެފައި ވެއެވެ. އެ ކުއްޖާ މަރުވީ ވަޅުގައި އޮންނަތާ ހަތަރު ދުވަސް ފަހުންނެވެ.
2006 ވަނަ އަހަރު ހަރިޔާނާ ސްޓޭޓްގައި މިފަދަ ވަޅަކަށް ވެއްޓުނު ހަ އަހަރުގެ ކުއްޖަކު ސަލާމަތް ކުރުމުން މުޅި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެކަން އަރައިގެންދިޔައެވެ. 60 ފޫޓު ފުން ވަޅަށް ވެއްޓުނު އެ ކުއްޖާ ވަޅުން ނަގާފައިވަނީ 48 ގަޑިއިރު ފަހުންނެވެ.
އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގައި ހިމަކޮށް ފުންކޮށް ކޮނެފައި ހުންނަ ވަޅުތައް އާންމުކޮށް ހުރެއެވެ. އެއީ، ދަނޑުވެރިންނާއި، އާންމު ބޭނުންތަކުގައިވެސް މީހުންނަށް ފެން ލިއްބައިދޭ ހަމައެކަނި ވަސީލަތެވެ.