ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ މި ސަރަޙައްދުގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަނޑޮސް މޯލްޑިވްސްގައި މިއަދު ހެނދުނު ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓު ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ރާއްޖޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން ނިޒާމު އޮތްކަމުގައި ވީނަމަވެސް ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެން ނެތްކަމުގައެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުޞޫލަށް ބަލާއިރު ރާއްޖޭގައިވެސް މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކެޕިޓަލް މާކެޓްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ފައްޓަވާފައިވާ ސްކީމްތައް، ކެޕިޓަލް މާކެޓު ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ފުޅާކުރުމުގެ މުހިންމުކަން ވެސް ރައިސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދު މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިޔުމުގައިވެސް ވަރަށް ބޭނުންތެރި ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެސް، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

( މާލެ ، 31 އޮކްޓޯބަރު 2019 ) -- ރާއްޖޭގެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމްގެ ތެރެއިން -- ވީފޮޓޯ : އަހުމަދު ޝުރާއު

އެމަނިކުފާނު ވިދާޅުވީ ތަރައްގީ ހާސިލްކުރަން ބޭނުންވަނީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި އެކަން ކުރެވޭނީ، ވަގުތީ ހައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ހައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެންކަމުގައެވެ. އަދި މިއަދު ކުރިއަށްގެންދިޔަ ފޯރަމްގެ މަޝްވަރާތައްވެސް މިފަދައިން ބައްޓަންކުރުމަށް ރައީސް އިލްތިމާސް ކުރެެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރެވިފައިވާ 8 ކުންފުންޏަށް ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މި ފޯރަމަކީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ.

ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމުގެ އެންމެ މުހިންމު މަގްސަދަކީ ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމެވެ.

މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާ ހުށަހެޅުންތައް މި ފޯރުމުގައި ކުރިއަށްގެންގޮސްފައިވެއެވެ.