• އާމްދަނީން ޓެކްސް ނަގަންވާނީ ހަމަހަމަ އުސޫލަކުން - ގާސިމް
  • ވިލާގެ ކުންފުނިތަކުން މިހާރުވެސް ދައުލަތަށް އަހަރަކު 45 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކާ

މި ދިވެހި ގައުމު ކުރިއަށް ގެންދިއުމުގަ ކަންތައްތަކެއް ކުރަންޖެހޭކަން އެންމެނަށްވެސް އެނގޭ ކަމަށާއި، ކޮންމެ ބަޔަކުވެސް ބުނަނީ ސަރުކާރުން އެވެނިކަމެއް މިވެނިކަމެއް ކޮށެއް ނުދޭ ކަމަށާއި، އެހެންނަމަވެސް ފައިސާނެތި ސަރުކާރުން ކަންތައްތައް ކޮށްދޭނީ ކިހިނެއްތޯ، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.

ގާސިމް އިބްރާހިމް މި ސުވާލު ކުރެއްވީ "ގައުމީ ވިންދު – ޖުމްހޫރީ ވިންދު" މި ނަމުގައި ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ޕާޓީއަށް އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް ޖޭޕީގެ މައި މަރުކަޒު، މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި، އާމްދަނީން ޓެކްސް ނެގުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މިގައުމުގެ ރައްޔިތުންނަށް ސަރުކާރަކަށް ކަންތައްތައް ކޮށްދެވޭނީ، ޓެކްސް ނެގުމުގެ ނިޒާމުގަ ގިނަމީހުން ބައިވެރިވެގެން ގިނަ ފައިސާ ލިބިގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހް ބަދުނާމުކޮށް ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް، ނުލިބޭ ފައިސާއަކަށް އެމަނިކުފާނަށް މަސައްކަތް ކޮށްދެވޭނީ ކިހިނެއްތޯ ގާސިމް ސުވާލު ކުރެއްވިއެވެ. އެކަން އެގޮތަށް ނުވާނެކަމަށް ވިދާޅުވިއެވެ.

ސަރުކާރު ސްލޯއޭ ލަހޭ ކިޔައިގެން މިދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގަ އެންމެބާރަށް އެވާހަކަ ދެއްކި އެއްބަޔަކީ ރައީސްގެ ޕާޓީގެ މެމްބަރުން ކަމަށާއި، ބަޔަކަށް އަޑުއިއްވަން ނަމަވެސް، ކަމެއް ދައްކަން ނަމަވެސް، ހަގީގަތް އެނގިތިބެ އެއީ ކުރާވަރުގެ ކަންތައްތަކެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، އާމްދަނީން ޓެކްސް ނަގަންވާނީ، ގާނޫނުތައް ހަދައި، ހަމަޖެހޭ އުސޫލެއްގެމަތިން، އަދުލުވެރިކަމާއި ވަކި ބަޔަކު މާޖިނަލައިޒް ނުވާނެގޮތަށް އިންސާފުވެރި އުސޫލަކުން ކަންތައްތައް ރާވައިގެން ކަމަށެވެ. އެހެންނޫނީ، އެކަމުގައި އިޖުތިމާއީ އަދާލަތެއް، އިންސާފެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޖަލްސާ - ވީފޮޓޯ: އަހުމަދު ޝުރާއު
"ރެއާދުވާލު ބުރަ މަސައްކަތް ކޮށްގެން މީހުން ހޯދާ އާމްދަނީ، ދުވާލަކު ތިން ގަޑިއިރުވެސް މަސައްކަތްނުކޮށް، ވަޒީފާއަށްގޮސް ސޮއި ޖަހަލާފަ ބައިސާބުނަން، އަޗާތަޅަން، ސައިހޮޓާތަކުގެ ކޮފީ ޖަހާލައިގެން ތިބޭ މީހުންނާ އެއްވަރުވީމާ، އެކި ފަންނުތަކުގެ މީހުން ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީން ދައުލަތަށް ޓެކްސްވެސް ދައްކާ، އަދި އެހެން ކަންތައްތައްވެސް އެބަކުރޭ. އެގޮތަށް ކުރާއިރު އެމީހުން ހޯދާ އަމްދަނީ ބޮޑުވާތީއޭ ކިޔާފަ ބޮޑެތި ނިސްބަތުން ޓެކްސް ނެގުމުން އިޖުތިމާއީ އަދާލަތު އޮންނަނީ އެކޮޅުކޮޅުން ބާވައޭ އަޅުގަނޑުގެ ހިތަށް އަރާ. ރެއާ ދުވާލު ބުރަ މަސައްކަތް ކޮށްގެން ތަނަވަސްކަން ހޯދާ މީހުންނާ، ދެތިންހަތަރު ގަޑިއިރު މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންގެ އަތުން ނަގާ ޓެކްސްގެ ޕަސެންޓޭޖް ތަފާތުވުމަކީ އެއީ ވަރަށް ވިޔާނުދާ ކަމެއް" ގާސިމް

ގާސިމް އިބްރާހިމް ވިދާޅުވީ، ގާނޫނުއަސާސީގެ ކުރިމަތީގަ އެންމެހާ ދިވެހި ރާއްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށާއި، އެންމެނަށްވެސް އޮތީ އެއް ހައްގުތަކެއް ކަމަށެވެ. އެހެންކަމަށް ވަންޏާ، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އެންމެނަށް ހަމަހަމަ ބައިވެރިވުންވެސް އޮންނަންޖެހޭނެ ކަމަށެވެ.

"މިސާލަކަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީންނާއި، އަޅުގަނޑުމެންގެ ތަންތަނުން އެބަ ދައްކާ ސާޅީސް ފަސް މިލިއަން ޑޮލަރަށްވުރެ ގިނައިން ކޮންމެ އަހަރަކު ދައުލަތަށް. ދައުލަތުގެ ތަންތަން ކުއްޔަށް ނަގައިގެން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން، އަނބިދަރިން ލޮލަށް ނުދެކި، ރެއާދުވާލު ދިއްލާހާ އަތްވެއްގައި ވެހޭހާ ވާރެއެއްގައި އެގޮތްމިގޮތަށް ތެޅި މަސައްކަތް ކުރަމުންގޮސް އަޅުގަނޑުމެން ހޯދާ އާމްދަނީއެއް ހޯދައިގެން. އެކަމަކު އަޅުގަނޑުގެ ދަރިންނަށާއި އަޅުގަނޑަށް ލިބިގެނެއް ނުވާނެއޯ ދައުލަތުންދޭ އެއްވެސް އެހީތެރިކަމާއި އިނާޔަތެއް. އަޅުގަނޑުމެން އޭގެން މަހްރޫމް ކޮށްލާށޯ ޖެހެނީ. އަޅުގަނޑުމެން މިދައްކާ ލާރި ދައްކަނީ ދައުލަތަށް ކުލިވެސް ދައްކާފަ މަސައްކަތްކޮށްގެން ހޯދާ އެއްޗަކުން އަދި ޖީއެސްޓީއާއި ޓީޖީއެސްޓީއާއި ދެން އައިހާ ނަމެއް ކިޔަންވީ، އެހުރިހާ އެއްޗެއް ދައްކައިގެން އަޅުގަނޑުމެން މިކުރަނީ. މިދެންނެވީ އިމްޕޯޓްޑިއުޓީ ނުލައި އިނގޭތޯ. އަޅުގަނޑުމެން ހޯދާ އާމްދަނީން ކުންފުނީގެ ވިޔަފާރީގެ ފައިދާއިން އަދި އެބަނަގާ %15 ޓެކްސްވެސް. ދެން ޑިވިޑެންޓްގެ ގޮތުގައި ލިބޭ އެއްޗަކުންވެސް އިތުރަށް ނަގާވާހަކަވެސް ބައެއް މެމްބަރުން އެބަދައްކާ. ކީއްތޯ މިވަނީ އަޅުގަނޑުގެ ހިތަށް އަރަނީ. ކޮންކަހަލަ މާހައުލެއް އަޅުގަނޑުމެންގެ ގައުމަށް ގެންނަންވެގެން ބާވައޭ މިމަސައްކަތްކުރަނީ. ދުނިޔޭގެ އެހެން ހުރިހާ ތަނަކުން މަސައްކަތްކުރާ ގޮތާއި އުސޫލުތަކާ ޚިލާފަށް މިތާކު ވަކި ގޮތަކަށް ކަންތައްތައް ކުރަން ބޭނުންވެގެން މިއުޅެނީ ކޮން އެއްޗެއް ހަދަންތޯ ކިހިނެއް ހަދަން ބާވައޭ އަޅުގަނޑުގެ ހިތަށް އަރަނީ" ގާސިމް
ޖުމްހޫރީ ޕާޓީގެ ޖަލްސާ - ވީފޮޓޯ: އަހުމަދު ޝުރާއު

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވަނީ، އައިއެމްއެފާއި ވޯރލްޑް ބޭންކުން ކޮށްފައިވާ ރެކޮމެންޑްތައް ދޫކޮށްލާފަ އިތުރު ޓެކްސްގެ ނިޒާމެއް ގާއިމްކުރަން ދާއިރު ހެދޭނެ ވަކި މޮޅު އެއްޗެއް އޮންނާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ، އާދައިގެ މީހާގެ އަތުން ޓެކްސް ނަގާށޭ ވިދާޅުވާން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށާއި، އެހެންނަމަވެސް ރައްޔިތުމީހާގެ މުޅި އާއިލާގެ މުހުތާދުތައް ފިލައިދާން އެބަޖެހޭ ކަމަށާއި، އެކަން ކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ ހޯދަން ކިހާ މަސައްކަތެއް ކިހާ އިރަކު ކުރަންޖެހޭނެކަން ކިހާ ފައިސާއެއް ބޭނުންވާނެކަން އަޅުގަނޑުމެންގެ ހިތަށް ގެންނަންޖެހޭ ކަމަށެވެ.

"ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގެ އެންމެން ގައުމު ގައުމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން، އަތުކުރި އޮޅާލައިގެން. އެގޮތަށް އެކަން ކުރުމުގެ ބޭނުމަކީ، ރާއްޖޭގައި އޮންނަ ސަރުކާރަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ގާނޫނުއަސާސީއާއި ގާނޫނުން މަތިކޮށްފައިވާ އެންމެހާ ކަންތައްތަކާއި، އަދި ރައީސުލްޖުމްހުރިއްޔާ ކަމަށް ވަޑައިގަތުމަށް އެބޭފުޅަކު ކުރައްވާ ކެމްޕެއިންތަކުގައި ވެވަޑައިގަންނަވާ ވައުދުތައް ފުއްދައިދިނުމަށްޓަކައި ކުރަންޖެހޭ ގިނަގުނަ މަސައްކަތްތައް ކުރުމަށްޓަކައި އާމްދަނީ ލިބި، އަދި ރައްޔިތުން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެއީ. އެ މަސައްކަތްތައް ކުރެވޭނީ ކުރިއަށް ގެންދެވޭނީ ދިވެހި ދައުލަތަށް އާމްދަނީލިބިގެން. އާމްދަނީއަކީ ސަރުކާރެއް ވީމާ ކޯދުލާ ފަޅާއެއްޗެއްނޫން. އާމްދަނީއަކީ މީހުން މަސައްކަތް ކޮށްގެން ހޯދަންޖެހޭ އެއްޗެއް" ގާސިމް އިބްރާހިމް