ލުބުނާނުގައި ކުރިއަށްދާ މުޒާހަރާތައް ނުހުއްޓުވި ކުރިއަށްދިއުމާއި ހާލަތު އިތުރަށް ގޯސްވަމުންދާތީ މަގާމުން އިސްތިއުފާ ދެއްވުމަށް ލުބުނާނުގެ ބޮޑުވަޒީރު ސައާދު ހަރީރީ ނިންމަވައިފިއެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ހަރީރީ ވިދާޅުވީ، އޭނާ ގޮތް ނިންމަވައިފި ކަމަށާއި، ރައީސް މައިކަލް އައޫންއަށް އިސްތިއުފާ ހުށަހަޅުއްވަން ނިންމަވައިފި ކަމަށެވެ.

"ގައުމަށް މިހާރު ދިމާވެގެން މިއުޅޭ ކާރިސާތައް ހައްލުކުރުމަށް އަޅުގަނޑުމެންނަށް ބޮޑެތި ފިޔަވަޅުތައް އަޅަންވަނީ ޖެހިފައި. އަޅުގަނޑު މިދަނީ ބާބްޑާ ޕެލަސްއަށް އަޅުގަނޑުގެ އިސްތިއުފާ ހުށަޅަން" ސައާދު ހަރީރީ

ސައާދު ހަރީރީވަނީ، ލުބުނާނުގެ ހަމަޖެހުމާއި، ސަލާމަތްކަން ދެމެހެއްޓުމަށް ލުބުނާނުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެއްވެސް މީހަކަށްވުރެ ގައުމު ބޮޑުވާނޭ ކަމަށެވެ.

ލުބުނާނު ސަރުކަރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާތާ 13 ދުވަސް ވެއްޖެއެވެ. އެމީހުން ގެންދަނީ އާންމު މައިދާންތަކަށް އެއްވެ އަޑުއުފުލައި އަދި މަދަނީ ބަސްނޭހުމުގެ ތެރެއިން މަގުތައްވެސް ބަންދުކޮށް ހުރަސްއަޅަމުންނެވެ.

އާންމުން މަގުތަކަށް ނުކުތީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވެ، އިގްތިސާދީ ކަންކަން ދޯހަޅިވުމުގެ ސަބަބުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދަނީ ސަރުކާރު އިސްތިއުފާ ދިނުމަށެވެ.

ލުބުނާނުގައި އޮތީ ކޯލިޝަން ސަރުކަރެއް ކަމުން، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގައި ލީޑަރުންނަށް އެއްގަލަކަށް ނޭރުމުގެ ސަބަބުން މުޒަހަރާގެ ބައިވެރިންގެ ގޮވާލުންތަކަށްވެސް އަމަލުކުރާނެ ގޮތެއް ހޯދިފައެއް ނުވެއެވެ.

ބޮޑުވަޒީރު ހަރީރީ މިދިޔަ ހަފްތާގައިވަނީ، މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

މުޒާހަރާގެ ބައިވެރިންނާ މަޝްވަރާ ކުރަން ބޭނުންފުޅުވާ ކަމަށް ލުބުނާނުގެ ރައީސް އައޫން ގޮވާލެއްވި ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އެކަމަށް އިޖާބައެއް ނުދިނެވެ.

އަނެއްކޮޅުން، ލުބުނާނުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ދައުރެއް އަދާކުރާ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ މުޒާހަރާކުރާ ފަރާތްތައް ކުށްވެރި ކުރައްވާފައެވެ.

މުޒާހަރާކުރާ ފަރާތްތައް ކޭމްޕްޖަހައިގެން ތިބި ސަރަހައްދުތަކަށް ދަނޑިބުރިއާއި އެނޫންވެސް ސާމާނު ހިފައިގެންތިބި ހިޒްބުﷲއަށް ތާއީދުކުރާ ފަރާތްތައް ވަނީ ތަންތަން ސުންނާފަތި ކުރުމުގެ އަމަލުތަކެއްވެސް ހިންގާފައެވެ.