ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު ރެއާލް ވަޔޮޑޮލިޑް އަތުން 5-1 އިން މޮޅުވެ ބާސެލޯނާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި ކުޅެން ހަމަޖެހިފައި އޮތް އެލް-ކްލަސިކޯ މެޗު ފަސްކުރުމާއެކު، ހަފުތާ ބަންދުގައި އިތުރު އެއް މެޗު ކޫލެ ގްރާނާޑާ ވަނީ އެއްވަނައަށް ޖެހިލާފައެވެ. އެކަމަކު ރޭގެ މެޗުން މޮޅުވެ ބާސެލޯނާ އަލުން އެއްވަނަ އަށް އެރީ 10 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ގްރަނާޑާ އޮތީ 10 މެޗުން 20 ޕޮއިންޓާއެކު އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އެވެ. އެކަމަކު 15 ވަނަ މިނެޓުގައި ކީކޯ ވަނީ ވަޔަޑޮލިޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބާސާއިން އަލުން ލީޑު ނެގީ 29 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން އާޓޫރޯ ވިޑާލް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ވަނީ ހިލޭ ޖެހުމަކުން ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މެސީގެ ކެރިއަރުގައި ކާމިޔާބުކުރި 50 ވަނަ ހިލޭޖެހުމެވެ.

ދެވަނަ ހާފުގައި އިވާން ރަކިޓިޗް ދިން ބޯޅައަކުން ބާސެލޯނާގެ ހަތަރުވަނަ ގޯލް މެސީ ޖެހިއިރު، ފަސްވަނަ ގޯލް މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ. މި ގޯލާއެކު ސުއަރޭޒް ވަނީ ސްޕެނިޝް ލީގުގައި ވާދަކުރި 27 ޓީމުގެ ކޮޅަށް ގޯލް ޖަހާފައެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ މެސީ އަދިވެސް އެއްކޮށް ފިޓް ނޫން ކަމަށާއި، އެކަމަކު އެ ވަރުގެ ފިޓްނަސް އެއްގައި ހުރެވެސް އޭނާ ތަފާތު ދައްކަމުން އަންނަ ކަމަށެވެ.